ކަމުދާ ކެންޑިޑޭޓަކު ނެތަސް ނޫނެކޭ ބުނުމުގެ ހައްގެއް ނެތް!

Sun, 26 Mar 2023 07:39 AM

View on this article on Mihaaru

ކަމުދާ ކެންޑިޑޭޓަކު ނެތަސް ނޫނެކޭ ބުނުމުގެ ހައްގެއް ނެތް!

ކެންޑިޑޭޓުންގެ ތެރޭގައި ކަމުދާ މީހަކު ނެތީމާ ވޯޓެއް ނުލަމޭ ބުނެފި ނަމަ ހަމައެކަނި ސިޔާސީ ވިސްނުމުގައި ރައްދު ދޭ މީހާ ބުނާނީ ވޯޓު ނުލާ މީހުންނަށް، ގައުމުގެ ކަންކަމާ ބަސް ބުނުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ. އެކަމަކު ކަމުދާ މީހަކު ނެތޭ ބުނުމުގެ ހައްގު ނުދީ، ކޮންމެ ފަދަ ބަޔަކަށް ވިޔަސް އޭގެ ތެރެއިން ކޮންމެވެސް އެކަކު ހޮވަން މަޖުބޫރުވާ ގޮތަށް ވޯޓު ނަގާ ނަމަ އެއީ އަމިއްލަ ރުހުމުގައި، މިނިވަންކަމާ އެކު ދެވޭ ވޯޓެއް ހެއްޔެވެ؟

ރާއްޖޭގައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި "ވޯޓުލުން" ބަޔާންކުރާ މާއްދާގައި އޮންނަ ގޮތުން "އިންތިހާބެއްގައި ވޯޓުދޭނީ، އެ އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެމީހަކަށް ފެންނަ މީހަކަށެވެ." ދެން ބުނެފައި އޮންނަނީ "މިގޮތުން ވޯޓު ދިނުން ފުރިހަމަވާނީ ވޯޓުލާ މީހާއަތަށް ދޫކުރާ ވޯޓުކަރުދާސްކޮޅުގައި، ... އެމީހަކަށް ފެންނަ ކެންޑިޑޭޓުގެ ނަމާ ދިމާގައި ރަނގަޅު ފާހަގަޖަހައި ވޯޓުކަރުދާސްކޮޅު ވޯޓުފޮށްޓަށް ވައްޓާލުމުންނެވެ."

ކެންޑިޑޭޓަކަށް ނޫނެކޭ ނުބުނެ އެވެ. ބުނަންޏާ ބުނަންޖެހޭނީ "ފެންނަ" ކަމަށެވެ.

ވޯޓު ކަރުދާހުގައި އިތުރަށް ޖަހާ ފާހަގަޔަކުން ދެން އޮންނާނީ ވޯޓު ބާތިލްވުމުގެ ފުރުސަތު ނުވަތަ ނަތީޖާއަށް އަސަރެއް ނުކުރާ ހުސް ކުރެހުމެއްގެ ގޮތުގަ އެވެ. ފާހަގައެއް ނުޖަހާ އޮންނަ ވޯޓު ކަރުދާސް ވާނީ ބާތިލެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެވޭ ގޮތަށް ވޯޓު ދެވޭނެ ގޮތް ހެދުމަކީ އިންތިހާބުތަކާ ބެހޭ ގާނޫނުތައް މިހާރު ހުރި ގޮތުން ރާއްޖޭގައި މިވަގުތު ކުރެވޭނެ ކަމެއްގެ ގޮތުގައި ގަބޫލު ނުކުރެއްވޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އެކަމަކު ހަބީބު ވިދާޅުވީ ކަމުދާ ކެންޑިޑޭޓެއް ނެތް ނަމަ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނުމުގެ އިހްތިޔާރު ރައްޔިތުންނަށް ދިނުމަށް އޭނާ އަމިއްލަ ހައިސިއްޔަތުން ތާއީދުކުރައްވާ ކަމަށެވެ.

ރާއްޖޭގައި ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ކިތަންމެ ކުޑަ ވޯޓުކޮޅަކުން ލިބޭ މީހާއަށް އިންތިހާބު ކާމިޔާބުވެ އެވެ. ބައެއް ބައި އިލެކްޝަންތަކުގައި، ވޯޓު ލިބުމުގެ ހައްގު ލިބިގެންވާ އެންމެ 10 ވަރަކަށް ޕަސެންޓު މީހުންގެ ބައިވެރިވުމާ އެކު ވެސް އިންތިހާބުގެ ނަތީޖާ ކަނޑައެޅިފައި އެބަހުއްޓެވެ. ރިޔާސީ އިންތިހާބުގެ ގާނޫނުގައި ވެސް އޮންނަނީ "ވޯޓު ދިން މީހުންގެ އަޣްލަބިއްޔަތު ލިބިއްޖެކަމަށް ބަލާނީ، އެ އިންތިހާބުގައި ވޯޓު ދިން މީހުންގެ ތެރެއިން ސައްހަ ވޯޓުގެ ފަންސާސް ޕަސެންޓަށް ވުރެ ގިނަ ވޯޓު" ލިބުމުން ކަމަށެވެ. - މާނަ އަކީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ގިނަ މީހުން ވޯޓު ނުލިޔަސް، ވޯޓު ލީ ބައެއްގެ ތެރެއިން އިންތިހާބުގެ ނަތީޖާ ނެރުމެވެ.

އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ދޭން ހިތް ނުރުހޭތީ ވޯޓު ލާން ނުދާ މީހާގެ އަޑު އިއްވޭނެ އެއްވެސް ގޮތެއް ނެތީ އެވެ. ބާތިލް ވޯޓެއް ލިޔަސް އެއީ ވެސް ގުނޭ ވޯޓެއް ނޫނެވެ. ނަތީޖާ ބަލަނީ ސައްހަ ވޯޓުގެ ނިސްބަތުން ކަމަށްވާތީ އެވެ.

މިގޮތަށް ބަދަލު ގެނައުމުން އިލްމީ ގާބިލް ބޭފުޅުން ޕާޓީގެ ފަރާތުން ކެންޑިޑޭޓުންގެ ގޮތުގައި ނެރެން ޕާޓީތަކަށް ވެސް މަޖުބޫރުވާނެ: އީސީގެ ނައިބު ރައީސް ހަބީބް

އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން އެނގޭ ގޮތުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 283،272 މީހަކަށް ލިބިގެންވާއިރު އޭގެ ތެރެއިން 120،337 ނުވަތަ 42 ޕަސެންޓް މީހުންނަކީ ރާއްޖޭގެ ސިޔާސީ އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީވެފައި ނެތް މީހުންނެވެ. މި ހިސާބުތަކަށް އިޝާރާތް ކުރައްވަމުން ހަބީބް ވިދާޅުވީ އިންތިހާބުތަކުގައި ވޯޓުލާން ގިނައިން ނުކުންނަނީ ވެސް ޕާޓީތަކުގެ މެންބަރުން ކަމަށެވެ. ކޮންމެ މީހަކު ޕާޓީއަކުން ނެރުނު ކަމަށް ވިޔަސް އެ ޕާޓީއެއްގެ ބަޔަކު އެ ޕާޓީގެ ކެންޑިޑޭޓަކަށް ވޯޓު ދިނުމަކީ އާދަ އެވެ. އެހެންވެ، ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި ކިތަންމެ ތައުލީމީ ގާބިލް މީހުން ތިއްބަސް މެންބަރުން ގިނަ ޕާޓީން ނެރޭ އެންމެ ކަމުނުދާ ކެންޑިޑޭޓް ވެސް ހޮވިދާނެ އެވެ.

ކިޔެވުމުގެ ބޭނުމެއް ނެތް ކަމަށާއި އިންތިހާބީ މަގާމުތަކާއި ސިޔާސީ މަގާމުތައް ވެސް ލިބޭނީ ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުންގެ ގޮތުގައި އުޅެގެންކަން އެއީ މިހާރު އާންމު ވިސްނުމަކަށް ވެއްޖެ އެވެ. ހަބީބް ގަބޫލުކުރައްވާ ގޮތުގައި ކަމުދާ ކެންޑިޑޭޓަކު ނެތް ކަމަށް ބުނަން އިހްތިޔާރު ދީގެން މިކަމަށް ވެސް ބަދަލު ގެނެވިދާނެ އެވެ.

"މިގޮތަށް ބަދަލު ގެނައުމުން އިލްމީ ގާބިލް ބޭފުޅުން ޕާޓީގެ ފަރާތުން ކެންޑިޑޭޓުންގެ ގޮތުގައި ނެރެން ޕާޓީތަކަށް ވެސް މަޖުބޫރުވާނެ. އަދި ސިޔާސަތު ކަނޑައަޅާ ފެންވަރު ގައި އިލްމީ ގާބިލް ބޭފުޅުން ހިމެނިގެން ދިޔުމުގެ ސަބަބުން އޭގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ މުޖްތަމައަށް. ނަތީޖާ އަކަށް ވެގެންދާނީ ކިޔެވުމުގެ މުހިންމުކަމާއި ގާބިލް ބޭފުޅުންގެ ކޮންޓްރިބިއުޝަން މުޅި މުޖްތަމައަށް ލިބިގެން ދިޔުން،" ހަބީބް ވިދާޅުވި އެވެ.

