ދައުރުވަމުން ދާ ފްލެޓް ލިސްޓު ސައްހައެއް ނޫން: އޭސީސީ

Thu, 18 Apr 2024 07:02 PM

View on this article on Mihaaru

ދައުރުވަމުން ދާ ފްލެޓް ލިސްޓު ސައްހައެއް ނޫން: އޭސީސީ

ގެދޮރުވެރިޔާ ފްލެޓް ސްކީމާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގުގައި ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި މީހުންގެ ފްލެޓު ލިސްޓު ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިހާރު ދައުރުކުރަމުން ދަނީ ސައްހަ ލިސްޓެއް ނޫން ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އޭސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި މިހާރު ދައުރުކުރަމުން ދާ ލިސްޓަކީ އެ ކޮމިޝަނުގެ ލިސްޓެއް ނޫންކަން ކޮމިޝަނުން ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"އަދި މި ފުރުސަތުގައި، ކޮމިޝަނުގެ އެއްވެސް މަސައްކަތަކަށް އެއްވެސް މީހެއްގެ ނުވަތަ ފަރާތެއްގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ. އަދި ކޮމިޝަނުގެ އެންމެ މަތީ މަސްލަހަތަކީ ގާނޫނު ނަގަހައްޓައި ތިޔަ ލޮބުވެތި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުން ކަމުގައި ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.

ޝޯޝަލް މީޑިއާގައި މިހާރު ދައުރުވާ ލިސްޓުގައި ބުނަނީ އެއީ އޭސީސީގެ ތަހުގީގުގައި ބެލި ފޯމުތަކުގެ ތެރެއިން ޝަރުތު ފުރިހަމަ ނުވި ނަމަވެސް ފްލެޓް ލިބޭނެ ކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ މީހުން ލިސްޓު ކަމަށެވެ. އެ ލިސްޓުގައި 5،000 އެއްހާ މީހުން ނަން އޮތެވެ.

ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށްވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ.

އޭގެ ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަދި އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެވެ.

މި ސަރުކާރުން ބުނަމުން އަންނަނީ އޭސީސީގެ ތަހުގީގަށް އެގޮތަށް ފާހަގަވި ނަމަވެސް، ހައުސިން މިނިސްޓްރީން އަލުން ހުރިހާ ފޯމެއް ބަލައި ފްލެޓް ދެވެނީ ހައްގުވެރިންނަށްތޯ ޔަގީންކުރާނެ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން މިހާރު ވަނީ މި ފްލެޓްތަކުގެ ފޯމުތައް އަލުން ދިރާސާކުރުމަށް މިނިވަން ކޮމިޓީއެއް އެކުލަވާލައިފަ އެވެ.





More from Mihaaru