މާފުށީ މޫދުގައި ޝައުފާ އުފެއްދި ކާމިޔާބީގެ ބާނި

Sun, 26 Mar 2023 08:34 AM

View on this article on Mihaaru

މާފުށީ މޫދުގައި ޝައުފާ އުފެއްދި ކާމިޔާބީގެ ބާނި

އުމުރުން އެންމެ 19 އަހަރުގެ މި ޒުވާން އަންހެންކުއްޖާގެ އުންމީދުތައް ވަރަށް މައްޗެވެ. ސްކޫލު ނިންމާލި ގޮތަށް، ބައްޕަގެ ވިޔަފާރީގެ ތެރެއަށް، މޫދަށް ފުންމާލީ އެއީ މުޅި ހަޔާތް ކަމަށް ދެކިގެންނެވެ. އޭނާގެ ހުވަފެންތަކަކީ ވެސް، އަދި ކުރިމަތީގައި ފެންނާން އޮތް ހަގީގަތަކީ ވެސް މި ދާއިރާ އިން ވިޔަފާރި ފުޅާކުރުމެވެ.

"އެކަމަށް ފައިސާ ވެސް މި އެއްކުރަނީ،" މާފުއްޓަށް އުފަން، އަދި މި ރަށުގައި އެންމެ ފުޅާ ދާއިރާއެއްގައި ވޯޓާ ސްޕޯޓްސްގެ ހިދުމަތް ދޭ، "ބާނި"ގެ އިންސްޓްރަކްޓަރު ފާތިމަތު ޝައުފާ ބުންޏެވެ.

ޕެޑުލް ބޯޑުގައި ޝައުފާ އިށީންދެގެން: އޭނާ އަކީ އެންމެ ކުޑަ އިރު ވެސް މޫދު ކުޅިވަރުތައް ކުޅެން ޝައުގުވެރިކަން ހުރި ޒުވާނެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ބާނި" އަކީ އޭނާގެ ބައްޕަ މީގެ ދެ އަހަރެއް ވަރު ކުރިން ބިންގާ އެޅި ތަނެކެވެ. މި ރަށުގައި ފުޅާވަމުން އަންނަ ގެސްޓް ހައުސް ޓޫރިޒަމާ އެކު ރަށުގެ ވޯޓާ ސްޕޯޓްސް މިހާރު އޮތީ އެހެން އެއްވެސް ރަށަކާ އަޅާ ކިޔޭ ވަރަށް ވުރެ މާ މަތީ ފެންވަރުގަ އެވެ. ވޯޓާ ސްޕޯޓްސްގެ ހިދުމަތް ދޭ ދިހަ ވަރަކަށް ތަން މި ރަށުގެ އަތިރިމަތީގައި ބަރިއަކަށް ހުރި އިރު، ޝައުފާ އަކީ، މިތަނުން ފެންނަ ހަމައެކަނި އަންހެން މޫނެވެ. އެހެންވެ، އޭނާ އެންމެންނަށް ވެސް ހާއްސަ ވެ އެވެ. ސަބަބަކީ، އޭނާގެ ކެރުމާއި ހިތްވަރެވެ. ޖޯޝާއި މިކަމުގައި އޭނާގެ ހުރި ފޯރި އެވެ. "ބާނި" ހިންގަނީ ވެސް މިހާރު އޭނާ އެވެ.

"ކުޑައިރުއްސުރެ ވެސް ރަށުގައި އުޅެ މޫދުގެ ތެރޭގައި ބޮޑުވީމަ ވަރަށް ފަން ކަމެއްގެ ގޮތުގައި މިކަން އަބަދު ވެސް އޮންނަނީ. އެހެންވެ ސްކޫލު ހަމަ ނިމުމާ އެކު މީގެ ތެރެއަށް މި ޖޮއިން ކުރަނީ،" އޭނާ ބުންޏެވެ.

ޝައުފާ ވޯޓަ ސްޕޯޓްސް ވިޔަފާރި އަށް ވަނީ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭނާގެ ވިސްނުމަކަށްވީ ވޯޓާ ސްޕޯޓްސް ދާއިރާ އިން ކުރިއަށް ދިއުމެވެ. އެހެންވެ، އޭނާގެ ބައްޕަގެ އަތުގައި ހިފައިގެން "ބާނި" އަށް ވަދެ، މިކަން ކުރިއަށް ގެންދާކަށް އޭނާ އަށް އުނދަގޫ ކަމަކަށް ނުވި އެވެ.

