ރިފްއަތުގެ އިތުބާރުގެ މައްސަލަ ހުށަނޭޅި މަޖިލީހުގައި ބޮޑު ސަކަރާތެއް

Mon, 05 Jun 2023 10:54 AM

View on this article on Mihaaru

ރިފްއަތުގެ އިތުބާރުގެ މައްސަލަ ހުށަނޭޅި މަޖިލީހުގައި ބޮޑު ސަކަރާތެއް

ޗާގޯސް މައްސަލާގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ވެސް ފުރުސަތު ނުލިބި، ހެނދުނު ސައިގެ ގަޑިއަށް މަޖިލިސް މެދުކަނޑާލައިފި އެވެ.

އެޓާނީ ޖެނެރަލްގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލާގައި ދިފާއުވުމަށް މިދިޔަ ބުދަ ދުވަހު އޭނާ ވަނީ މަޖިލީހަށް ވަޑައިނުގެން، ލިޔުމުން ޖަވާބު ފޮނުއްވައިފަ އެވެ. ރިފްއަތު މަޖިލީހަށް ހާޒިރުވެވެވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން ވަގުތު ކަނޑައަޅާފައި ވާތީ އާއި ގާނޫނުއަސާސީގައި "އަނގަބަހުންނާއި ލިޔުމުން" ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިދީފައިވާ ކަމަށް ބުނާތީ، އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން ބުނަނީ އެޓާނީ ޖެނެރަލް މަޖިލީހަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ.

އެ މައްސަލާގައި ހިޔާލު ތަފާތުވުމެއް އުޅޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްދު ނަޝީދު އެ ދުވަހުގެ ޖަލްސާގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދެންޖެހޭ ކަމަށެވެ.

އެކަމަކު ފަހުން އެ ނިންމުން ބަދަލުކުރައްވައި، މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބު ދެއްވަން ބޭނުންވާކަމަށް ރިފްއަތު އެދިވަޑައިގެންނެވުމުން، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަލަ އަލުން އެޖެންޑާކުރި އެވެ.

ނަމަވެސް، މިއަދުގެ ޖަލްސާ ފެށުމާ އެކު، މައްސަލަ ކުރިއަށް ގެންދަން ހުރަސްއަޅައި، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އިހުތިޖާޖު ކުރާތީ، އެ މައްސަލަ ނުފަށައި، މަޝްވަރާ ކުރަން ޖަލްސާ މެދުކަނޑާލަންޖެހުނެވެ.

ޖަލްސާ އަލުން ފަށައި، އޭޖީގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވި 13 މެމްބަރުންގެ ފަރާތުން މައްސަލަ ހުށަހަޅައި ދެއްވުމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފަށް ފުރުސަތު ދިނުމުން، އޭނާ ވަނީ މައްސަލަ ހުށަހަޅަން ދެކޮޅު ހައްދަވައިފަ އެވެ.

އޭނާ ވިދާޅުވީ ކުރީ ދުވަހުގެ ޖަލްސާއަށް ވަޑައިނުގަންނަވަން ނިންމެވި ނިންމުން ބަދަލުކުރެއްވި ސަބަބު ސާފުނުކޮށް، މައްސަލަ ހުށަނޭޅޭނެ ކަމަށެވެ.

"އެ ދުވަހު އެ ގޮތަށް ގޯހެއް ހެއްދެވުނު ކަން ގަބޫލުކުރައްވައިގެންތޯ؟" ޝަރީފް ސުވާލުކުރެއްވި އެވެ.

މައްސަލަ ކުރިއަށް ގެންދަން ރިޔާސަތުން ތަކުރާރުކޮށް އެދިވަޑައިގެންނެވުމުން، އާދަމް ޝަރީފް ވަނީ މައިނޯރިޓީ ލީޑަރާ އެކު މަޝްވަރާ ކުރައްވަން ވަގުތު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެއާ އެކު، ރިޔާސަތުން ނަޝީދު ވަނީ މިއަދު ދެވަނަ ފަހަރަށް ޖަލްސާ މެދުކަނޑާލައްވައި، އެ ފުރުސަތު ދެއްވައިފަ އެވެ.

އޭގެ ފަހުން އަލުން ޖަލްސާ ފަށައި، މައްސަލަ ހުށަހަޅުއްވަން އާދަމް ޝަރީފް ފެއްޓެވުމުން، އިދިކޮޅަށް ނިސްބަތްވާ މެންބަރުން ފަހަރަކު ބޭފުޅަކު ނިޒާމީ ނުކުތާ ނަންގަވައި، ކުރީ ދުވަހުގެ ޖަލްސާއަށް ރިފްއަތު ހާޒިރުވެވަޑައިނުގެންނެވި ޝަކުވާ ކުރައްވަމުން ގެންދެވި އެވެ. އޭގެ މެދުން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވެސް ވަނީ ނިޒާމީ ނުކުތާ ނަންގަވައި، މައްސަލަ ހުށަހަޅަން ބޭނުންނުވާތީ، އެ މައްސަލަ މަޖިލީހުން ބޭރުކޮށްލަން ރިޔާސަތުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ރިފްއަތުގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ބަހުސަށް ޖުމްލަ ދެ ގަޑިއިރު މަޖިލީހުގެ އާންމު ކޮމިޓީން ކަނޑާއަޅާފައިއޮތް ނަމަވެސް، މެމްބަރުން ފުލުފުލުގައި ނިޒާމީ ނުކުތާތައް ނަންގަވާތީ، 10:30 ގައި ހެނދުނު ސައިގެ ވަގުތަށް ޖަލްސާ މެދުކަނޑާލިއިރުވެސް، އެ މައްސަލަ ހުށަހަޅައި ނިންމަންވެސް ފުރުސަތެއް ނުލިބުނެވެ.

ރާއްޖެ-މޮރިޝަސް އިން ވަކިކުރި މައްސަލާގައި "ކަނޑު ވިއްކާލި" ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން ރިފްއަތުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ މަޖިލީހަށް ވައްދައިފަ އެވެ.



More from Mihaaru