ހުޅުމާލޭގައި ޓްރެފިކް އެކްސިޑެންޓުތައް އާންމުވަމުން ދާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ބެހެއްޓި މަގުހުރަސްކުރާ ޓްރެފިކް ލައިޓްތައް އިފްތިތާހުކޮށް މިއަދު ބޭނުންކުރަން ފަށައިފި އެވެ.
އާބަންކޯގެ މައި އޮފީސް ކުރިމަތީ މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ ޓްރެފިކް ލައިޓް އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެ ހަފްލާގައި އާބަންކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ގައިސް ވިދާޅުވީ މާލެ-ހުޅުމާލެ ބްރިޖަކުން ގުޅުވާލި ފަހުން ހުޅުމާލޭގެ އާބާދީ ވަރަށް ބޮޑުވެ މަގުމަތީ ހިނގާ ނުރައްކާތެރި ހާދިސާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީ ހަރުކޮށްފައިވާ ޓްރެފިކް ލައިޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އާބަންކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ގައިސް ވާހަކަ ދައްކަވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ގައިސް ވިދާޅުވީ ޓްރެފިކް ލައިޓްގެ ސަބަބުން މަގުތަކަށް އިތުރު ރައްކާތެރިކަމެއް ލިބޭނެ ކަމަށެވެ.
"މުޅި ދިވެހިރާއްޖެއަށް މުޅިން އަލަށް މަގު ހުރަސް ބައްތި މި ތައާރަފްކުރަނީ. މިއީ ކުޑަ ކަމެއް ކަމުގައި ވީ ނަމަވެސް މަގުމަތީގެ ރައްކާތެރިކަމަށް އިތުރު ރައްކާތެރި ކަމެއް ލިބިގެން ދާނެ،" ގައިސް ވިދާޅުވި އެވެ.

ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީ ހަރުކޮށްފައިވާ ޓްރެފިކް ލައިޓު ކައިރިން ބަޔަކު މަގު ހުރަސްކުރަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިއަދު ބޭނުންކުރި ދެ ޓްރެފިކް ލައިޓް ހުރީ ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގަ އާއި ހުޅުމާލެ 2 ގެ މައި ބަސް ސްޓޮޕް ކައިރީގަ އެވެ.
ހުޅުމާލޭގެ އަށް ސަރަހައްދެއްގައި ޓްރެފިކް ލައިޓް ހަރުކުރަން އާބަންކޯ އިން ވަނީ ނިންމައިފަ އެވެ.
ޓްރެފިކް ލައިޓް އިފްތިތާހުކުރި ވަގުތު ވެސް ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ދެ އެކްސިޑެންޓެއް ހިނގި އެވެ. މި ދެ އެކްސިޑެންޓުގައި ވެސް މީހުންނަށް އެކިވަރުގެ އަނިޔާވި އެވެ.