ގިރާވަރުފަޅު، ގުޅިފަޅު އަދި ހުޅުމާލެ 3 ގެ މަސައްކަތް ބައްލަވައި ރައީސް ދެއްވީ ސްޕީޑް އަވަސް ކުރައްވާނެ ކަމުގެ ޔަގީންކަން

Sat, 20 Apr 2024 04:40 PM

View on this article on Mihaaru

ގިރާވަރުފަޅު، ގުޅިފަޅު އަދި ހުޅުމާލެ 3 ގެ މަސައްކަތް ބައްލަވައި ރައީސް ދެއްވީ ސްޕީޑް އަވަސް ކުރައްވާނެ ކަމުގެ ޔަގީންކަން

ގުޅިފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައި އެ ހުރިހާ މަސައްކަތެއްގެ ސްޕީޑް އަވަސް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފި އެވެ.

ރައީސާއި އެ މަނިކުފާނުގެ ޓީމުގެ ބައެއް ބޭފުޅުން އެ ތިން ސަރަހައްދަށް ވަޑައިގެން ތަންތަން އަމަލީ ގޮތުން ބެއްލެވުމަށް ފަހު، ކޮންމެ ތަނެއްގެ މަސައްކަތާ ގުޅޭ ގޮތުން ވަކިވަކިން މީޑީއާއާ މައުލޫތު ހިއްސާ ކުރެއްވި އެވެ.

ގިރާވަރުފަޅު ހިއްކުން އަވަސް ކުރަނީ

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ބާކީ 113 ބިން ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފެށީ ކަމަށާއި މިހާރު އެކަން ކުރަނީ އެންމެ ޑްރެޖަރަކުން ކަމަށެވެ. އެންމެ ޑްރެޖަރަކުން މަސައްކަތް ކުރާ ނަމަ 113 ހެކްޓަރު ނިންމަން ނަގަނީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ގިނަވެގެން 10 މަސް ދުވަހެވެ.

އެކަމަކު، ސްޕީޑް އަވަސް ކުރަން ބޭނުންވާތީ އިތުރު ޑްރެޖަރެއް ގެންނަން އެޗްޑީސީގައި ދަންނަވާފައިވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ގިރާވަރު ފަޅު ހިއްކައި ނިމޭ ވަރަކުން ލޭންޑް ޔޫޒް ޕްލޭން ހަދަމުން އަންނަ ކަމަށެވެ. އަދި ބިންގަނޑު ސެޓްލް ވުމުން ގޯތި ދޫކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ވަރަށް ޔަގީންކަމެއް އަޅުގަނޑަށް އެބައޮތް މި ދެންނެވި ޓައިމްފްރޭމްގައި ނިންމޭނެ ކަމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތް ކުރާ ގޮތުގެ ޗާޓު މިއަދު ބައްލަވަނީ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ގިރާވަރުގެ މަގު ހެދުމާއި ފެނާއި ކަރަންޓުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ވެސް މި އަހަރު ފަށާނެ އެވެ. ވިދާޅުވީ، މި އަހަރުގެ ޖުލައި މަހުގެ ފަހުން އެ މަސައްކަތް ބަޔަކާ ހަވާލުކޮށް، އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން ބިން ހަވާލު ކުރާނަން މިހާރު މި އޮތް ބިމުން ވަރަށް އަވަހަށް. އިންފްރާސްޓްރަކްޗާ ގާއިމްވެފައި ހުރިއްޔާ ހަގީގަތުގައި ދިރިއުޅެން ފެށޭނީ. އެހެންވީމާ މި ދެންނެވީ ޖުލައި ފަހަށް ތިންވަނަ ކުއާޓަރަށް ދާންވާއިރަށް މި ތަނުގައި އަމަލީ ގޮތުން އިންފްރާސްޓްރަކްޗާ ގާއިމް ކުރަން ވެސް ބަޔަކު އަރުވާނަމޭ މި ތަނަށް،" ރައީސް ވިދާޅުވި އެވެ.

ހުޅުމާލެ ފޭސް 3، ހަތަރު މަސް ތެރޭގައި ނިންމާނެ

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ބެއްލެވުމަށް ފަހު ރައީސް ވިދާޅުވީ، އެ ބިން ހިއްކުމުގެ މަސައްކަތް ގިނަވެގެން ހަތަރު މަސް ތެރޭގައި ނިމޭނެ ކަމަށެވެ. ހުޅުމާލެ ފޭސް 3 ހިއްކަނީ ތިން ބަޔަކަށް ބަހައިގެންނެވެ.

ރައީސް ވިދާޅުވީ، ހުޅުމާލޭގެ ތިން ވަނަ ފިޔަވަހިން ފުރަތަމަ ހިއްކާ ބިމުން 700 ގޯތި ދޫކުރާނެ ކަމަށާއި އެއީ އެ މަނިކުފާނުގެ ވައުދަކަށް ވާތީ އެކަން ކުރާނެ ކަމަށެވެ. އެ 700 ގޯތި ލިބޭ މީހުންނަށް މިހާރު ވެސް ވަނީ ލިޔުން ދީފައިކަން ރައީސް ފާހަގަ ކުރެެއްވި އެވެ.

