ނަޝީދުގެ ސިޔާސީ ކުރިމަގު: މަރު ނޫނީ ދިރުމުގެ ފަހަރެއް!

Mon, 05 Jun 2023 07:51 AM

View on this article on Mihaaru

ނަޝީދުގެ ސިޔާސީ ކުރިމަގު: މަރު ނޫނީ ދިރުމުގެ ފަހަރެއް!

"މި މީހާ" ނުގުޑާނެއޭ ބުނަނީ އެމަނިކުފާނަށް ނިސްބަތްކޮށެވެ. ހަގީގަތަކީ ވެސް، ސިޔާސީ ކޮންމެ ލޮޅުމެއްގެ ތެރެއިން ކުރީގެ ރައީސް މުހަންމަދު ނަޝީދު ދެމިގަނެގެންދާ ތަނެވެ. އެކިއެކި ފިއްތުންތަކާ އެކު ވެސް އެމަނިކުފާނު ނުވެއް ގުޑި އެވެ. ބައެއް މީހުންނަށް އެއީ ރިހޭ ދަތަކަށް ވިޔަސް، ހަގީގަތަކީ، އެމަނިކުފާނަކީ ރާއްޖޭގެ ސިޔާސީ ކުޅިބައި އަތުރާލަން އޭރު ވެސް އަދި މިހާރު ވެސް އެންމެ މުހިންމު އެއް ބޭފުޅާ ކަމެވެ.

އެކަމަކު، އެމަނިކުފާނުގެ ސިޔާސީ ކުރިމަގާ މެދު މިހާރު މިއޮތީ ހަމަ ސީރިއަސްކޮށް ބަހުސް ކުރަން ޖެހިފަ އެވެ. ނަޝީދުގެ ސިޔާސީ ހަޔާތުގައި މިހާރު އަރާ އޮތް ދަނޑަކީ އެމަނިކުފާނު ކުރިން ކުޅުއްވި ގޮތަށް، ސިޔާސީ ބޯޅަ ކުޅުއްވިދާނެ ދަނޑެއްތޯ އެއީ ހަމަ ވިސްނާލަން ޖެހިފައި އޮތް ކަމެކެވެ. ކުރީގެ ބައެއް ރައީސުން ގޮތަށް، ނުވަތަ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިޔާސީ ހަޔާތްޕުޅު މަޑުމަޑުން ކަފުންވާ ގޮތަށް ރައީސް ނަޝީދުގެ ސިޔާސީ ހަޔާތްޕުޅު ވެސް ކަފުން ވެދާނެތޯ އެއީ ހަމަ ވަރުގަދަ ސުވާލެކެވެ. ފެންނަން އޮތް ހަގީގަތަކީ، ނަޝީދުގެ ސިޔާސީ އާރާއި ބާރަށް ލޮޅުން އައިސްފައިވާ މަންޒަރެވެ. އެއް ސަބަބަކީ، އެމަނިކުފާނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ވެސް މިހާރު "ދެވަނަ ދަރަޖައެއްގައި" ގުނެމުންދާ މަންޒަރު މަދުމަދުން ވިޔަސް ފެންނަމުން ދިޔުމެވެ. އަދި ހަމަ އެހެންމެ، ސިޔާސީ ގޮތުން އެމަނިކުފާނު ނަގަހައްޓަމުން އަންނަ ބައެއް އަސާސްތަކާ އެމަނިކުފާނު އަމިއްލަފުޅަށް ވެސް ހިލާފުވެ ވަޑައިގަންނަވާތީ އެވެ. ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، އެ މީހަކު ގަބޫލުކުރާ ފަލްސަފާއެއް ދޫކޮށްލާނީ އެ މީހަކު ގޮތްހުސްވީމަ އެވެ!