އެންމެ ޕެރަސެއިލިން ބޯޓަކާ އެކު ފެށި "ބާނި" މިހާރު ވަނީ އެއްކޮށް ބަދަލުވެފަ އެވެ. މި ރަށުގެ ހުރި އެހެން ވޯޓަސްޕޯޓްސް ހަރަކާތްތައް ހިންގާ ތަންތަނުން ދޭ ހިދުމަތްތަކާ އެއް ހަމައެއްގައި މިތަނުން ވެސް މިހާރު ހިދުމަތް ދެ އެވެ. މި ތަނުން ޕެރަސެއިލް ކުރުމުގެ އިތުރުން، ޖެޓްސްކީ އާއި ޕެޑްލް ބޯޑިން އާއި ވޯޓަ ސްކިއިން އާއި ފަން ޓިއުބްގެ ހިދުމަތް ވެސް ލިބެ އެވެ.

ޝައުފާ ޖެޓްސްކީއެއްގައި: އޭނާގެ ގިނަ ވަގުތު ހޭދަ ވަނީ މި މަސައްކަތުގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މި ރަށުގެ އެހެން ހުރިހާ ތަނަކުން ލިބޭ ހުރިހާ ހިދުމަތެއްހެން މިތަނުން ވެސް ލިބޭނެ. އެކަމަށް ހާއްސަ މީހުން ވެސް ތިބޭނެ މިތަނުގައި،" އޭނާ ބުންޏެވެ.

މި މަސައްކަތަށް އޭނާ ނުކުތް އިރު، މި ރަށުގައި ވަރަށް ފުޅާ ދާއިރާއެއްގައި މި ހިދުމަތް ދެ އެވެ. އެކަމަކު، އާދައިގެ ގޮތަކަށް "ބާނި" ފަށައި، އެހެން ތަންތަނާ އެއް ސަފަކަށް އެރުން ވީ ފަސޭހަ ކަމަކަށް ނޫނެވެ. ޝައުފާ ބުނި ގޮތުގައި އެ ހުރަސްތައް އޭނާ ގިރާކުރީ އޭނާގެ ޝައުގެވެ. މިހާރު މި ރަށަށް އަންނަ ޓޫރިސްޓުންގެ އެންމެ އާންމު އެއް މޫނަކަށް، އޭނާ ވެފައި ވަނީ އޭނާގެ ހިނިތުންވުމާއި ޓޫރިސްޓުންނާ ބަހައްޓާ ގާތްކަމެވެ.

ޝައުފާ ބުނީ، ޓޫރިސްޓުންނާ އެކު ކޮންމެ ދުވަހަކު އޭނާ އެ ހޭދަކުރާ ވަގުތުތަކަކީ އެންމެ އުފާވެރި، ވަގުތުތައް ކަމަށެވެ. ޓޫރިސްޓުން އޭނާ އާ އެކު ހޭދަކުރާ ވަގުތުތައް، ވީހާ ވެސް މަޖާ ވަގުތުތަކަށް ހެދުމަށް އަމަލީ ގޮތުން އެކި ހަރަކާތްތަކުގައި އޭނާ ބައިވެރިވެ އެވެ. ފަސް ވަރަކަށް މުވައްޒަފުންގެ އެހީތެރިކަމާ އެކު ޝައުފާ ވޯޓަސްޕޯޓްސް ސްޓޯލް ހެނދުނުން ފެށިގެން ހަވީރު 6 ޖަހަންދެން ހުޅުވާފައި ހުރެ އެވެ. އެ ހުރިހާ ވަގުތަކު ޓޫރިސްޓުންނަށް ވީ އެންމެ ރަނގަޅަށް މޫދު ކުޅިވަރު ތަޖުރިބާ ކޮށްދޭން، އޭނާ ހިތްވަރު ކުރެ އެވެ.

