ޔޫސުފް ނައީމްގެ ޖަލު ހުކުމް ބާތިލްކޮށް މައްސަލަ އަލުން ބަލަން އަންގައިފި

Thu, 18 Apr 2024 03:25 PM

View on this article on Mihaaru

ޔޫސުފް ނައީމްގެ ޖަލު ހުކުމް ބާތިލްކޮށް މައްސަލަ އަލުން ބަލަން އަންގައިފި

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ތިން އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ދެންމެ ބާތިލްކޮށް، މައްސަލަ އަލުން ބަލަން އަންގައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ރިޝްވަތު ދިނުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން އެ ދެ ބޭފުޅުންގެ ފަރާތުން ހުށަހަޅާފައިވެ އެވެ.

ހުކުމުގައިވާ ގޮތުން ގާނޫނުލް އުގޫބާތުގެ ދަށުން ރިޝްވަތަކަށް ވާނީ ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ކަމެއްގައި ހުއްދަ ނޫން މަންފާއެއް ދިނުން ކަމަށް ވާއިރު، ރަށްތައް ދޫކުރުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ކަމެއްކަން ދަށު ކޯޓުން ބަޔާން ކޮށްދީފައިނުވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ޔޫސުފް ނައީމްގެ ފަރާތުން ޔާމީނަށް ދެއްވި އެއް މިލިއަން ޑޮލަރަކީ ހުއްދަ ނޫން މަންފާއެއްގެ ގޮތުގައި ދޭ ފައިސާއެއް ކަން ޔޫސުފް ނައީމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އެނގޭ ކަން އެނގެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ދިފާއީ ހެކިތައް ނަފީކުރަން ދައުލަތުން އާ ހެކިތައް ހުށަހެޅި ގޮތް ގާނޫނާ ހިލާފް ކަމަށް ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ފާހަގަ ކޮށްފައިވާތީ އެކަމާ ގުޅިގެން ހުކުމުގައިވަނީ އާ ހެކި ބަލައިގަތުމަށް ނިންމި ނިންމުން ގޯސް ކަމަށެވެ. އެއީ އެ ހެކިތައް ހުށަހެޅުމުން އެ ހެކިތައް ބަލައިގަތީ ގާނޫނުގައި ނެތް އިޖްރައާތެއްގެ މައްޗަށް ބިނާކޮށް ކަމަށްވާތީ އެ ހުކުމުގައިވެ އެވެ. އަދި އެ ހެކިތައް ބަލައިގަންނަންޖެހޭ ހަގީގީ ސަބަބެއް އޮތްކަން ބުނެދެވިފައިނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

"އެ އަމަލު ކުރިގޮތުގެ ސަބަބުން އިންސާފް ގާއިމް ކުރެވިފައިވާ ކަމަށް އިހްސާސް ކުރެވޭ ކަމަކަށް ގަބޫލެއް ނުކުރެވޭ." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން ހުކުމުގައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރުމަކީ ޔާމީންގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ކަމެއް ކަން ބުނެދެވިފައިނުވާ ކަމަށް ދިފާއުން ދަށު ކޯޓުގައި ބުނެފައިވާއިރު، އެކަންކަމާ މެދު ދަށު ކޯޓުން ގޮތެއް ކަނޑައަޅާފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ އަދަބު ކަނޑައެޅުމުގެ ކުރިން އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން އެކަށީގެންވާ ފުރުސަތު ދަށު ކޯޓުން ދީފައިނުވާ ކަމަށެވެ. އަދި ޖަލު ނޫން އަދަބެއް ކަނޑައަޅަން ޔޫސުފް ނައިމްގެ ފަރާތުން އެެދުމުން އެކަމަށް ދަށު ކޯޓުން ދެކޮޅު ހެދީ ގާނޫނާ ހިލާފަށް ކަމަށް ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ޔޫސުފް ނައީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކުރީ ގާނޫނާ ހިލާފަށް ކަމަށާއި އަދި ދަށު ކޯޓުން ނުބެލި ހުރި ކަންތައްތަކެއް ހުރުމުން އެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަންގާ ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.





More from Mihaaru