ޓާޓާ ފްލެޓަށް ޝަރުތުހަމަވެ، ފްލެޓު ނުލިބުނު މީހުންނަށް މި ސަރުކާރުން ހިޔާވަހިކަން ދެނީ

Sat, 20 Apr 2024 05:37 PM

View on this article on Mihaaru

ޓާޓާ ފްލެޓަށް ޝަރުތުހަމަވެ، ފްލެޓު ނުލިބުނު މީހުންނަށް މި ސަރުކާރުން ހިޔާވަހިކަން ދެނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެށި ޓާޓާ ފްލެޓަށް ޝަރުތު ހަމަވެ، އެ ފްލެޓު ނުލިބުނު މީހުންނަށް މި ސަރުކާރުގެ ސޯޝަލް ހައުސިންގެ ތެރެއިން ފްލެޓު ދޭން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޯހިޔާވަހިކަމަށް ޖުމްލަ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ކުރީގެ ސަރުކާރުތަކުން ހިންގި މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބުމުން މަހުރޫމްވެފައިވާ މީހުން އަދި އެކި މަޝްރޫއުތަކުން ލިބިފައިވާ ބޯހިޔާވަހިކަމަށް ފައިސާ ދެއްކުމުގައި ދިމާވެފައިވާ ދަތިކަމަށް ހައްލެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި 2010 ވަނަ އަހަރު ހުޅުވާލި އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުން އަރަބިއްޔާ އަދި ގާކޮށީގައި އިމާރަތްކުރި ޓާޓާ ފްލެޓުތަކަށް ޝަރުތުހަމަވެ، ފްލެޓު ނުލިބުނު މީހުންނާއި އެ ފްލެޓު ހޯދަން ބޮޑު އިންޓްރެސްޓެއްގައި ލޯނު ނެގި މީހުންގެ ތެރެއިން އެހެން އެއްވެސް މަޝްރޫއަކުން ބޯހިޔާވަހިކަން ނުލިބޭ މީހުންނަށް ސަރުކާރުން މިހާރު އިމާރަތްކުރާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ހިޔާވަހިކަން ހޯދައިދިނުން ހިމެނެ އެވެ.

ނަމަވެސް އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ. މާލެ ސަރަހައްދުގައި މި ވަގުތު އަމަލީ މަސައްކަތް ކުރަމުން އަންނަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި ދަހި ދިރިއުޅުން ފްލެޓުތައް އެކަންޏެވެ.

ގާކޮއްޓާއި އަރަބިއްޔާ ފްލެޓް، 47 އާއިލާއަކަށް ގަންނަން މަޖުބޫރުވީ ކޮމާޝަލް ލޯން ނަގައިގެންނެވެ. ވެށިފަހި މަޝްރޫއު އެމްޑީޕީގެ ސަރުކާރުން 2010 ގައި ހުޅުވާލި އިރު ޔަގީން ކަން ދީފައި އޮތީ ދިގު މުއްދަތަކުން ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށް ހެޔޮ އަގެއްގައި ފްލެޓް ދޫކުރާނެ ކަމަށެވެ. އެ ފްލެޓްތަކުގެ ޑައުންޕޭމަންޓަށް 28،000 ރުފިޔާ ދައްކައި 20 އަހަރު ދުވަހުން ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް ހަމަޖެހޭނެ ކަމަށާއި އެއީ، ގާތްގަނޑަކަށް މަހަކަށް މަދުވެގެން 7،000 ރުފިޔާ ކަމަށް އެ އާއިލާތަކަށް އޭރު ޔަގީންކަން ދިނެވެ.

އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމީ، ފްލެޓްތަކުގެ އަގުގެ ގޮތުގައި އެއްފަހަރާ ދެ މިލިއަން ރުފިޔާ ދައްކަން ޖެހޭ ގޮތަށެވެ. އެ އާއިލާތަކަށް 2016 ގައި މިގޮތަށް އެންގި ނަމަވެސް މިއީ، އާއްމުކޮށް ސޯޝަލް ހައުސިން ސްކީމްތަކުގައި އަމަލުކުރާ ގޮތެއް ނޫނެވެ. ފްލެޓްތަކަށް ދެ މިލިއަން އެއްފަހަރާ ދައްކަން ޖެހުމުގެ ކަންބޮޑުވުމުގައި ތިއްބައި ފްލެޓްތައް 2017 ގައި ބަދަލުކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށަށެވެ. އެ ތަނުން އެންގީ، ފަސް އަހަރުން ދެ މިލިއަން ރުފިޔާ ދައްކާ އަގު ހަލާސްކުރާ ގޮތަށް މަހަކު 33،000 ރުފިޔާ ދެއްކުމަށެވެ. އެޗްޑީސީން ނިންމީ އެ އަގަށް އެއްބަސްނުވާ މީހުންގެ ފްލެޓް ވިއްކާލާށެވެ. އެހެންވެ ދެގުނަ ބޮޑުކޮށް ބޭންކްތަކުން ކޮމާޝަލް ލޯނު ނެގީ 9-11 ޕަސެންޓު އިންޓްރެސްޓުގައި 15-20 އަހަރުން ދައްކާ ގޮތަށެވެ.





More from Mihaaru