އިދިކޮޅަށް މެޖޯރިޓީ ލިބިއްޖެ ނަމަ ބަޣާވާތް ކުރާނެ، ގައުމަށް ހަމަޖެހުން ބޭނުން: ރައީސް

Fri, 19 Apr 2024 08:06 AM

View on this article on Mihaaru

އިދިކޮޅަށް މެޖޯރިޓީ ލިބިއްޖެ ނަމަ ބަޣާވާތް ކުރާނެ، ގައުމަށް ހަމަޖެހުން ބޭނުން: ރައީސް

ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ދައްކަނީ ބަޣާވަތްކޮށް، މި ސަރުކާރު ބަދަލުކުރާ ވާހަކަ ކަމަށް ވާތީ، މި ގައުމަށް ހަމަޖެހުން ބޭނުންވާ ކަމަށާއި އެހެންވެ ސަރުކާރު ވިސްނުމުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އެދިވަޑައިގެންނެފި އެވެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި، ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ފުވައްމުލަކުގެ ތިން ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ވެރިކަމާ އެކު، ބޮޑު ޒިންމާއެއް ހަވާ ލުކޮށްފައިވާ ކަމަށެވެ. އެއީ ޒަމާންތަކެއް ވަންދެން ފުވައްމުލައް ތަރައްގީ ކުރުމުގެ ގުރުބާނީ ހަގީގަތަކަށް ހަދައިދިނުމުގެ ޒިންމާ ޒިންމާ ކަމަށް ވިދާޅުވި އެވެ.

ޕީއެންސީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދައި ދެއްވާނެ ކަމަށެވެ. ނަމަވެސް، އެ އަމާނާތް އަދާކުރަން ވަރަށް މުހިއްމު އެއްބާރުލުމެއް އަދި އެތަނަކާ ނުލައި ސަރުކާރު ނުހިންގޭ، ރައްޔިތުންގެ މަޖިލިހަށް ސަރުކާރުގެ ވިސްނުމުގެ ބޭފުޅުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓުން ހޮވައިފި ނަމަ އެއްބާރުލުމެއް ނުލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓުން އެ ވާހަކައެއް ކުރިން ނުދައްކަވާ ކަމަށާއި ދެއްކެވީ ސަރުކާރު ޖަވާބުދާރީކުރުމުގެ ވާހަކަ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އެ ބޭފުޅުންގެ ރާގު މިހާރު ބަދަލުވެ، އިދިކޮޅު މެމްބަރުން ދައްކަވަނީ ބަޣާވާތްކުރުމާއި ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތުގެ ބާރުގައި ރައީސް މަގާމުން ވަކިކުރުމުގެ ވާހަކަތައް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ފުވައްމުލަކުގެ ސެ ސަޕޯޓަރަކާ އެކު ރޭ ސެލްފީއެއް ނަންގަވަނީ

"ވަރަށް ސާފުކޮށް ނޫންތޯ އެ ވިދާޅުވަނީ ސަރުކާރަކަށް އެއްބާރުލުމެއް ނުލިބޭނެއޭ ތިމަންނަމެން ޕްލޭން ކުރަނީ ސަރުކާރު ބަދަލުކުރަންށޭ މަޖިލިސް ތެރެއިން. ކުރިން އެ ވާހަކައެއް ނުދައްކާ. ކުރިން ބޭނުންކުރަމުން ދިޔައީ ވަރަށް ސިމްޕަލް، ވަރަށް އާދައިގެ ބަހެއް، ޖަވާބުދާރީކުރުވުން. ޖަވާބުދާރީކުރުވަން ޖެހޭނެ، އެއީ ކުރެވޭނެ ކަމެއް. އެކަމަކު އެ ދާއިރާގެ ރައްޔިތުންގެ ހައްގުގައި އެކަން ކުރަން ވާނީ،" ރައީސް ވިދާޅުވި އެވެ.

އިދިކޮޅު މެމްބަރުން ހޮވައިފި ނަމަ އިސްކުރާނީ އެ ޕާޓީގެ ފިކުރުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރުގެ ތިން ވަޒީރަކަށް އެއްވެސް ސަބަބަކާ ނުލައި މިހާރުގެ ރައްޔިތުންގެ މަޖިލިހުން ރުހުން ނުދިން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްތަކުގެ ހަނދާންތައް އާ ކުރައްވަމުން ރައީސް ވިދާޅުވީ އެކި މައްސަލަތަކުގައި އޭރު ވަރަށް ގިނައިން މަޖިލީހަށް ހާޒިރުކުރި ކަމަށެވެ. އެކަންކަން ކުރީ ވެސް ރައީސް ވިދާޅުވި ގޮތުގައި އޭރު ސަރުކާރަށް ނިސްބަތްވެވަޑައިގެންނެވި މެމްބަރުންނަށް ވާތީ އެވެ.

