ފިޓްނަސް އިންސްޓްރަކްޓަރުންނަށް ރާއްޖެ ގަބޫލުކުރާ ކޯހެއް ހިންގަނީ

Fri, 26 May 2023 03:51 PM

View on this article on Mihaaru

ފިޓްނަސް އިންސްޓްރަކްޓަރުންނަށް ރާއްޖެ ގަބޫލުކުރާ ކޯހެއް ހިންގަނީ

ފިޓްނަސް ދާއިރާގައި ހަރަކާތްތެރިވާ އިންސްޓްރަކްޓަރުންނަށް ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ ސެޓްފިކެޓް ދޭ ކޯހެއް ފަށަން، އިންސްޓިޓިއުޓް ފޯ އެޕްލައިޑް ލާނިން (އައިފާލް) އިން ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަނާ ގުޅިގެން ތައްޔާރު ވެއްޖެ އެވެ.

އަންނަ މަހުގެ 1 ގައި އެ ފަށާ އެ ކޯހުގައި ބައިވެރިވެވޭނީ ފިޓްނަސް ތަމްރީނުތަކުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހޯދާފައިވާ މީހުންނަށެވެ. ސެޓްފިކެޓް ލެވެލް 3 ގެ އެ ކޯހަކީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) ސެޓިފައިޑް ކޯހެއް ވެސް މެ އެވެ.

ޔޫފޯރިއާ ޖިމާ ގުޅިގެން ހިންގާ ވޮކޭޝަނަލް ޓްރޭނިން ކޯހުގައި ތަމްރީނުތަކުގެ އިތުރުން ތިއަރީ ކްލާސްތައް ވެސް އޮންނާނެ އެވެ. ކޯހުގައި ކިޔަވައި ދެނީ ފިޓްނަސް އާއި ކުޅިވަރު މެނޭޖްމަންޓްގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ތަޖުރިބާކާރު އިންސްޓްރަކްޓަރު ރައްޒާގް އިބްރާހިމެވެ.

އެމްއެންއެސްޑީއޭ އިން އައިފާލް އަށް ފިޓްނެސް އިންސްޓްރަކްޓާ ކޯސް ހިންގުމުގެ ހުއްދަ ދެނީ.--

"އެންމެ ބޮޑު އިސްކަމެއް ދޭނީ ބައިވެރިންގެ މިހާރު ހުރި ހުނަރާއި މައުލޫމާތަކީ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްގައި ކަނޑައަޅާފައިވާ މައުލޫމާތާ ހުނަރު ތޯ ބެލުމަށް. އޭގެ ފަހުން، އިތުރަށް ބޭނުންވާ މައުލޫމާތާއި ހުނަރު ދަސްކޮށްދީ، ސެޓްފިކެޓް ހާސިލް ކުރެވޭ ވަރަށް ދަސްކޮށްދިނުން،" ސްޕޯޓްސް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ރައްޒާގު ވިދާޅުވި އެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު އައިމަން ވިދާޅުވީ، ބޮޑީބިލްޑިން އެތުލީޓުންނަކީ އެ މީހުންގެ ކެރިއަރު ނިންމާލާއިރު، ޕާސަނަލް ޓްރޭނިން ދީގެން ވެސް އެ ދާއިރާ އިން އާމްދަނީ ލިބޭނެ ބަޔަކަށް ހެދުމަކީ އެސޯސިއޭޝަންގެ މަގުސަދެއް ކަމަށެވެ. އަލަށް ފަށާ ޕްރޮގްރާމާ ގުޅިގެން އެތުލީޓުންގެ އިތުރުން އިންސްޓްރަކްޓަރުންނަށް ވެސް ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ސެޓްފިކެޓަކާ އެކު، މަސައްކަތް ކުރުމުގެ މަގު ފަހިވާނެ ކަމަށް އައިމަން ވިދާޅުވި އެވެ.

ރާއްޖޭގައި ފިޓްނަސް އިންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ގިނަ މީހުން ސެޓްފިކެޓް ހޯދާފައި ވަނީ ބޭރުގެ އެކި އެކި ކޯސްތައް ފުރިހަ ކޮށްގެންނެވެ. އެކަމަކު، އެ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ އެ ސެޓްފިކެޓްތައް ރާއްޖޭގެ އެމްކިއުއޭ އިން ގަބޫލު ނުކުރުމެވެ.

ނަމަވެސް ދާއިރާގެ ތަޖުރިބާއާ އެކު ބައިވެރިވެވޭ އާ ކޯސް ފުރިހަމަ ކުރުމަށް ފަހު، އެ މައްސަލައަށް ވެސް ހައްލެއް ލިބޭނެ އެވެ. އެމްކިއުއޭ އިން ގަބޫލުކުރާ ކޯހާ އެކު، ތަފާތު އެކި ކުޅިވަރުތަކުގެ އެތުލީޓުން ތަމްރީނު ކުރުމުގެ ހާއްސަ ހުނަރުތައް ވެސް ބައިވެރިންނަށް ދަސްވާނެ އެވެ.

ތައުލީމާއި ތަޖުރިބާ ހާސިލް ކޮށްފައި ވިއަސް މި ކޯހުގެ މަގްސަދަކީ، ކޯހުގެ ސިލަބަސް ކަވަރު ކޮށްދީ، އެމްއެންއެސްޑީއޭގެ ސެޓްފިކެޓް ލިބޭ ޓެސްޓަށް ބައިވެރިން ތައްޔާރު ކުރުމެވެ. އެމްއެންއެސްޑީއޭ ޓެސްޓުގައި ބައިވެރި ވެވޭނީ، ކޯހުގެ ތަމްރީނުތަކަށް ފަހު، އައިފާލް އިން ދޭ އެތެރޭގެ އިމްތިހާނަކުން ފާސްވުމުންނެވެ.


More from Mihaaru