އެމްޑީޕީގެ މައި ހަރުގެ "ޑިމޮކްރެޓްސް" އިން ބޭނުންކުރަން ފަށައިފި

Mon, 29 May 2023 05:39 PM

View on this article on Mihaaru

އެމްޑީޕީގެ މައި ހަރުގެ "ޑިމޮކްރެޓްސް" އިން ބޭނުންކުރަން ފަށައިފި

އެމްޑީޕީގެ މައި ހަރުގެ ހުންނަ ތަން ހުސްކޮށް ތަން ހަވާލުކުރަން އެ ތަނުގެ ވެރިފަރާތުން އެންގުމުން އެކަން ހުއްޓުވަން އެމްޑީޕީން ކޯޓަށް މައްސަލަ ހުށަހަޅާފައި އޮއްވައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންގެ "ދަ ޑިމޮކްރެޓްސް" ގެ މަސައްކަތް ހަރުގޭގައި މިއަދު ފަށައިފި އެވެ.

ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީގެ ސަޕޯޓަރުން އެއްވެ ސިޔާސީ ހަރަކާތްތައް ހިންގާ މައި ހަރުގެއަކީ އެ ހަރަކާތްތަކުގެ ކުރީ ސަފުގައި އުޅުނު ޝަފިއްޔާ ޒުބައިރުގެ ބިމެކެވެ. އެކަމަކު، އެމްޑީޕީގެ އެތެރޭގެ ކޯޅުމުގައި ޝަފިއްޔާ މިހާރު ހުންނެވީ ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ އިސް މެމްބަރުން އުފައްދަން އުޅުއްވާ "ދަ ޑިމޮކްރެޓްސް"އާ އެކު އެވެ.

ޑިމޮކްރެޓްސް އިން ހަރުގެ ބޭނުންކުރަން ފެށުމާ ދިމާކޮށް އެތަނުގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޝަފިއްޔާ ބުނީ މި މަހު 15 ގެ ކުރިން އެތަން ހުސްކޮށް އެތަނުގައި ހުރި ތަކެތި ބޭރުކުރަން އެމްޑީޕީއަށް ސިޓީއަކުން އެންގި ކަމަށެވެ. އަދި އެ މުއްދަތުގެ ކުރިން އެތަނުގައި ހުރި ތަކެތި ނުނެރެފި ނަމަ، އެ އެއްޗެހި އަތުލައި ތަން ވެސް އަތުލާނެ ކަމަށް އެ ސިޓީގައި އަންގާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

އެމްޑީޕީގެ މައި ހަރުގެ ތެރޭގައި މިއަދު ހުރި އެ ޕާޓީގެ ޕޯޑިއަމްއެއް. މިއަދު ވަނީ އެތަން "ޑިމޮކްރެޓްސް" އިން ބޭނުންކުރަން ފަށާފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މިތަން މިހާރު އެހެން ފަރާތަކަށް ކުއްޔަށް ދީ، ކޮންޓްރެކްޓްގައި ސައިން ކޮށްފިން،" އޭނާ ބުންޏެވެ.

"މިހާރު މި ތަނާއި މި ތަނުގައި ހުރި އެއްޗެއްސަކީ އަޅުގަނޑުގެ އެއްޗެހި."

ޝަފިއްޔާ ބުނި ގޮތުގައި، އެ ތަނުގެ މަހު ކުއްޔަކީ 60،000ރ. އެވެ. އެމްޑީޕީން އޮތީ މި މަހަށް އެތަނަށް ކުލި ދައްކައިފަ އެވެ. ނަމަވެސް، ތަން ހުސްކުރަން ދިން މުއްދަތު ހަމަވާ ފަހުން އަރާ ކުލީގެ ފައިސާ އަނބުރާ ފޮނުވާނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އެ ފައިސާ ފޮނުވާނީ އެމްޑީޕީން އެތަނަށް ނުދައްކާ ހުރި ބިލުތަކަށްވާ ފައިސާ ކެނޑުމަށް ފަހުގައި ކަމަށެވެ.

ހަރުގެ ހުރި ބިން ކުއްޔަށް ދިނީ، އެމްޑީޕީގެ އެތޭރެގައި އުފެދުނު ކޯޅުންގަނޑުގައި ނަޝީދުގެ ފަޅީގައި ހުންނެވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އަށެވެ. ޝަފިއްޔާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، އަމްރުއާ ހަރުގޭގެ ތަޅުދަނޑި ހަވާލުކުރުމުން އޭނާ ވަނީ އެތަން ހުޅުވައިފަ އެވެ.

އެމްޑީޕީގެ މައި ހަރުގެ ކުއްޔަށް ހިފި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެތަން ހުޅުވަނީ: މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ޑިމޮކްރެޓްސް" ގައި އިސްކޮށް އުޅުއްވާ އަމްރު ވަނީ އެ ތަން ޑިމޮކްރެޓްސްގެ ބޭނުންތަކަށް ދޫކޮށްފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޝަފިއްޔާ ބުނީ އެތަން މިފަހަރު ކުއްޔަށް ދިނީ އެ ބިމުގައި 15 ބުރީގެ އިމާރާތެއް ހަދައި އެކަމަށް އިންވެސްޓްކުރަން ޝައުގުވެރިކަން ވެސް ހުރި ފަރާތަކަށް ކަމަށެވެ. އެކަމަށް އިންވެސްޓްކުރަން އެމްޑީޕީއަށް ވެސް ފުރުސަތު ދިނަސް، ޝައުގުވެރިކަން ފާޅުނުކުރާ ކަމަށް އޭނާ ބުންޏެވެ.

މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދު ކުރިމަތީގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުރި ބިން ހުސްކުރަން ވެރިފަރާތުން އެންގުމުން، އެކަން ހުއްޓުވަން ވަގުތީ އަމުރެއް ހޯދަން އެ ޕާޓީން އެ މައްސަލަ ސިވިލް ކޯޓަށް ވެސް އިއްޔެ ހުށަހެޅި އެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ނުލިބެ އެވެ.

އެމްޑީޕީގެ މައި ހަރުގެ "ޑިމޮކްރެޓްސް" އިން ބޭނުންކުރަން ފެށުމަށް ބޭއްވި އެއްވުމުގައި ޑިމޮކްރެޓްސްގެ ތަރުޖަމާނު އަދި ހަރުގެ ހުންނަ ބިން ކުއްޔަށް ނެގި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުގެ އަނބިކަނބަލުން އަފްޝަން ލަތީފް ފޮޓޯއެއް ނަންގަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) މިއަދު "މިހާރު" އަށް ވިދާޅުވީ އެ ބިމަށް މި މަހު ވެސް ކުލި ދެއްކި ކަމަށާއި އެތަން އަތުލަން އުޅެނީ ގަދަކަމުން ކަމަށެވެ.

"އަޅުގަނޑުމެން ކުއްޔަށް ހިފާފައި ހުރި ތަނެއް، އެތަން ބޭނުންކުރަން ހުޅުވާފައި ހުއްޓާ އައިސް ވަދެގަނެގެން އުޅެނީ ގަދަކަމުން،" އޭނާ ވިދާޅުވި އެވެ.



More from Mihaaru