ރައީސް މުއިއްޒު މިއަދު ހުޅުމާލޭގެ ދެވަނަ ފިޔަވަހި ސަރަހައްދުގައި ހުންނަވައިގެން މީހަކާ ފޯނުން ވާހަކަފުޅު ދައްކަވަނީ.

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގެ މަގު ހެދުމާއި ފެނާއި ކަރަންޓުގެ ނިޒާމުގެ މަސައްކަތް ވެސް އެޗްޑީސީން މިހާރު ވަނީ ބަޔަކާ ހަވާލު ކޮށްފަ އެވެ.

"ގޯތިތައް ލިބޭ ފަރާތްތަކުން އިމާރާތް ޑިޒައިންކޮށް، އިމާރާތް ކުރުމުގެ ހުއްދަ ވެސް ވަގުތުން ދޭނަން އަޅުގަނޑުމެން. އިމާރާތް ކުރަން ވެސް ފެށޭނެ. އިމާރާތްކޮށް ނިމެންވާއިރަށް މި ތަނުގައި ފެނާއި ކަރަންޓާއި ނަރުދަމާ އާއި މަގުތައް ވެސް ހަދާނެ. ރައްޔިތުންނަށް އަޅުގަނޑު ވައުދުވި ގޮތަށް ސަރުކާރުން މި ކަންތައް ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ގުޅިފަޅުގެ މަސައްކަތް ތިން މަސް ކުރިއަށް

ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކައިރިން ބެއްލެވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ، އެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އަހަރުގެ ނިޔަލަށް ކަމަށެވެ. އެއީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ތާވަލް ކޮށްފައިވާ ދުވަހަށް ވުރެ ތިން މަސް އަވަސް ތާރީހެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ބޭނުންވަނީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާ މި ކަހަލަ ހުރިހާ މަޝްރޫއުތަކަކީ ކުރިއަށް ވުރެ މާ ބާރު ސްޕީޑުގައި ކުރިއަށް ދާ، އޭގެ ނަތީޖާ މާ ރަނގަޅަށް ނެރެދޭ، ރަނގަޅު މަޝްރޫއުތަކުގެ ގޮތުގައި ކުރިއަށް ގެންދަން. އެހެންވެ، އެ މަސައްކަތް ވަރަށް ގާތުން އެބަ ބަލަން، އެންމެ މަތީ ލެވެލް އިން މިނިސްޓާ ވެސް އަމަލީ ގޮތުން ބައިވެރިވޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުން، މާލޭގައި ދިރިއުޅޭ ރައްޔިތުން ހިމެނޭހެން މި ފަސް އަހަރުގެ ތެރޭގައި ގޯއްޗެއް ނުލިބޭ، ގެދޮރެއް ނުލިބޭ އެކަކު ވެސް ނުހުންނަ ހިސާބު އެއީ އަޅުގަނޑުގެ ޓާގެޓަކީ. އެކަން ހާސިލް ކުރާނަން އިރާދަކުރެއްވިއްޔާ."--- ރައީސް

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ގުޅިފަޅުން މިހާރު ހިއްކާފައިވާ ސަރަހައްދުން ގޯތި ހަވާލު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ. އެ ކަން ކުރާނީ ގިރާވަރު ފަޅުން ގުޅިފަޅަށް ގޯތިތައް ބަދަލުކުރަން ބޭނުންވާ މީހުންނާ އެކު ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ގުލިފަޅުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ ބޮޑު މަޝްރޫއު ވެސް މި އަހަރު ފަށާނެ އެވެ.

ރައީސް ވިދާޅުވީ، ގިރާވަރު ފަޅާއި ގުޅިފަޅު އަދި ހުުޅުމާލެ 3 އާ މެދު އޮތް އުންމީދު ވަރަށް ބޮޑު ކަމަށެވެ.

"މާލޭގެ ރައްޔިތުންނަށް އަޅުގަނޑު ދޭނެ ޔަގީން ކަމަކީ މި މައްސަލަ، ގެދޮރުގެ މައްސަލަ އަށް، އަދި ގެދޮރުގެ މައްސަލައާ ބްރިޖު ވެސް ގުޅިފައި މި އޮތީ. އެހެންވީމާ ގެދޮރުގެ މައްސަލަ އަށް ދާއިމީ ހައްލެއް އަޅުގަނޑުމެން މި ފަސް އަހަރުގެ ތެރޭގައި އަޅުގަނޑު ވައުދުވި ގޮތަށް ގެންނާނަމޭ،" ރައީސް ވިދާޅުވި އެވެ.

"މާލޭގެ ރައްޔިތުން، މާލޭގައި ދިރިއުޅޭ ރައްޔިތުން ހިމެނޭހެން މި ފަސް އަހަރުގެ ތެރޭގައި ގޯއްޗެއް ނުލިބޭ، ގެދޮރެއް ނުލިބޭ އެކަކު ވެސް ނުހުންނަ ހިސާބު އެއީ އަޅުގަނޑުގެ ޓާގެޓަކީ. އެކަން ހާސިލް ކުރާނަން އިރާދަކުރެއްވިއްޔާ."





More from Mihaaru