ބީއެމްއެލް އިން ހިއްސާއަކަށް 40ރ. ބަހަން ނިންމައިފި

Mon, 29 May 2023 09:50 PM

View on this article on Mihaaru

ބީއެމްއެލް އިން ހިއްސާއަކަށް 40ރ. ބަހަން ނިންމައިފި

ބީއެމްއެލް އިން ހިއްސާއަކަށް 40ރ. ބަހަން އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ

އިސްލާމީ މަރުކަޒުގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްވީ ބައިވެރިވި ހިއްސާދާރުންގެ 100 ޕަސެންޓް ވޯޓުންނެވެ.

ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި ހިމެނެނީ ހިއްސާދާރުންނަށް އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 20ރ. އާއި އިތުރު ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 20ރ. ބަހާތީ އެވެ. އެއީ ޖުމްލަ 215 މިލިއަން ރުފިޔާ އެވެ.

މިއީ ބޭންކުން މިދިޔަ އަހަރު ހިއްސާދާރުންނަށް ބެހި އަދަދަށް ވުރެ 44 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 48ރ. ބެހި އެވެ.

ހިއްސާދާރުންގެ ފައިދާ ދަށްވި އިރު ބީއެމްއެލްއަށް މިދިޔަ އަހަރު ލިބުނު ފައިދާ ވެސް ވަނީ 300 މިލިއަން ރުފިޔާ ދަށްވެފަ އެވެ. މިދިޔަ އަހަރު އެ ބޭންކަށް ފައިދާގެ ގޮތުގައި ލިބުނީ 1.4 ބިލިއަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރު އެ ބޭންކްގެ ޖުމްލަ ފައިދާ ހުރީ 1.7 ބިލިއަން ރުފިޔާގަ އެވެ.

ބޭންކުގެ ފައިދާ ދަށްވި ނަމަވެސް މިދިޔަ އަހަރު އެކުންފުނީގެ އެސެޓު ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އިތުރުވި އެވެ. ކަސްޓަމަރުން ޑިޕޮސިޓް ކުރި ފައިސާގެ އަދަދު ވެސް 1.8 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވެ އެވެ. އަދި އެ ބޭންކުން މިދިޔަ އަހަރު އާންމުންނާއި ވިޔަފާރިތަކަށް 4.3 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައިވެ އެވެ.

އެ ބޭންކުން މިހާރު ވެސް 350،000 ކަސްޓަމަރުން އަންނަނީ ހިދުމަތް ހޯދަމުންނެވެ.

ބީއެމްއެލްގެ 62.2 ޕަސެންޓު ހިއްސާ އަކީ ސަރުކާރެވެ. އަދި 4.1 ޕަސެންޓް ހިއްސާކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. ބާކީ 33.7 ޕަސެންޓަކީ އާންމު ހިއްސާދާރުންނެވެ. އެހެން ކަމުން ހިއްސާގެ ފައިދާގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއް ލިބޭނީ ސަރުކާރަށެވެ.



More from Mihaaru