ފަހުގެ ތާރީހުގައި ރާއްޖޭގައި އުފެދުނު ސިޔާސީ އެންމެ މުހިންމު އެއް ނަމަކީ ނަޝީދު ކަމާ ދޭތެރޭ ދެބަސް ވެވޭކަށް ނެތެވެ. އެ ސިޔާސީ ހަޔާތްޕުޅަށް މިހާރު ގާތްގަނޑަކަށް ވިއްސަކަށް ފަންސަވީހަކަށް އަހަރު ވާއިރު، އެރުމާއި ވެއްޓުމުގެ ހާސްކަމާއި އުފަލުގެ ތެރެއަށް އެމަނިކުފާނު ވަނީ އެތައް ފަހަރަކު ގަންބާލައިފަ އެވެ. އެކަމަކު، ހިތްވަރު ދުލެއް ނުކުރައްވަ އެވެ. ބައެއް ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި، މިހާރު ވެސް އެމަނިކުފާނު އެ ކުޅުއްވަނީ ސިޔާސީ ގޮތުން އެމަނިކުފާނާއި ރާއްޖޭގެ މުޅި ސިޔާސީ ހަޔާތް ވެސް ބަދަލުކޮށްލައިފާނެ ކަމެކެވެ. އެއީ އާ ޕާޓީއެކެވެ. އަނެއް ބައެއްގެ ނަޒަރުގައި ނަޝީދުގެ ސިޔާސީ ހަޔާތް މިހާރު އެ ދަނީ މަތިހުޅުވާލައިފައިވާ ސަންދޯކަކާ ދިމާއަށެވެ! -- ގަބޫލު ކުރެވޭ ހެއްޔެވެ؟

ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީއަށް ފަހު ނަޝީދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ .-- ފައިލް ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެމްޑީޕީ އާ ދުރަށް ވަޑައިގަތުމަކީ މީހަކު ހީކޮށްފާނެ ކަމެއް ނޫން!

ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަނީ ނަޝީދު އަޑީގައި ހުންނަވައިގެންނެވެ. އެއީ، ރަސްމީ އެއްވެސް ލިޔެކިޔުމެއްގައި ނެތަސް، އެންމެން ގަބޫލުކުރާ ގޮތެވެ. އެ ޕާޓީގެ ނަމަށް ވުރެ، އާންމުން ގިނައިން ކިޔަނީ ވެސް "އަންނި ޕާޓީ" އެވެ.

ވަރަށް ބޮޑު ގުރުބާނީތަކެއްގެ ތެރެއިން ގައުމުގެ އެންމެ ކުރީ ސަފަށް ގެނައި ޕާޓީ، އެމްޑީޕީން ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ވަކިވެ ވަޑައިގެން އެހެން ޕާޓީއެއް އުފެއްދުމަކީ ވަރަށް ގިނަ ބަޔަކަށް ލިބޭނެ ވަރަށް ބޮޑު ޝޮކެކެވެ. ވަރަށް ގިނަ ބަޔަކަށް އަދިވެސް ގަބޫލު ނުކުރެވިދާނެ ވެސް ކަމެކެވެ. އެކަމަކު، އެ ދުވަސް އަތުވެއްޖެ އެވެ. ނަޝީދު، އެ ޕާޓީން އަދި ވަކިވެވަޑައިނުގަތަސް، އެމަނިކުފާނު އެމްޑީޕީގައި ދެން ނުހުންނަވާނެ ކަން އެއީ ޔަގީން ކަމެކެވެ.

އެކަން އެހެން ވިޔަސް، އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ "ރައީސް ނަޝީދަށް އަދިވެސް ސިޔާސީ ކުރިމަގެއް އޮތީ އެމްޑީޕީގައި" ކަމަށެވެ.

"ނަޝީދަށް [އަޅުގަނޑު] އަދިވެސް ދަންނަވާލާނީ އެމްޑީޕީގައި ހުންނަވާށޭ. މެޖޯރިޓީ ނިންމި ނިންމުމަށް އިހުތިރާމް ކުރައްވައި ފަހަތަށް ޖެހިވަޑައިގަންނަވަން ޖެހޭ ގަޑީގައި ފަހަތަށް ވެސް ޖެހިވަޑައިގަންނަވާށޭ،" އަސްލަމް ވިދާޅުވި އެވެ.

