ޔާމީން މިނިވަންވުމުން މި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަން ސާބިތުވެއްޖެ: އަބްދުއްރަހީމް

Thu, 18 Apr 2024 11:21 PM

View on this article on Mihaaru

ޔާމީން މިނިވަންވުމުން މި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަން ސާބިތުވެއްޖެ: އަބްދުއްރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިއަދު މިނިވަންވުމުން ސާބިތުވަނީ މި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ކުރިން ޔާމީންގެ ވަރަށް އަރިސް ބޭފުޅެއް ވެސް ކަމަށްވާ އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ދިވެހީންގެ ރާއްޖޭގައި" ކޮންމެ މީހަކަށް ވެސް ތަފާތު ކުރުމެއްނެތި އަދުލު އިންސާފު ލިބޭނެކަން ރައީސް މުއިއްޒު ކަށަވަރުކޮށްދެއްވައިފި ކަމަށެވެ.

"ޝަރުއީ ދާއިރާއަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާ އެކު ޝަރީއަތް ކުރުމުގެ ފުރުސަތު އޮތް ދާއިރާއެއްކަން ޔަގީންކޮށް ދެއްވައިފީމު. ދިވެހީން ބޭނުންވަނީ މަނިކުފާނު ފަދަ ބަހާ އަމަލާ ދިމާވާ ވެރިން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމްތަކުގެ ތެރެއިން ރިޝްވަތުގެ ކުށުގައި އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމާއި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އިއްވި ހަތް އަހަރުގެ ޖަލު ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ. އެ އަމުރާ އެކު ޔާމީން މިހާރު ވަނީ މިނިވަންވެފަ އެވެ.

ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތުމުގެ ސަބަބުން އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ބަންދުވި އެވެ. އެއީ ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޮތް ނަމަ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވާތީ އެވެ. އަދި އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މިދިޔަ އަހަރު ހުށަހެޅުއްވި ނަމަވެސް އެ ކޯޓުން ވެސް ނިންމީ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށެވެ.

އެހެންވެ ޔާމީންގެ ބަދަލުގައި އޭރުގެ އިދިކޮޅުގެ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތީ މިހާރުގެ ރައީސް ޑރ. މުއިއްޒެވެ.

ޔާމީން މިނިވަންވުމުގެ ކުރިން އިއްޔެ ރޭ ބޭއްވި ޕީއެންސީގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް ވަނީ މިއަދު ޔާމީން މިނިވަންވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ކަމަށް އިންތިހާބުވެވަޑައިގެން އެންމެ ފުރަތަމަ ނޫސްވެރިންނާ ބައްދަލުކުރައްވާ ވެސް ރައީސް ޑރ. މުއިއްޒު އޭރު ގޮވާލެއްވީ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށެވެ. އަދި އެހެންވެ، ޖެހިގެން އައި ދުވަހު އޭރުގެ ސަރުކާރުން އެކަން ކޮށްދިނެވެ.





More from Mihaaru