މާލޭ ސަރަހައްދުގައި ރޭސިން ޓްރެކާއި ސާފިން ސްޓޭޑިއަމް ތަރައްގީ ކުރަނީTrending Now

Thu, 18 Apr 2024 08:49 PM

View on this article on Mihaaru

މާލޭ ސަރަހައްދުގައި ރޭސިން ޓްރެކާއި ސާފިން ސްޓޭޑިއަމް ތަރައްގީ ކުރަނީTrending Now

މާލޭ ސަރަހައްދުގައި ރޭސިން އާއި ޑްރިފްޓް އެރީނާއެއްގެ އިތުރުން ސާފިން އާއި ބޮޑީބޯޑިން ސްޓޭޑިއަމެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން ސްޕޯޓްސް މިނިސްޓްރީން ތައްޔާރު ވެއްޖެ އެވެ.

އެގޮތުން ރޭސިން އާއި ޑްރިފްޓް އެރީނާގެ މަސައްކަތަށް ބިން ހަމަޖައްސައި، މިނިސްޓްރީ އާއި އެޗްޑީސީ އާއެކު މިއަދު އެމްއޯޔޫއެއްގައި ސޮއި ކުރެވިފައި ވާއިރު، ސާފިން އާއި ބޮޑީބޯޑިން ސްޓޭޑިއަމް ތަރައްގީ ކުރުމަށްޓަކައި މިނިސްޓްރީން ވަނީ ހޮންގް ކޮންގްގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޯލޮޖީއާ އެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފަ އެވެ.

ރޭސިން އާއި ޑްރިފްޓިން އަކީ ރާއްޖޭގައި ޒުވާޏުންގެ މެދުގައި މަގުބޫލު ކުޅިވަރެކެވެ. ރޭސިން ޓްރެކެއް ނެތް ނަމަވެސް މީގެ ކުރިން ހުޅުމާލޭ މަގުތަކުގައި ވަނީ ރޭސިން މުބާރާތްތައް ބާއްވައިފަ އެވެ. އަދި ޓްރެކެއް ނެތްކަމުގެ ކަންބޮޑުވުން، ރޭސިން ކޮމިއުނިޓީން ވަނީ މީގެ ކުރީ ސަރުކާރުތަކާ ވެސް، ހިއްސާ ކޮށްފައިވެ އެވެ.

"ޒުވާނުން ވަރަށް ބޮޑަށް އެދި އެދި ތިބި، ފުދޭވަރަށް ގިނަ ދުވަސްތަކެއް ވެސް ވީ ކަމެއް މިއީ. އިރާދަ ކުރެއްވިއްޔާ މިއަހަރު މިކަން ކުރެވޭނެ މަގު ފަހިގވެގެން މި ދިޔައީ،" މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވި އެވެ.

އެމްއޯޔޫގައި ސޮއި ކުރެއްވުމަށް ފަހު މިނިސްޓްރީ އާއި ސާފިން އެސޯސިއޭޝަންގެ އިސް ބޭފުޅުން.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ބޮޑީބޯޑިން އާއި ސާފިން އަކީ ވެސް ރާއްޖޭގައި ކުރިއަރަމުން އަންނަ މަގުބޫލުކަން ހޯދާފައިވާ ކުޅިވަރުތަކެވެ.

އެގޮތުން އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއާގައި "ވިޒިޓް މޯލްޑިވްސް ޕްރޯ" ފުރަތަމަ ފަހަރަށް ހިމަނައިގެން 2022 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އެވެ. އެއަށް ފަހު މިދިޔަ އަހަރުގެ އައިބީސީގެ ޓުއާ ކަލަންޑަރުގައި ވެސް ވިޒިޓް މޯލްޑިވްސް ޕްރޯ ހިމެނުނެވެ. މީގެ އިތުރުން ކ. ތުލުސްދޫގައި މިދިޔަ އަހަރު އޭޝިއާގެ ސާފިން ޗެމްޕިއަންޝިޕް ވަނީ ބާއްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ، ރާބޮޑީބޯޑިން އާއި ސާފިން ސްޓޭޑިއަމެއްގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި އިންޓަނޭޝަނަލް މުބާރާތްތައް ބާއްވަމުން އަންނައިރު ދިމާވާ ދަތިތަކަށް ހައްލެއް ހޯދުން ކަމަށެވެ.

ރޭސިން އާއި ޑްރިފްޓް އެރީނާގެ އިތުރުން ސާފިން އާއި ބޮޑީބޯޑިން ސްޓޭޑިއަމްގެ ކޮންސެޕްޓާއި ޑިޒައިންގެ މަސައްކަތްތައް ވެސް، މި ހަތަރު އެސޯސިއޭޝަނުގެ މަޝްވަރާއާ އެކު ނިމިފައި ވާކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.





More from Mihaaru