"ހުދު ރައީސް ނަޝީދު ވެސް މި ހުރިހާ ދުވަހަކު ވިދާޅުވަމުން ގެންދެވީ އެހެން ހައްދަވަން. އެކަމަކު އެމަނިކުފާނަކަށް މިފަހަރު އެހެނެއް ނުހެއްދެވުނު."

އެހެން ނުހެއްދެވުމުގައި ސަބަބުތަކެއް އެބަހުއްޓެވެ. އާ ޕާޓީއެއްގެ ވާހަކަތައް ފެންމަތިވީ، ނަޝީދުގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ނަޝީދު ކޮންމެހެން ވެރިކަން ބޭނުންފުޅުވެގެނެއް ނޫނެވެ. އޭގެ ބަދަލުގައި އެމްޑީޕީ ގަބޫލު ކުރަމުން އައި އުސޫލުތަކާ މުޅިން ދެކޮޅަށް ޕާޓީ އަނބުރާލުމުންނެވެ. އެ ބޭފުޅުން ވިދާޅުވަނީ އެމްޑީޕީ މިހާރު މުޅިން ބަދަލުވެއްޖެ ކަމަށެވެ. އެއީ، ނަޝީދުގެ އަތްޕުޅުން ލަގަން ދޫވެގެން ޕާޓީ އަށް ދިމާވި ހާލަތެއް ކަމަށް ވިދާޅުވެ، އެ ބޭފުޅުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީ އަކީ މިހާރު ނުބައި އާދަތަކަކުން މަސްހުނިވެފައި އޮތް ޕާޓީއެއް ކަމަށެވެ.

ނަޝީދުގެ ރިޔާސީ ޕްރައިމަރީ "ފިކުރެއްގެ ދިރުން"

ނަޝީދުގެ ދެބެއިންގެ ދެދަރި، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ ފަލްސަފާތައް ގެއްލިއްޖެ ކަމަށާއި އެއީ ނަޝީދަށް ގަބޫލުފުޅު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

"ރައީސް ނަޝީދަކީ ގެންގުޅުއްވާ އަސާސީ ވިސްނުންތަކުން ދުރަށް ވަޑައިގަންނަވާ ބޭފުޅެއް ނޫން. މިސާލަކަށް ދީނުގެ ހަރުކަށި ކަމާއި އެކްސްޓްރީމިޒަމް އާއި ޑިމޮކްރެޓިކް ވެލިއުސް, ޕާޓީގެ ތެރޭގައި އޮންނަން ޖެހޭ އިންޓާނަލް ޑިމޮކްރަސީ, ނޫސްވެރިކަމުގެ މިނިވަންކަން،" އީވާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނޭ ކިތަންމެ ޕޮޕިއުލާ ވިޔަސް އަން ޕޮޕިއުލާ ވިޔަސް ރައީސް ނަޝީދު އެމަނިކުފާނުގެ ވިސްނުންފުޅުގައި ހުންނަ އެއްޗެއްގައި ވިދާޅުވަމުން އަންނަ ތަން."

އެ އަސާސްތަކުގެ މަތީގައި ޕާޓީ ނުހިނގާ ކަމަށް ވިދާޅުވެ ނަޝީދަށް ތާއީދު ކުރާ ހުރިހާ އެންމެންހެން މިހާރު އެމްޑީޕީން ވަކިވެއްޖެ އެވެ. ޕާޓީގެ އަސާސްތައް މުގުރާލައިފި ކަމަށް ބުނާ ބުނުމަކީ ނަޝީދު ޕާޓީއެއް ހައްދަވަން ދައްކަވާ ހުއްޖަތެއް ކަމަށާއި، ހަގީގަތަކީ ނަޝީދު ބޭނުންފުޅުވީ ވެރިކަން ކަމަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ގަބޫލު ކުރައްވަ އެވެ.

