ކުރީގެ ފަނޑިޔާރު ދީދީއަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ދީފި

Tue, 23 Apr 2024 01:27 PM

View on this article on Mihaaru

ކުރީގެ ފަނޑިޔާރު ދީދީއަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ދީފި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ކަން ދީފި އެވެ.

ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް ސާބިތުވެ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ނިންމި އަބްދުﷲ ދީދީ އައްޔަން ކޮށްފައިވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ކަމަށެވެ.

އެ މަގާމަށް އަބްދުﷲ ދީދީ އައްޔަން ކުރިއިރު، އޭނާއާ ގުޅޭ މައްސަލައެއް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި އެބަ އޮތެވެ.

އެ އޮފީހުގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ އަބްދުﷲ ދީދީ އަށް ތުހުމަތުވާ މައްސަލައެއް އެބައޮތް ކަމަށާއި އެ މައްސަލާގައި ދައުވާ ކުރުމާ މެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި އަބްދުﷲ ދީދީގެ މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހެޅި އެ މައްސަލަތައް ބަލަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމާ އެކު އެވެ. އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރީ އެ ވެރިކަމުގެ ފަހު އަހަރު ސުޕްރީމް ކޯޓުން ނެރުނު މައްސަލަ ބޮޑުވި 1 ފެބުރުއަރީގެ އަމުރަށް ފަހު ދެ ފަނޑިޔާރެއްގެ މަގާމު ގެއްލުމުންނެވެ.

އޭނާ އަށް ބޮޑެތި ތުހުމަތުތަކެއްކޮށް ޖޭއެސްސީ އިން އަބްދުﷲ ދީދީ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެ މަޖިލީހުން 72 މެންބަރުންގެ ވޯޓާ އެކު ނިންމީ އޭނާ މަގާމުން ވަކިކުރާށެވެ. އަބްދުﷲ ދީދީ އަކީ ރައްޔިތުންގެ މަޖިލީހުން މަގާމުން ވަކިކުރި ސުޕްރީމް ކޯޓުގެ ފުރަތަމަ ފަނޑިޔާރެވެ.

އޭނާގެ މައްސަލަ ފުލުހުން ވެސް ތަހުގީގު ކުރަން ފަށާފައިވަނިކޮށް، މެލޭޝިއާ އަށް ވަޑައިގެންނެވި ގޮތަށް އުޅުއްވީ އެ ގައުމުގަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ރާއްޖެ އަށް އެނބުރި ވަޑައިގެންނެވީ ކުރީގެ ސަރުކާރު ބަދަލުވުމާ އެކު އެވެ.

އަބްދުﷲ ދީދީގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ފަނޑިޔާރު އަށް ވެސް ފައިސާ ލިބިފައި އޮތް ކަމަށް ތުހުމަތުކުރެވުމެވެ. އޭނާ ވަނީ ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް އަމަލެއް ދުވަހަކު ވެސް ހިންގަވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.





More from Mihaaru