ޝަރީއަތް ދިގުލައިގެން ގޮސް ގިނަ ހައްގުތަކެއް ގެއްލިއްޖެ: ޔާމީން

Thu, 18 Apr 2024 10:27 PM

View on this article on Mihaaru

ޝަރީއަތް ދިގުލައިގެން ގޮސް ގިނަ ހައްގުތަކެއް ގެއްލިއްޖެ: ޔާމީން

ވ. އާރަށުގެ މައްސަލާގައި އުފުލި ދައުވާތައް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރި ފަހުން އެ މަނިކުފާނުގެ ޝަރީއަތް އެތައް ދުވަހަކަށް ދިގުލައިގެން ދިއުމުގެ ސަބަބުން ވަރަށް ގިނަ ހައްގުތައް ގެއްލިފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމްތަކުގެ ތެރެއިން ރިޝްވަތުގެ ކުށުގައި އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމާއި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އިއްވި ހަތް އަހަރުގެ ޖަލު ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ. އެ އަމުރާ އެކު ޔާމީން މިހާރު ވަނީ މިނިވަންވެފަ އެވެ.

އެ އަމުރަށް ފަހު މިނިވަނެއްގެ ގޮތުގައި ހައި ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، މި ޝަރީއަތުގެ އެންމެ ފުރަތަމަ މަރުހަލާތަކުގައި ވެސް މިއީ ތަހުގީގު ފުރިހަމަނުކޮށް އޮތް މައްސަލައެއް ކަމަށް ވިދާޅުވަމުން ގެންދެވި ކަމަށެވެ. މި މައްސަލައިގެ ތަހުގީގުގައި އޮޅުންބޮޅުންތައް ހުރި ކަމަށާއި ތަހުގީގު ފުރިހަމަ ނުކޮށް އިންސާފެއް ނުލިބޭނެ ކަމަށް އޭރު ވެސް ވިދާޅުވި ކަމަށް ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކުރުމުން ހައިކޯޓުން ނުކުމެވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޔާމީން ވިދާޅުވި ގޮތުގައި، މިއަދު ހައި ކޯޓުން އިއްވި ހުކުމާ އެކު ސާބިތުވީ އެ ތަހުގީގު ފުރިހަމަ ނުވާ ކަމެވެ.

"މީގައި ދެރަ ކަމަކަށް ވަނީ ޖިނާއީ އަދުލުގެ ތެރެއިން މީހަކު މިހެން ތާށިވީމާ ވަކި މުއްދަތެއް ނޯވޭ މިކަން ނިންމާކަށް، ވަކި ބަދަލު ދެވޭނެ އުސޫލެއް ނޯވޭ، އެ އަވަސްކުރެވޭނެ ގޮތެއް ނޯވޭ. ދެން ކިހިއްނެއްހޭ ވަނީ. ދެން މީހާ ހުންނަނީހޭ ހައި ކޯޓުން މީހާގެ އިސްތިއުނާފު ނިމެންދެން ތާށިވެފައި،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ގެއްލުމުން ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު ކަންބޮޑުވަނީ އެ މަނިކުފާނުގެ ގިނަ ހައްގުތަކެއް ގެއްލިގެން ދިއުމުން ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކުރުމުން ހައިކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތުމުގެ ސަބަބުން އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ބަންދުވި އެވެ. އެއީ ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޮތް ނަމަ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވާތީ އެވެ. އަދި އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މިދިޔަ އަހަރު ހުށަހެޅުއްވި ނަމަވެސް އެ ކޯޓުން ވެސް ނިންމީ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށެވެ.

"ދިގުލައިގެން ދިޔަ ދިއުން، އަޅުގަނޑަކަށް ތޮބީއީ ގޮތުން ގަބޫލެއް ނުކުރެވޭ، އެ ދިގުލައިގެން ދިޔަ ދިއުމުގެ ތެރޭގައި ހަގީގަތުގައި ވަރަށް ގިނަ ހައްގުތަކެއް ގެއްލިގެން ހިނގައްޖެ،" ޔާމީން ވިދާޅުވި އެވެ.

"މިހާރު މި ދިޔައީ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ޖަލުގައި. ﷲ ރަހުމަތުން ސަރުކާރުން ބަދަލުވުމުން އަޅުގަނޑަށް ގެއަށް އާދެވުނީ. އެކަމަކު އެތައް ބައިވަރު ހައްގުތަކަކުން މަހްރޫމްވެފައި މި ހުރީ. އަޅުގަނޑުގެ ޕާޓީން ވެސް އެތައް ބަޔަކު މަޖިލީހަށް އެބަ ނުކުމޭ. އެއިން މީހެއްގެ ހައްގުގައި ކެމްޕެއިންކުރަން އަޅުގަނޑަށް ރާއްޖެތެރެއަކަށް ވެސް ނުދެވޭ، މާލޭގެ ތަނަކަށް ވެސް ނުދެވޭ، ސިޔާސީ ހަރަކާތުގައި ނޫޅެވޭތީ. ހަމައެކަނި ޕާޓީ އޮފީސް ތެރޭގައި ދައްކާ ވާހަކައެއް ދެއްކުމަށް ހުއްދަ މި އޮންނަނީ. ޕޯޑިއަމް ކައިރީގައި ހުއްޓިގެން ވެސް ވާހަކައެއް ނުދެއްކޭ. އެހާ ބޮޑަށް ހަނިކޮށްގެން މި ދަނީ."

އެމަނިކުފާނުގެ ސަޕޯޓަރުން އިސްވެ ތިބެ މިހާރު ވަނީ މޯލްޑިވްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުގައި އާ ޕާޓީއެއް އުފައްދައިފަ އެވެ.

ޔާމީން ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމަނިކުފާނުގެ ފަރާތުން ނުކުންނަ ކެންޑިޑޭޓުންގެ ހައްގުގައި ބަހެއް ބުނެލާނެ ފުރުސަތު ލިބިވަޑައިނުގަތުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެ އިންތިހާބަށް ބާކީ އޮތީ އެންމެ 48 ގަޑިއިރު ކަމަށާއި އެހެންވެ ދެކެވަޑައިގަންނަވަނީ އެއީ ވެސް އެ މަނިކުފާނު ވަރަށް ބޮޑު ހައްގަކުން މަހްރޫމްކޮށްލީ ކަމަށް ކަމަށް ޔާމީން ވިދާޅުވި އެވެ.





More from Mihaaru