"އަޅުގަނޑު އަބަދު ވެސް ގަބޫލުކުރަނީ އެމްޑީޕީ އަކީ ވަކި މީހެއްގެ ފަހަތުގައި އެނބުރޭ ޕާޓީއެއްގެ ގޮތުގައެއް ނޫން ކަމަށް. އެންމެންނަށް ޖާގަ ދެވިގެން ކުރިއަށް ދާ ޕާޓީއެއް. މިހާރު ޕާޓީން ރިޔާސީ ޓިކެޓް ދީފައި އޮތީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް. ރައީސް ނަޝީދު ވެސް އެ ގަބޫލު ކުރައްވައިގެން ޕާޓީގައި ކުރިއަށް ވަޑައިގަތުމުގެ ފުރުސަތު އެބައޮތް. އެކަމަކު، އަޅުގަނޑަށް ފަހުން ފަހުން މި ފެންނަނީ އެމަނިކުފާނު ހިފަހައްޓަވަމުން އަންނަ އަސާސްތަކާއި އުސޫލުތަކާ ހިލާފު އަމަލުތަކެއް.

"މިސާލަކަށް, ބަރުލަމާނީ ނިޒާމު ގެނައުން. އަޅުގަނޑަށް އޭތި ފެނުނީ ނިޒާމަށް ގެންނަ ބަދަަކަށް ވުރެ ބޮޑަށް ވެރިކަމަށް ވަޑައިގަތުމަށް ބޭނުން ކުރައްވާ ސިޔާސަތެއްގެ ގޮތުގައި. އެކަހަލަ ކަންކަން އަދިވެސް ރަނގަޅު ކުރައްވައިގެން އެމްޑީޕީގައި ދެމިހުންނަވައިގެން އިބޫ ސޯލިހުގެ ސަރުކާރަށް ތާއީދުކުރައްވައިގެން، ތަފާތު ވިސްނުންތަކުގެ މީހުން ވެސް ޕާޓީތަކުގައި އުޅޭނެ ކަމަށް ގަބޫލު ކުރައްވައި, އަދި ތިމަންނަ އަށް ފެންނަ ގޮތަކީ އެންމެންގެ ވިސްނުން ހުންނަން ޖެހޭނެ ގޮތް ކަމަށް ނުދެކި ކުރިއަށް ވަޑައިގެންފި ނަމަ އަދިވެސް ރަނގަޅުވާނެ.

"ސިޔާސީ ކަންކަމަކީ ބަދަލުވަމުން ދާ އެއްޗެއް, ހާލަތް ބަދަލުވާނެ. ރައީސް ނަޝީދަކީ ކޭޕަބްލް ބޭފުޅެއް. އެކަމަކު ހަމައެކަނި ވެރިކަން އެކަނި ކަމަށް ވިސްނަން ވެއްޖިއްޔާ އެހެން ކަމަކަށް ފޯކަސްއެއް ނުކުރެވޭނެ."

ނަޝީދު މާލެ އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ބަޔަކާ އެކު ފޮޓޯއެއް ނަންގަވަނީ

އާ ޕާޓީއާ އެކު ނަޝީދު ބޮނޑިބޮއިފާނެ؟

އަސްލަމް ވިދާޅުވި ގޮތުގައި ނަޝީދު، ނަޝީދަކަށް ވީ އެމަނިކުފާނުގެ ފަހަތުގައި ސިޔާސީ ވަރަށް ބޮޑު ޕްލެޓްފޯމެއް ވެސް އޮވެގެންނެވެ. އަނެއްކޮޅުން، ރާއްޖޭގެ ސިޔާސީ ހަޔާތުގައި ކުދި ސިޔާސީ ޕާޓީތަކުގެ މާ ދައުރެއް ވެސް ނެތެވެ.