"ވަރަށް ސާފުކޮށް ނޫންތޯ އެ ވިދާޅުވަނީ ސަރުކާރަކަށް އެއްބާރުލުމެއް ނުލިބޭނެއޭ ތިމަންނަމެން ޕްލޭން ކުރަނީ ސަރުކާރު ބަދަލުކުރަންށޭ މަޖިލިސް ތެރެއިން. ކުރިން އެ ވާހަކައެއް ނުދައްކާ. ކުރިން ބޭނުންކުރަމުން ދިޔައީ ވަރަށް ސިމްޕަލް، ވަރަށް އާދައިގެ ބަހެއް، ޖަވާބުދާރީކުރުވުން. ޖަވާބުދާރީކުރުވަން ޖެހޭނެ، އެއީ ކުރެވޭނެ ކަމެއް. އެކަމަކު އެ ދާއިރާގެ ރައްޔިތުންގެ ހައްގުގައި އެކަން ކުރަން ވާނީ،"--- ރައީސް

"މި ގައުމަށް ބޭނުންވަނީ ހަމަޖެހުން. މެނިފެސްޓޯއާ އެއްގޮތަށް މަސައްކަތްކުރަން މަޖިލިސް ބޭނުން. މަޖިލީހާ ސަރުކާރާ ކޯޅި ގައުމު ހުއްޓިގެން އޮވެގެން ނުވާނެ. މަޖިލީހަށް ހޮވަނީ މި ވިސްނުމުގެ ވިއްޔާ ވިސްނަންޖެހޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ސަރުކާރު ހިންގުމުގައި ސީރިއަސް މަސައްކަތްކުރާ ކަމަށެވެ. އެކަމުގެ ނަތީޖާ ނެރެދިނުމަށް މި ވެރިކަމަށް މި ވީ ފަސް މަސް ދުވަހުގެ ތެރޭގައި މަސައްކަތްކުރީ އެގޮތަށް ކަމަށާއި އެކަމަކު މަޖިލީހުގެ ތެރެއިން އެއްބާރުލުމެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.

ފުވައްމުލަކުގެ ސަޕޯޓަރުންތަކެއް ރޭ ރައީސް މުއިއްޒާ އެކު ފޮޓޯއެއް ނަގަނީ.

އިންތިހާބުގެ ތެރޭގައި ވެވަޑައިގެންނެވި އެންމެ މުހިއްމު ވައުދު، އިންޑިއާގެ ސިފައިން ފޮނުވާލުމުގެ ވައުދު ފުއްދަން ފަށާފައިވާ ކަމަށާއި އެކަން ކުރަމުން އަންނަނީ ޑިޕްލޮމަސީގެ ރީތި އުސޫލުތައް ބޭނުންކޮށްގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ޑޯނިއާ އަދި ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ތިން ގްރޫޕަކަށް ބަހާލައިގެން އަންނަ މަހުގެ 10 ގެ ކުރިން އެ އެންމެން ރާއްޖެއިން ފޮނުވައި ނިމޭނެ ކަމަށް ވިދާޅުވި އެވެ.

ދިވެހި ސިފައިންނަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ނުބެލެހެއްޓޭތީ މީގެ ކުރިން އެކަން ކުރީ ވެސް އެހެން ގައުމުގެ އެހީ ހޯދައިގެން ކަމަށް ވިއަސް، މިދިޔަ މަހުން ފެށިގެން ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަން ފަށާފައިވާ ކަމަށާއި މިނިވަންކަން އިހުސާސްކޮށްދޭ މިންވަރު ހެދުމަކީ އުފަލެއް ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ސޮއިކުރަމުން ދާ މިސްރާބު ބާރުމިނުގައި ގޮސް، މި ސިޓީގައި ހިމެނޭ ގޮތަށް ބިޔަ އިންފްރަސްޓްރާޗާ ފެށޭނެ ކަމަށެވެ.





More from Mihaaru