ޝައުފާ ޓޫރިސްޓުންތަކެއް ފަން ޓިއުބަށް އަރުވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝައުފާ ބޭނުން ވަނީ ކުރިއަށް އޮތްތަނުގައި އެ ސްޓޯލުން މިހާރު ނުލިބޭ އިތުރު ކުޅިވަރުތައް ވެސް ފަށާށެވެ. ފްލައި ބޯޑިން ފަދަ މޫދުގެ އިތުރު ހަރަކާތްތައް ވެސް ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ވޭތުވެދިޔަ ދެ އަހަރުގެ ބުރަ މަސައްކަތުން، "ބާނި"ގެ ވިޔަފާރި ވަނީ ކޮޅަށް ޖަހައިފަ އެވެ. އެއީ، އޭނާގެ ހަޔާތުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ. އޭނާ ބުނާ ގޮތުން އެއީ އެތާނގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ ވެސް ވަރަށް ބުރަ މަސައްކަތެވެ.

އެކަމަކު މި ހިސާބުން މިކަން ނިންމާލާކަށް ޝައުފާ ބޭނުމެއް ނުވެ އެވެ. އޭނާ އަންނަނީ ވިޔަފާރި އިތުރު ހަރުފަތްތަކަކަށް ޕްލޭން ކުރަމުންނެވެ.

ޝައުފާ މޫދަށް ފައިބަނީ: އޭނާގެ ހިތްހަމަޖެހުމަކީ މޫދު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިއީ ހަމަ ވަރަށް ފަން ކަމެއް. ކޮންމެ މީހަކު ވެސް އިންޓްރެސްޓް ހުރިއްޔާ ވާނެ. މިއީ ޝައުގުވެރިކަން ހުރިއްޔާ ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަމެއް."

މުޅި ރަށުގައި ވެސް ވޯޓަ ސްޕޯޓްސް ހަރަކާތްތަކުގައި އަމަލީ ގޮތެއްގައި އަންހެނަކަށް އުޅެނީ ޝައުފާ އެކަންޏެވެ. ޝައުފާ ބުނާ ގޮތުން އެހެން އެވަނީ މިއީ ހަމައެކަނި ފިރިހެނުންގެ އެކަނި ކަމެއް ކަމަށް ގަބޫލު ކޮށްގެން ތިބޭތީ އެވެ.

"އެހެންވެ ކެރިގެން ނުކުންނަ އަންހެނުން މަދީ،" އޭނާ ބުންޏެވެ.

"ބާނި" އަށް ދިޔަ ޓޫރިސްޓުންތަކަކާ އެކު ޝައުފާ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިއީ ވަކި ޖިންސަކަށް އޮތް ކަމެއް ނޫން."

އެހެން ފިރިހެނުންނެކޭ އެއްގޮތަށް، މިތަނުން ފެންނަނީ ޝައުފާ ވެސް ހުރިހާ ކަމެއްގެ ތެރޭގައި އުޅޭ މަންޒަރެވެ. "ބާނި" އަށް އަންނަ ޓޫރިސްޓުންނަށް މަރުހަބާ ކިޔައި، އެ މީހުން ބޭނުންވަނީ ކޮން ކަމެއްތޯ އަހައި، އެ މީހުން ބޭނުންވާ ތަޖުރިބާތަކަށް އިންސްޓްރަކްޓަރުން ލައި އެ ހުރިހާ ކަމެއްގައި ގިނަ ވަގުތު ހޭދަކުރަނީ ޝައުފާ އެވެ. އޭގެ އިތުރުން، ބައެއް ޓޫރިސްޓުން ގޮވައިގެން އޭނާ މޫދަށް ވެސް ދެ އެވެ. އެކި އެއްޗެހީގައި ޓޫރިސްޓުންނާ އެކު ދަތުރުކުރެ އެވެ.

ޝައުފާ ކެނޯއެއް މޫދަށް ބާލަނީ: އޭނާ އަށް ގިނަ ޒުވާނުންތަކެއް އެހީތެރިވެދޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިކަން ވާނެ އަންހެނުންނަށް ވެސް،" އޭނާ ބުންޏެވެ.

ނުވާންވީ ސަބަބެއް ނެތެވެ، އެންމެ 19 އަހަރުގައި އޭނާ އެ ދައްކަނީ އެ މިސާލެވެ. އޭނާގެ ކޮންމެ ހަރަކާތަކުން ފެންނަނީ "ވާނެ" ކަމެވެ.



More from Mihaaru