"އަޅުގަނޑަކަށް ނުފެނޭ އެ ހައްދަވާ ޕާޓީގެ ކުރިމަގެއް. ވަރަށް ގިނަ ސަބަބުތަކާ ވެސް ހުރެ މިހެން މިދަންނަވަނީ. އަދި ވަކިން ހާއްސަކޮށް ސިޔާސީ ޕްލެޓްފޯމެއް ހޯއްދެވުމަށް ވެސް އަދި އަމިއްލަ ބާރުވެރިކަމަށް ބެލިޔަސް... ރައީސް ނަޝީދު ހަމަ ވިދާޅުވާހާ ގޮތަކަށް ކަންތައްތަކެއް ނުކުރާނެ އެންމެންނެއް. އެހާ ބޮޑަށް އަޅުދާސްކަން މަތީގައި އެކަމެއް ނުވާނެ."

ނަޝީދުގެ ލަފައާ އެކު، ނުވަތަ ނަޝީދުގެ އަރިސް ބޭފުޅުން އާ ޕާޓީއެއް އުފެއްދެވުމަކީ، އީވާ ގަބޫލުކުރައްވާ ގޮތުގައި ނަޝީދުގެ ސިޔާސީ ހަޔާތްޕުޅަށް އަންނާނެ އެއްވެސް ގެއްލުމެއް ނޫނެވެ. ސަބަބަކީ، އެހެން ސިޔާސީ ލީޑަރުންނާ ހިލާފަށް ނަޝީދަކީ އަމިއްލަވަންތަ ސިފަތަކެއް ގަބޫލުކުރައްވާ ބޭފުޅެއްކަން އެންމެންނަށް ވެސް ގަބޫލުކުރެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ހިޔެއް ނުވޭ ރައީސް ނަޝީދަކީ ސީޒަނަލް ޕޮލިޓީޝަނެއްހެނެއް. ސްކޫލު ދައުރު ރަނގަޅަށް ނުނިންމެނީސް ސިޔާސީ މަސައްކަތްޕުޅު ފައްޓަވައިފި. އެއީ ސްކޫލު މަޖައްލާއަކަށް ލިޔުއްވައިގެން ކަމަށް ވިޔަސް, ސަންގު ކަމަށް ވިޔަސް... ރައީސް މައުމޫނަށް ފާޑު ވިދާޅުވެގެން ޔުނިވާސިޓީ ނުނިމެނީސް ޖަލަށް ލައި, ގާތްގަނޑަކަށް 30 އަހަރު މި ފެންނަނީ ޕަބްލިކްގައި ރައީސް ނަޝީދުގެ ސިޔާސީ ހަޔާތް ޕްލޭއައުޓް ވާތަން،" އީވާ ވިދާޅުވި އެވެ.

"[ނަޝީދުގެ] ވިއްސަކަށް އަހަރުގެ ސިޔާސީ ކެރިއާ އަޅުގަނޑަށް ފެންނަނީ ކުރިއަށް ދާތަން ސުވާލަކާ ނުލައި. އަޅުގަނޑު މި އުޅެނީ [ނަޝީދުގެ] އެންމެ އަރިހުގައި. އަދި އަޅުގަނޑަކީ ރަށުތެރޭގައި ވެސް އުޅޭ މީހެއް. މުޅި ރާއްޖެ ކުޑަކޮށް ދަތުރުކުރާ މީހެއް. އަޅުގަނޑު އެންމެ ހައިރާން ވަނީ ޒުވާން ކުދިން ރައީސް ނަޝީދޭ ރައީސް ނަޝީދޭ ކިޔާތީ. އެހެން އެ ވަނީ އެތައް ބައެއްގެ އުންމީދު ވެސް ގުޅިފައިވާތީ. އެކަން އަޅުގަނޑަށް ވަރަށް ކައިރިން ފެނޭ."

