ގަވައިދު އޮތީ މަޖިލިސް ޑެޑްލޮކަށް ދާ ގޮތަކަށް ނޫން: އަސްލަމް

Thu, 08 Jun 2023 10:37 PM

View on this article on Mihaaru

ގަވައިދު އޮތީ މަޖިލިސް ޑެޑްލޮކަށް ދާ ގޮތަކަށް ނޫން: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އޮތީ މަސައްކަތްތައް ހުއްޓި މަޖިލިސް ޑެޑްލޮކަށް ދާ ގޮތަށް ނޫން ކަމަށާއި މަޖިލިސް އަދިވެސް ކުރިޔަށް ގެންދެވޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް މައްސަލަ ސަރުކާރުން އެއްފަހަރާ ހުށަހެޅީ މަޖިލިސް ޑެޑްލޮކަކަށް ގެންގޮސް އެ ބާރު ހުއްޓުވާލާފައި ބޭއްވުމަށް ކަމަށް އީވާ މިއަދު ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.

މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދާއިރު ރިޔާސަތުގައި އިންނަވާނީ ނައިބު ރައީސެވެ. އަދި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ދާއިރު ރިޔާސަތުގައި އިންނަވާނީ ރައީސެވެ.

ނަމަވެސް އީވާ ތުހުމަތު ކުރެއްވާ ގޮތުގައި ދެ ބޭފުޅުންގެ މައްސަލަ އެއްފަހަރާ އެމްޑީޕީން ވެއްދީ ރިޔާސީ އިންތިހާބަށް ތިން މަހަށް ވެފައިވާތީ ސަރުކާރަށް ފާރަވެރިވާން އޮތް މަޖިލިސް ހުއްޓުވާފައި ބޭއްވުމަށެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރިޔާސަތުގައި އިންނަވައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި ވާހަކަ އަކީ އަމިއްލަ ހިޔާލެއް ކަމަށެވެ.

ގިނަ އަދަދެއްގެ މެންބަރުން އެ ދެ ބޭފުޅުންގެ އިތުބާރު ނެތް ކަމަށް ސޮއި ކުރައްވައި މަޖިލީހަށް މައްސަލަ ހުށަހެޅުމުން ރަނގަޅު ގޮތަކީ އަމިއްލަ އަށް ދުރަށް ޖެހިވަޑައިގަތުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެހެން ނަމަވެސް މަޖިލީހުގެ ގަވައިދުގައި އޮތް ގޮތަށް އަދިވެސް ކުރިޔަށް ގެންދެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެގޮތަށް ދެކުނަސް ގަވައިދުގައި ބުނާ ގޮތުން ރިޔާސަތުގައި އިނދެވޭނެ. ހުރަހެއް ނެތް. އަޅުގަނޑު އެހެން ބުންޏޭ ކިޔާފަ މިހާރު އެ ދައްކަވަނީ ދެކޮޅު ޖެހޭ ވާހަކައެއް ނޫން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މަޖިލިސް ޑެޑްލޮކަކަށް ގެންދަން ބޭނުން ނުވާ ކަމަށާއި އަންނަ ހޯމަ ދުވަހުގެ ޖަލްސާ ގަވައިދާ އެއްގޮތަށް ބޭއްވޭނެ ކަމަށެވެ. އަދި ރައީސް އާއި ނައިބު ރައީސް ބައިވެރި ނުވެއްޖެ ހާލަތެއްގައި ދެން އަމަލު ކުރަންވީ ގޮތް ވެސް ބަޔާން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުން ދާއިމީ ކޮމިޓީތައް ވެސް އެކުލަވާލަން ހުރަސް އަޅުއްވައިގެން އެ އަމަލު ކުރައްވަނީ ވީހާވެސް ގިނަ ދުވަހު މަގާމުގައި ދެމި ތިބެވޭނެ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.

އީވާގެ އިތުބާރު ނެތް މައްސަލާގައި ދިން 14 ދުވަހުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވެ އެވެ. އެހެން ނަމަވެސް އަމީންއާންމް ފާތިމަތު ނިއުޝާ ވަނީ މެންބަރުންނަށް ސިޓީއެއް ފޮނުވައި އެ ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށް އަންގައިފަ އެވެ. ސަބަބެއް ގޮތުގައި އޭނާ ވިދާޅުވީ ކޮމިޓީތައް އެކުލަވާލާޛައި ނުވާތީ އާންމު ކޮމިޓީން ވަގުތު ކަނޑައެޅުމުގެ މަސައްކަތް ނުކޮށް އޮތީމަ އެވެ.

އެހެން ނަމަވެސް މިހާރު ތިބި މެންބަރުންނާއެކު އާންމު ކޮމިޓީ އަށް ގޮވާލެވޭނެ ކަމަށް ބުނެ އެމްޑީޕީން ވަނީ އެ ސިޓީ އަށް ޖަވާބު ދީފަ އެވެ.



More from Mihaaru