ކޭޕާކް ހަދާ ހަންބޯ ކުންފުންޏާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ނާކާމިޔާބުވުމުން 10،000ރ. ދޭން ޖެހިއްޖެ

Sun, 04 Jun 2023 09:12 PM

View on this article on Mihaaru

ކޭޕާކް ހަދާ ހަންބޯ ކުންފުންޏާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ނާކާމިޔާބުވުމުން 10،000ރ. ދޭން ޖެހިއްޖެ

ހުޅުމާލޭގައި ކޭ ޕާކް ރެސިޑެންސް އިމާރާތް ކުރަމުންދާ ހަންބޯ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓަށް މީހަކު ހުށަހެޅި މައްސަލައެއް ނާކާމިޔާބުވުމުން، ދައުވާލިބޭ ފަރާތުން ކުރި ގާނޫނީ ހަރަދުގެ ގޮތުގައި 10،000ރ. ދޭން އެ މީހާގެ މައްޗަށް އެ ކޯޓުން އަމުރުކޮށްފި އެވެ.

ކޯޓަށް މައްސަލަ ހުށަހެޅީ އެޕާޓްމެންޓެއް ގަތުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އެޕާޓްމެންޓް ހޯދަން ދައުވާކުރަން ގަސްދުކުރާތީ އެތަން ވިއްކާނުލުމުގެ ވަގުތީ އަމުރަކަށް އެދި އެވެ. އެއީ ކޭޕާކްގެ އެތައް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުން ވިއްކާފައިވާ ކަމަށް ބުނެ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު އަނެއް ހިއްސާދާރަށް ތުހުމަތުކޮށް ނެރުނު ބަޔާނަށް ރިއާޔަތްކޮށް ހުށަހެޅި މައްސަލައެކެވެ. ވަގުތީ އަމުރަށް އެދި ބުނެފައިވަނީ އެޕާޓްމަންޓް ހަވާލުކުރާނެ ކަމަށް އެއްބަސްވި މުއްދަތުގައި ތަން ހަވާލު ވެސް ކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް ސިވިލް ކޯޓުން މިއަދު ނިންމީ އެފަދަ ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށެވެ. އެއީ ދައުވާކުރި ފަރާތަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ވަގުތީ އަމުރެއް ނެރެނުދިނުމުގެ ސަބަބުން، ވަގުތީ އަމުރަށް އެދޭ ފަރާތަށް އިޔާދަ ނުކުރެވޭނެ ގެއްލުމެއް ލިބެން އޮތް ކަމަށް މި ވަގުތަށް ނެތުމުން ކަމަށް އަމުރުގައިވެ އެވެ.

މައްސަލަ ނާކާމިޔާބުވާ ހާލަތުގައި އަނެއް ފަރާތުން ކުރި ގާނޫނީ ހަރަދު ނަގައިދެވިދާނެ ކަމަށް މަދަނީ އިޖްރައާތުގެ ގާނޫނުގައި އޮންނާތީ ހަންބޯ ކުންފުނިން އެދުނީ އެ މައްސަލައާ ގުޅިގެން އެ ކުންފުނިން ކުރަން ޖެހުނު ގާނޫނީ ހަރަދު އެ މީހާ އަތުން ނަގައި ދިނުމަށެވެ.

ސިވިލް ކޯޓުން މިއަދު ނިންމީ ވަގުތީ އަމުރަށް އެދުނު އެދުން އެ މީހާއަށް ކާމިޔާބުވެފައި ނުވާތީ ހަންބޯ ކުންފުނިން ކުރި ގާނޫނީ ހަރަދު އެ މީހާ ދޭންޖެހޭނެ ކަމަށެވެ. އަދި އެ މައްސަލާގައި ވަކީލުންނަށް އެ ކުންފުނިން 10،000ރ. ހަރަދު ކޮށްފައިވާތީ އެ ފައިސާ ދައްކަން އަންގާ ކަމަށް އެ އަމުރުގައިވެ އެވެ.

ކޭ ޕާކް ތަރައްގީކުރާ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ހަސަން މަމްދޫހު އެ ކުންފުނީގެ މައި ހިއްސާދާރަށް ނޭނގި އެތަނުން ގިނަ ބަޔަކަށް އެޕާޓްމެންޓް ވިއްކި ކަމަށް މައި ހިއްސާދާރު ތުހުމަތުކޮށް، މައްސަލަ ހުށަހެޅުމުން އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.



More from Mihaaru