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނަޝީދު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ .-- ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

ރާއްޖޭގެ އެހެން ބައެއް ސިޔާސީ ލީޑަރުންނަށް ކުރިމަތިވެ ވަޑައިގަތް ކަންކަން ނަޝީދަށް އެހާ އަވަހަށް ކުރިމަތިވެ ވަޑައިނުގެންފާނެ ކަމަށް އީވާ ދައްކަވާ އަނެއް ސަބަބަކީ، އެމަނިކުފާނުގެ އުމުރެވެ.

"ދަ ޑިމޮކްރެޓްސް އުފައްދާތީ އެ ސުވާލު ވަރަށް ގިނައިން އެބަ އާދޭ ދެއްތޯ. އެކަމަކު ރައީސް ނަޝީދަކީ ރައީސް މައުމޫނާ އެއް އުމުރެއްގެ ބޭފުޅެއް ނޫން،" އީވާ ވިދާޅުވި އެވެ.

އަސްލަމް ވެސް ވިދާޅުވަނީ އެހެންނެވެ؛ އުމުރަށް ބަލާއިރު ނަޝީދަށް ސިޔާސީ ކުރިމަގު އެބައޮތެވެ. އެކަމަކު، އެ ކުރިމަގު ގުޅިފައި ވަނީ، އަސްލަމް ވިދާޅުވާ ގޮތުގައި، ހެދޭ ގޯސްތަކުން ސަލާމަތްވެގެންނެވެ.

"ދިމާވެގެން އުޅޭ މައްސަލަ އަކީ, ސިޔާސީ ކެރިއާގައި ބައެއް ޑިސިޝަންސް ނެންގެވުމުގައި މައްސަލަ އުޅެނީ. މިސާލަކަށް, [ނަޝީދު] އަޑީގައި ހުންނަވައިގެން ކަމަށް އާންމުން އެ ބުނަނީ އާ ޕާޓީ ހަދަނީ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރަނގަޅު ނިންމުމެއް ނޫން. އަޅުގަނޑު ހިތަކަށް ދުވަހަކު ވެސް ނާރާ އެމްޑީޕީ ދޫކުރައްވައި އެހެން ޕާޓީއެއް އެމަނިކުފާނު ހައްދަވާނެ ކަމަކަށް. ބައެއް ބޭފުޅުން އެބަހުރި ޕާޓީތެރެއިން ބާރު ދޫވެގެން އަމިއްލަ އަށް ޕާޓީ ހައްދަވައިފައި ވެސް. އެކަމަކު އެމްޑީޕީގައި ނަޝީދުގެ ބާރު ކެނޑުނީއެއް ނޫން. ވީގޮތަކީ އެމްޑީޕީގައި ހުންނަވައިގެން ނުބައި ނިންމެވުންތަކެއް ނިންމެވީމަ ދިމާވި ގޮތެއް،" އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީގެ ނަމާ ނުލައި ނަޝީދު ސިޔާސީ ލީޑަރަަކަށް ވެދާނެތަ؟

ނަޝީދުގެ ސަޕޯޓަރުން ވެސް އަދި ސިޔާސީ ބޭފުޅުން ވެސް ގަބޫލުކުރާ ގޮތުގައި އެމަނިކުފާނަކީ ސިޔާސީ ގޮތުން އަދިވެސް ހަރު ނަމެކެވެ. އެކަމަކު އެ އޮއްޓަރު ހުންނަނީ އެމަނިކުފާނު ވިދާޅުވާ އެއްޗަކަށް ތާއީދު ކުރާ ވަރަށް ބޮޑު އާބާދީއެއް ރާއްޖޭގައި އޮތުމުންނެވެ. ސިޔާސީ ހަޔާތަކީ އެކަހަލަ އެއްޗެކެވެ.

