އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ބޮޑުކުރަނީ

Sun, 04 Jun 2023 10:47 PM

View on this article on Mihaaru

އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ބޮޑުކުރަނީ

އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އައްޑުއަށް އަށް ކުރައްވާ ދަތުރުފުޅުގައި މިރޭ އައްޑޫ ސިޓީ ސްކުއާގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިހާރު ދެމުން އަންނަ އެލަވަންސް ބޮޑުކޮށް އެކަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.

ދެން އޮތީ އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ އެލަވަންސް ބޮޑުކުރުން ކަމަށާއި އެކަމާއި ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އެކަމަށް [އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އެލަވަންސް] ވެސް ވަރަށް އަވަހަށް ހެޔޮ ބަދަލެއް އަންނާނެ،" ރައީސް ވިދާޅުވި އެވެ.

އެ ބަދަލާއި ގުޅޭ މާބޮޑު ތަފްސީލެއް ރައީސް ނުދެެއްވަ އެވެ. ނަމަވެސް އެ މަނިކުފާނު ވިދާޅުވީ މިއީ އަންނަ ދައުރަށް އެކުލަވާލާ މެނިފެސްޓޯގައި ހިމަނާނެ ކަންތައްތައް ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންނަށް އެލަވެންސް ދޭން ފުރަތަމަ ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެއީ މަހަކު 2،000ރ. ގެ އިނާޔަތެކެެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނަށް ބަދަލު ގެނެސް އެ އެލަވެންސް ވަނީ 5،000ރ. އަށް ބޮޑުކޮށްފަ އެވެ.

ރައީސް މިރޭ ދެއްކެވި ވާހަކަފުޅުގައި ވެސް ގައުމެއްގެ ކުރިއެރުން ބިނާވަނީ ހަމަޖެހުމާއި ސުލްހަމަ މަސަލަސްކަން އޮވެގެން ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރެއްވި އެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު އިސްކަން ދެއްވާނެ ކަންކަމުގެ ތެރޭގައި އިޖުތިމާއީ މައްސަލަތައް ހައްލުކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.



More from Mihaaru