މިއީ ރާއްޖެ އަށް މަސްވެރިކަމުގެ ރަނގަޅު މާކެޓެއް ހޯދުމުގެ ފެށުން: ފައްޔާޒް

Thu, 08 Jun 2023 03:24 PM

View on this article on Mihaaru

މިއީ ރާއްޖެ އަށް މަސްވެރިކަމުގެ ރަނގަޅު މާކެޓެއް ހޯދުމުގެ ފެށުން: ފައްޔާޒް

ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރެވޭ ހިސާބަށް ދިއުމަކީ މަސްވެރިކަމުގެ ރަނގަޅު މާކެޓެއް ހޯދުމުގެ ފެށުން ކަމަށާއި އެއީ ފަހުގެ ތާރީހުގައި ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަޝްވަރާތަކަށް ޖާގަ ހުޅުވުމާ ގުޅިގެން "މިހާރު" އާ ވާހަކަ ދައްކަވަމުންނެވެ.

"މިއީ ޔޫކޭ ކަހަލަ ގައުމަކާ އެކު ފަސޭހަ ކަމެއް ނޫން. އެހާ އެކްސްޕޯޓެއް ވެސް އަޅުގަނޑުމެން ނުކުރަން ޔޫކޭއަކަށް. އަނެއްކާ އެ ގައުމުން ރާއްޖެ އަށް ގެންނަ ތަކެތީގެ އަދަދު ވެސް މަދުވާނެ. އެހެންވީމާ މިއީ މަސްވެރިކަމުގައި ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް،" މިނިސްޓަރު ވިދާލުވި އެވެ.

"ވަރަށް ދުވަސް ވެއްޖެ މިކަން ވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާތާ. އެކަން މި ހާސިލްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ހާރިޖީ ސިޔާސަތުގެ ތެރެއިން. މި ހިސާބަށް މި އާދެވުނީ ފޮރިން މިނިސްޓަރު ޝާހިދު ޔޫކޭގެ އެކި ފަރާތްތަކާ ގުޅުއްވައިގެން ކުރެއްވި މަސައްކަތުގެ ސަބަބުން."

ފައްޔާޒު ވިދާޅުވިގޮތުގައި، ރާއްޖެ އާއި އިނގިރޭސި ވިލާތާ އެކު ފްރީ ޓްރޭޑް އެގްރީމަންޓެއްގައި ސޮއިކުރެވޭ ވަރުވާނީ ބެލެވޭ ގޮތުގައި 3-4 މަސް ފަހުންނެވެ. އެއީ އެކަމަށް ބޭނުންވާ ޕަބްލިކް ކޮންސަލްޓޭޝަން ނިމުމުންނެވެ

ރާއްޖޭގައި ހުންނަ ޔޫކޭ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އެއްބަސްވުން އެކުލަވާލުމަށްޓަކައި ހިޔާލު ހުށަހެޅުމުގެ ފުރުސަތު ކުރިއަށް އޮތް 8 ހަފުތާގެ މުއްދަތަށް ހުޅުވާލާފައިވާ ކަމަށެވެ.

"ކޮމަންވެލްތު ގައުމުތަކުގެ ތެރެއިން ޔޫކޭގެ މާކެޓަށް ހާއްސަ އިސްކަމެއް ދެވިފައި ނުވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ،" އެ ބަޔާނުގައި ވެ އެވެ.

ފައްޔާޒު ވިދާޅުވީ، އިނގިރޭސި ވިލާތަކީ ރާއްޖެއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރުވި ޔޫރަޕްގެ ފުރަތަމަ ގައުމު ކަމަށާއި އެހެންވެ އެއީ ތާރީހީ އަދި ވަރަށް ރަނގަޅު ކުރިއެރުމެއް ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑުމެންނަށް މަސްވެރިކަމުގައި ރަނގަޅު މާކެޓަކުން ޖާގަ ލިބުނީ. މިހާރު ކޮމްޕީޓް ކުރަން ޖެހެނީ ސްރީ ލަންކާއާ. އެ ތަނުގައި އޮންނަނީ ޒީރޯ ޑިއުޓީ. އެކަމަކު، ޔޫކޭ އަށް މަސް ގެންދާތީ މިހާތަނަށް ވަރަށް އަގު ބޮޑު. ނަމަވެސް މި އެއްބަސްވުމުގައި ސޮއިކުރެވުމުން ކޭން ޓިއުނާ އަށް ވަރަށް ރަނގަޅު މާކެޓެއް ލިބޭނެ ރާއްޖެ އަށް،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ޔޫރަޕްގެ އެހެން ދިމާލަކުން ވެސް މަސްވެރިކަމުގައި ރާއްޖެ އަށް ރަނގަޅު މާކެޓެއް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެކަމަކު އަދި ތަފުސީލެއް ނުދެއްވަ އެވެ. ނަމަވެސް އުންމީދަކީ މި އަހަރު އަމަލީ ސިފަ ގެނައުން ކަމަށް ވިދާޅުވި އެވެ.

ޔޫރަޕްގެ މާކެޓް ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، އެއީ ރާއްޖެ އިން އިނގިރޭސި ވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ 20 ޕަސަންޓު ޑިއުޓީ ކަނޑާލުމަށްޓަކައި، މި ސަރުކާރުން ފާއިތުވި ހަތަރު އަހަރު ދުވަހު ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"މި ކަމުގެ ސަބަބުން ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު އޮތް އިގްތިސޯދީ ގުޅުންތައް އިތުރަށް ބަދަހިވެ، ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ،" ޝާހިދު ވިދާޅުވި އެވެ.



More from Mihaaru