އީވާ ވިދާޅުވި ގޮތުގައި ނަޝީދަކީ، އެމަނިކުފާނުގެ އަމިއްލަ ހައިސިއްޔަތުން ވެސް ސިޔާސީ ކުރިމަގު އުޖާލާ ބޭފުޅެކެވެ. އޭގެ އެއް ހެކި އޭނާ ދެއްކެވި އެވެ.

"ރައީސް ނަޝީދުގެ ސިޔާސީ ހަޔާތްޕުޅު ވެސް އަދި މަސައްކަތްތައް ވެސް އަޅުގަނޑަށް މި ފެންނަނީ ހަމައެކަނި ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމުގައެއް ނޫން. ރައީސް ނަޝީދަކީ ރީޖަނަލް ޕޮލިޓިކްސްގައި ވެސް ޕްލޭޔާއެއް. އަދި ދުނިޔޭގެ ފެންވަރުގައި ވެސް އެ މަސައްކަތްޕުޅު އެބަ ކުރައްވާ. މިސާލަކަށް ސީވީއެފް, އަދި ލަންކާގެ މަސްރަހުގައި ދިމާވި ހަލަބޮލިކަމުގައި ވެސް ކުޅުއްވި ރޯލު،" އީވާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ގާތުން ފެންނާނެ އެކިއެކި ދާއިރާތަކުގެ ބޭފުޅުންނާ މަޝްވަރާ ކުރައްވައި ގާތްގުޅުން ބާއްވާތަން. އަޅުގަނޑަކަށް ހިޔެއް ނުވޭ ނަޝީދުގެ ނަޒަރު ހުއްޓިފައި އެކަނި އެ އޮންނަނީ ޑޮމެސްޓިކް ޕޮލިޓިކްސް އަށް ހެނެއް."

އީވާ ވިދާޅުވި ގޮތުގައި "ޖަލު ގޮޅިއަކުން އެކަނިމާ އެކަނި ޓޯޗާ ވެގެން ރިފޯމް މޫވްމަންޓެއްގެ ތެރެއިން މި ހިސާބަށް ވަޑައިގަތް ސިޔާސީ އެހެން އެއްވެސް ބޭފުޅަކު ނެތެ"ވެ. އަދި، ރާއްޖޭގައި ސިޔާސީ ލީޑަރުންގެ ތެރެއިން، "މީގައި މީނަ ބުނާ އެއްޗެއް ބަލާލަން އެބަ ޖެހެއޭ" ރައްޔިތުން ބަލަން ބޭނުންވާ އެހެން ލީޑަރަކު ވެސް ނެތެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"ބަޔަކު ވަރަށް ފަހާ ޖެހެންދެން ރައީސް މައުމޫނާ ދޭތެރޭ ވެސް އެގޮތަށް ދުށް. މައުމޫން ދެކެވަޑައިގަންނަވަނީ ކިހިނެއް ބާއޭ މިކަމުގައި. ރައީސް ނަޝީދަކީ އެކަހަލަ ބޭފުޅެއް. މީގެ 10 އަހަރު ފަހުން އެހެން ބޭފުޅަކު ވެރިކަމުގައި ހުންނަވާއިރު ގައުމަށް ބޮޑު ކަމެއް ދިމާވިޔަސް ރައްޔިތުން ބަލާލަން ބޭނުންވާނެ ރައީސް ނަޝީދު އެކަމުގައި ދެކެވަޑައިގަންނަވާ ގޮތް. އެކަމަކު، މިސާލަކަށް އަޅުގަނޑު އަޅާކިޔާލަން ރައީސް އިބްރާހިމް މުހަންމަދު ސޯލިހާ. ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ވެސް އަދި މިއަދު ވެރިކަން ނިމުނަސް އިބޫގެ ވިސްނުމަކީ މިކަމުގައި ކޮބައިބާއޭ ހިތަށް އަރާނެ މީހަކު ރަށު ތެރެއަކު ނޫޅޭނެ،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވި ގޮތުގައި ނަޝީދަކީ އެމްޑީޕީއާ ނުލައި ވެސް ސިޔާސީ ކުރިމަގު ބައްޓަން ކުރެވިދާނެ ވަރުގެ އަމިއްލަ ޝަޚުސިއްޔަތެއްގެ ސިޔާސީ ބޭފުޅެކެވެ. އެކަމަކު، އޭގެ އަނެއްކޮޅު އަސްލަމް ދެއްކެވި އެވެ.

