ދިވެހި މަހުން ނަގާ ޑިއުޓީ ކެނޑޭ ގޮތަށް ޔޫކޭއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ފަށައިފި

Thu, 08 Jun 2023 02:33 PM

View on this article on Mihaaru

ދިވެހި މަހުން ނަގާ ޑިއުޓީ ކެނޑޭ ގޮތަށް ޔޫކޭއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ފަށައިފި

ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށަން ނިންމައި، އެކަން މިއަދު އިއުލާން ކޮށްފި އެވެ.

އެކަން އިއުލާނު ކުރައްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެއީ ރާއްޖެ އިން އިނގިރޭސި ވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ 20 ޕަސަންޓު ޑިޔުޓީ ކަނޑާލުމަށްޓަކައި، މި ސަރުކާރުން ފާއިތުވި ހަތަރު އަހަރު ދުވަހު ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. "މި ކަމުގެ ސަބަބުން ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު އޮތް އިގްތިސޯދީ ގުޅުންތައް އިތުރަށް ބަދަހިވެ، ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ،" ޝާހިދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ރާއްޖޭގައި ހުންނަ ޔޫކޭ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ އެއްބަސްވުން އެކުލަވާލުމަށްޓަކައި ހިޔާލު ހުށަހެޅުމުގެ ފުރުސަތު ކުރިއަށް އޮތް އަށް ހަފުތާގެ މުއްދަތަށް ހުޅުވާލާފައިވާ ކަމަށެވެ.

ޝާހިދުގެ ޓުވީޓް

"ކޮމަންވެލްތު ގައުމުތަކުގެ ތެރެއިން ޔޫކޭގެ މާކެޓަށް ހާއްސަ އިސްކަމެއް ދެވިފައި ނުވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ،" އެ ބަޔާނުގައި ވެ އެވެ.

މެދު އާމްދަނީގެ ގައުމަކަށް 2013 ގައި ރާއްޖެ ގްރެޖުއޭޓް ވުމާ އެކު އިނގިރޭސި ވިލާތް ހިމެނޭ ގޮތުން އީޔޫގެ ގައުމުތަކުން ދެމުން އައި ލުއި ކަނޑާލައި 24 ޕަސަންޓުގެ ޑިޔުޓީއެއް ނަގަން ފެށި އެވެ.

އެކަމުގެ ސަބަބުން، ރާއްޖެ އިން ޔޫރަޕަށް ބޭރުކުރާ މަހުގެ އަގު ބޮޑުވުމާ ގުޅިގެން، ޑިއުޓީ އަށް ލުޔެއް ލިބޭތޯ ކުރީގެ ސަރުކާރުތަކުން ވެސް އައީ މަޝްވަރާ ކުރަމުންނެވެ.

އެ މަޝްވަރާތަކުން އަލި މަގެއް ފެނިފައިވާ ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.



More from Mihaaru