ތިން ރަށެއްގެ ހޮސްޕިޓަލްގެ އާ އިމާރާތް އަޅަން އެމްޓީސީސީއަށް

Sat, 20 Apr 2024 04:51 PM

View on this article on Mihaaru

ތިން ރަށެއްގެ ހޮސްޕިޓަލްގެ އާ އިމާރާތް އަޅަން އެމްޓީސީސީއަށް

ތިން ރަށެއްގައި ހޮސްޕިޓަލްގެ އާ އިމާރާތް އަޅަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ރ. އަލިފުށި، ނ. މަނަދޫ އަދި މ. މުލީ ހޮސްޕިޓަލްގެ އާ އިމާރާތް ނިމުމުން ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ހުރިހާ ހިދުމަތެއް ލިބި، އެހެން ރަށްރަށުގެ މީހުންނަށް ހިދުމަތް ހޯދުމުގައި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

މަނަދޫ އަދި މުލީގައި އަޅަން ހަމަޖައްސާފައިވަނީ 50 އެނދުގެ ދެ ހޮސްޕިޓަލެވެ. އެ ތަންތަން ނިންމަން 185 މިލިއަން ރުފިޔާއަށް ދީފައިވަނީ ދެ އަހަރުގެ މުއްދަތެކެވެ. އަލިފުށީގައި އަޅަން ހަމަޖައްސާފައިވަނީ 30 އެނދުގެ ހޮސްޕިޓަލެވެ. އެއީ 128 މިލިއަން ރުފިޔާއަށް، 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މިނިސްޓްރީން ބުނީ އެ ތިން ހޮސްޕިޓަލަކީ ކޮވިޑް ފަދަ ބަލިތައް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އާއްމު އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހަދާ ތަންތަން ކަމަށެވެ.

އޭގެ އިތުރުން ހަކަތައަށް ކުރާ ހަރަދު ކުޑަކުރަން އެ ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި ސޯލާ ޕީވީ ސިސްޓަމް ހަރުކޮށް ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަނާއި މެޑިކަލް އެއާ އަދި ސަކްޝަން އަޅާނެ އެވެ.

މިއީ ރަށްރަށުގައި ދޭ ސިއްހީ ހިދުމަތް ފުޅާކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އަޅާ ހޮސްޕިޓަލްތަކެވެ.





More from Mihaaru