ނައީމާގެ މަރުގެ މައްސަލާގައި ހައްޔަރުކުރީ ދެ ދިވެހިން، އެކަކު އެއްބަސްވެއްޖެ

Fri, 26 May 2023 07:11 PM

View on this article on Mihaaru

ނައީމާގެ މަރުގެ މައްސަލާގައި ހައްޔަރުކުރީ ދެ ދިވެހިން، އެކަކު އެއްބަސްވެއްޖެ

ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި ހައްޔަރުކުރީ ދެ ދިވެހިން ކަމަށާއި އޭގެތެރެއިން އެކަކު ކޯޓުގައި ކުށަށް އިއުތިރާފް ވެފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ ޒުވާންނަކީ ވެސް ޑްރަގުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހުންނެވެ. މީގެތެރެއިން ނައީމާ މަރާލުމުގައި ބައިވެރިވި ކަމަށް އެއްބަސްވި މީހާ މިހާރު ވެސް ހުރީ ޑްރަގްގެ މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. އޭނާ އަކީ ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލާގައި މީގެ ކުރިން ދައުވާ ވެސް ލިބުނު މީހެކެވެ.

ނައީމާގެ މަރާ ގުޅިގެން ހައްޔަރުކުރި ދެ މީހުންނަކީ ރަށުގައި ދިރިއުޅޭ، ކުށުގެ ވެށީގައި އަބަދުވެސް އުޅޭ ބައެކެވެ. ނައީމާ މަރާލި ރޭ ވެސް މި މީހުން ރަށުތެރޭ ދަންވަރު އުޅުނު ކަމަށްވެ އެވެ. މި މީހުން ތަހުގީގަށް ދިން މައުލޫމާތަށް ބަލައި މިހާރު ފުލުހުން އަންނަނީ ރަށުގެ އަތިރިމަތީގެ ސަރަހައްދެއް ބަލައި ފާސްކުރަމުންނެވެ.

ރަށުން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި ހައްޔަރުކުރީ އުމުރުން 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެކެވެ. ކުށަށް އިއުތިރާފުވީ 24 އަހަރުގެ މީހާ އެވެ. އެ މީހުން ނައީމާގެ މަރުގެ ހާދިސާއަށް އެ މީހުން ރަށުން ބޭރުގައި އުޅުނު ކަމަށާއި ސޯޝަލް މީޑިއާގެ ބައެއް އެކައުންޓްތައް ވެސް އެ މީހުން ޑިއެކްޓިވޭޓްކޮށްފައިވާކަން ވަނީ އެނގިފަ އެވެ.

ޕޮލިސް ކޮމިޝަނަރު ވަނީ މަރުގެ މައްސަލަ ތަހުގީގު ކުރުމުގެ ތަޖުރިބާކާރު، އިންސްޕެކްޓަ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން ގުޅިގެން މިމަރުގެ ހަގީގަތް ހޯދާ އިންސާފު ގާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ވެސް ފާހަގަކުރައްވައިފަ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ ކުށުގެ ވެށިން ގިނަ އަދަދެއްގެ ސާމްޕަލް ނަގައިފަ އެވެ. އޭގެ ތެރޭގައި ކުށްކުރި ކަމަށް ބެލެވޭ މީހާގެ ޑީއެންއޭ އާއި އިތުރު ފޮރެންސިކް ސާމްޕަލްތައް ވެސް ހިމެނެ އެވެ.


More from Mihaaru