ހަތް އަހަރުގެ ޖަލު ހުކުމް ވެސް ބާތިލް، ޔާމީން މިނިވަންވެއްޖެ

Thu, 18 Apr 2024 07:40 PM

View on this article on Mihaaru

ހަތް އަހަރުގެ ޖަލު ހުކުމް ވެސް ބާތިލް، ޔާމީން މިނިވަންވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހަތް އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބަލަން އަމުރު ކުރުމާ އެކު އެމަނިކުފާނު މިރޭ މިނިވަންވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް އަދި މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް، ޖުމްލަ 11 އަހަރަށް ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން ހަތަރު އަހަރުގެ ޖަލު ހުކުމް ވަނީ ބާތިލްކޮށްފަ އެވެ.

ހައި ކޯޓުން މިރޭ ކުރި ހުކުމުގައިވަނީ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރީ ރިޝްވަތުގެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކަމަށް ވާއިރު، ރިޝްވަތު މައްސަލާގެ ޖަލު ހުކުމް ބާތިލް ކޮށްފައިވާތީ މަނީ ލޯންޑްރިންގެ ކުށުގެ އުންސުރުތައް ނެތިގެންދާ ކަމަށެވެ.

ހުކުމުގައިވާ ގޮތުން ދަށު ކޯޓުން އަމަލުކުރި ގޮތުގެ ސަބަބުން ޔާމީނަށް ޝަރީއަތުގެ ކުރީގެ މަރުހަލާގައި ބައެއް ފުރުސަތު ގެއްލި، ބައެއް ހައްގުތައް ގެއްލިގެން ގޮސްފައިވެ އެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާއިން ފައިސާ ލިބިވަޑައިގަތް ކަމަށް ޔާމީންގެ މާލީ ބަޔާނުގައި އޮތް އޮތުމަކީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމަށް ދަށު ކޯޓުން ކަނޑައެޅީ ވެސް ގޯސް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

އެހެންވެ، ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބެލުމަށް އަމުރުކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަލީމެވެ.

އެ މައްސަލާގައި ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް ވެސް ހައި ކޯޓުން މިއަދު ވަނީ ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން އަމުރުކޮށްފަ އެވެ.





More from Mihaaru