ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތް: ހީނާ

Sat, 20 Apr 2024 04:15 PM

View on this article on Mihaaru

ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތް: ހީނާ

ރަައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މާދަމާ ބާއްވާ މަޖިލިސް އިންތިހާބުގެ ކެމްޕެއިނާ ގުޅޭގޮތުން ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ގިނަ ކަންކަން ތަންފީޒުކޮށް އާއްމުންނަށް ލުއިތައް ގެނެސްދީފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިޔާ އަދި ވިނަރެސް ފްލެޓުތަކުގެ ކުލި ކުޑަކުރުމާއި ރޯދަ ފަހު 10 ބަންދުކުރުމާއި ޔުޓިލިޓީގެ ހަރަދުތައް ކުޑަކުރުމަށް ރޯދަ މަހު ޑިސްކައުންޓު ދިނުން އަދި އިގުތިސޯދީ ސަރަހައްދު ބަލަހައްޓަން ދިވެހި ސިފައިން ހަމަޖެއްސުމާއި އިގުތިސޯދު ކޮޅަށް ޖެހުމަށް ފައިސާ ޗާޕްކުރުން ހުއްޓާލުން ހިމެނޭ ކަމަށެވެ. އެކަންކަމުގެ އިތުރުން އެއާ އެމްބިއުލާންސް ބޭނުންކުރަން ފެށުމާއި އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ ގޮތް ހަމަޖައްސައި އައިޔޫއައި އާއި އައިވީއެފަށް އާސަންދަ ދިނުމަކީ ވެސް ރައީސްގެ ވައުދެކެވެ.

ނަމަވެސް، ހީނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޑިމޮކްރަސީއާ ވަރަށް ބީރައްޓެހި ގޮތަކަށް ކެމްޕެއިން ކުރާތީ ހިތާމަ ކުރާ ކަމަށެވެ. އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީއަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ދިނުމުން ކަންތައް ކުރި ގޮތް އެނގޭ ކަމަށާއި މަޖިލީހުގެ ތެރެއިން ރައީސް ބޭނުންފުޅުވި ކަންކަމަށް މަޖިލީހުން ދަަތިކޮށްފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.

"ސުޕަ މެޖޯރިޓި އޮވެގެން ކުރެވުނު ކަމެއް ނެތް. ކުރި ކަމަކީ ގާނޫނުތަކުގައި ތަޅު އަޅަވައިގެން ފައިސާ ޗާޕްކުުރުން. މާދަމާގެ ވޯޓަކީ ދިވެހިންގެ ރާއްޖެއަށް ދިއުމަށް މުހިއްމު ވޯޓަކަށް ވާތީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުން ވަރަށް މުހިއްމު." އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަދެއްކިޔަސް، ހީނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ވެރިކަން ނިމުނުއިރު ކުޑަ ރަށެއް އަދި ބޮޑު ރަށެއް ނުބަލާ ހުރިހާ ކަމެއް ފެއިލްކޮށްފައިވާ ކަމަށެވެ.

އެ ސަރުކާރުގެ މައިގަނޑު ސިޔާސަތުގެ ތެރޭގައި ބޯހިޔާވަހިކަން ހިމެނުނަސް އެ މުއްދަތުގެ ތެރޭގައި އެންމެ ފްލެޓެއް ވެސް ނޭޅޭ ކަމަށް ހީނާ ވިދާޅުވި އެވެ.

އެހެންވެ، ރައީސްގެ ވައުދުތައް ރަނުން ރަނަށް ފުއްދުމަށް މަޖިލީހުގެ އެހީތެރިކަން ބޭނުންވާ ކަމަށް ޕީއެންސީން ބުންޏެވެ.

"ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތް. ހުރިހާ ދިވެހިން ބޭނުންވާ ކަންކަން ހާސިލްކުރަން ސަރުކާރުގެ މަޖިލީހެއް އޮތުމަކީ އެންމެ މަގުފަހިވާނެ ކަމެއް." އޭނާ ވިދާޅުވި އެވެ.





More from Mihaaru