"ސިޔާސީ ޕާޓީއެއް ވަކިވަރަަކަށް ގްރޯވާން ވެސް ވަރަށް ގިނަ ވަގުތު ނަގާނެ. އެމްޑީޕީގެ އެތެރެއިން ނުކުމެގެން އެހެން ޕާޓީއަކަށް ބަދަލުކުރެވިދާނެ ކަމަށް ވިސްނާ ވިސްނުމަކީ ގޯސް ވިސްނުމެއް. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އުފެއްދޭ ޕާޓީ އަށް ވުރެ އަދިވެސް އެމްޑީޕީގައި މަޑުކުރެއްވުން އެއީ އެމަނިކުފާނަށް އޮތް އެންމެ ހެޔޮގޮތް،" އަސްލަމް ވިދާޅުވި އެވެ.

"ސިޔާސީ ކެރިއާ އަށް ބޭނުންވަނީ ސިޔާސީ ރަނގަޅު ޕްލެޓްފޯމެއް."

އަސްލަމް ވިދާޅުވި ގޮތުގައި ނަޝީދު ވަނީ މުޅިން ބަދަލުވެފަ އެވެ. ހައްދަވާ ގޯސްތައް ވަރަށް ގިނަ އެވެ. އަދި، ހުރިހާ ކަމެއް އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތަށް އޮންނަން ޖެހޭ ކަމެއް ކަމަށް ދެކެވަޑައިގެން މަތިމައްޗަށް ގޯސްތައް ހައްދަވައި، އޭގެ ސަބަބުން ނަޝީދުގެ ސިޔާސީ ހަޔާތް އަމިއްލަފުޅަށް ތަގައްޔަރު ކުރައްވަމުން ގެންދަވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"މިސާލަކަށް ބައްލަވާ އިހަކަށް ދުވަހު މަޖިލީހުގައި ކުރީގެ ރައީސުންނަށް ނިސްބަތް ކުރައްވާ ދެއްކެވި ވާހަކަފުޅު. އޭގެ ސަބަބުން ނަޝީދަށް އާންމުންގެ ހިތުގައި އޮތް ލޯބި އެބަ ފަނޑުވޭ،" އަސްލަމް ވިދާޅުވި އެވެ.

އާ ޕާޓީއެއްގެ ތެރޭގައި ނަޝީދު ދެން ވެވަޑައިގަންނަވާނީ، އެމަނިކުފާނު ލެއިން ގުރުބާންވި ޕާޓީއާ ދެކޮޅު ބޭފުޅަކަށެވެ. ރާއްޖޭގެ ސިޔާސީ ލީޑަރަކު ދުވަހަކު ވެސް ތަޖުރިބާ ކުރައްވާފައި ނުވާ ވަރުގެ ވޭން ގަދަ ކަންތައްތަކަކާ އެމަނިކުފާނު ކުރިމަތިލައްވަން ޖެހިވަޑައިގަތުން އެއީ ގާތް ކަމެކެވެ.

އެއްގޮތަކީ، ނުގުޑާނެއޭ ބުނާ މީހާ ގުޑައި، އެމަނިކުފާނުގެ މުޅި ސިޔާސީ ކެރިއާ ނިމުމެވެ. އަނެއް ގޮތަކީ، އެމަނިކުފާނުގެ ސިޔާސީ ހަޔާތަށް އަނެއްކާ ވެސް ބަހާރު މޫސުމެއް އައުމެވެ.



More from Mihaaru