އެކި ގައުމުގައި އެކި ގޮތަށް

އިންޑިއާގެ ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު ކުރި ހުކުމަކާ އެކު އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން "ނަން އޮފް ދި އެބަވް" ނުވަތަ އެއްވެސް ކެންޑިޑޭޓަކު ކަމަކު ނުދެއޭ ބުނުމުގެ އިހްތިޔާރު ވޯޓުލާ މީހުންނަށް ދިނެވެ. ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކުން ނެރޭ ކެންޑިޑޭޓުންގެ ތެރޭ ރަނގަޅު މީހަކު ނެތޭ ބުނުމުގެ ހައްގު އާންމުންނަށް އޮންނަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. މިއީ ސިޔާސީ މައިދާނަށް ޕާޓީތަކުން ނެރޭ މީހުންނަކީ ހަރުދަނާ ރަނގަޅު މީހުންނަށް ހެދުމަށް ބާރަކަށް ވާނެ ކަމަށް ބަލައިފަ އެވެ.

"ދެކޮޅަށް ވޯޓު ލުމުގެ ހައްގު ދިނުމަކީ ވޯޓުގެ ކަންކަން ނިޒާމީ ގޮތެއްގައި ވަރަށް ބޮޑަށް ބަދަލުވެ، ރަނގަޅު ކެންޑިޑޭޓުން ނެރުމަށް ބާރަކަށް ވާނެ. ވޯޓު ދިނުމަކީ ގާނޫނީ ހައްގަކަށްވާ ނަމަ، ކެންޑިޑޭޓުންނާ ދެކޮޅަށް ވޯޓު ދިނުމަކީ، ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނެން ޖެހޭނެ ކަމެއް،" ކެންޑިޑޭޓުންނަށް ނޫނެކޭ ބުނުމުގެ ހައްގު ދިނުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.

އެކަމަކު އިންޑިއާގައި މައްސަލަ އަކީ "ނަން އޮފް ދި އެބަވް" ނުވަތަ "ނޯޓާ" ގެ އަގެއް ނެތުމެވެ. މާނަ އަކީ ކުރިމަތިލާ ކެންޑިޑޭޓުންނަށް ލިބުނު ވޯޓަށް ވުރެ، އެއްވެސް ކެންޑިޑޭޓަކު ކަމުނުދާ ކަމަށް ބުނެ ދިން ވޯޓު ގިނަ ކަމަށް ވިޔަސް، އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކީ އިންތިހާބު ކާމިޔާބުކުރި މީހާ ކަމަށް ބަލާތީ އެވެ. މީގެ އެތައް މިސާލެއް އިންޑިއާ އިން ފެނިފައިވެ އެވެ. ކެރެލާގެ އިންތިހާބެއްގައި ޕާޓީތަކުން އަންހެން އެއްވެސް ކެންޑިޑޭޓެއް ނެރެފައި ނެތުމުން އަންހެން އެކްޓިވިސްނުން ނުކުމެ ގިނައިން ވޯޓު ދިނީ އެއްވެސް ކެންޑިޑޭޓެއް ކަމުނުދާ ކަމަށެވެ. ޓެމިލް ނާޑޫގައި ކޮރަޕްޝަންގެ މައްސަލަތައް ގިނަވުނުން އަދި ގުޖަރާތުގައި ސްކޫލް ފީ ބޮޑުކުރުމުން ގިނަ މީހުން ނުކުމެ ވޯޓު ދިނީ އެންމެންނާ ދެކޮޅަށެވެ. އެ ކެންޑިޑޭޓުންނަކީ ރައްޔިތުން ބަލައިގަންނަ މީހުން ނޫން ކަމުގެ މެސެޖު ދެވުނަސް އެެއިން ކޮންމެ އިންތިހާބެއްގައި ވެސް، އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓުން އިންތިހާބުވި އެވެ.

އިންތިހާބެއްގައި ވޯޓު ލުމަށް މީހަކަށް އޮފިޝަލުން ވޯޓު ކަރުދާސް ހަވާލުކުރަނީ. -- މިހާރު ފައިލް ފޮޓޯ

އެކަމަކު ކޮލަމްބިއާގައި ތަފާތެވެ. އެ ގައުމުގައި 1991 ވަނަ އަހަރު ތައާރަފްކުރި "ނޯޓާ" އިން އިންތިހާބު އެއްކޮށް ބަދަލުކޮށްލެވެ އެވެ. ސަރަހައްދީ އިންތިހާބެއްގައި އެ ގައުމުގައި 2011 ވަނަ އަހަރު އެންމެ ބޭފުޅަކު މޭޔަރު ކަމަށް ވާދަކުރެއްވި ސަރަހައްދީ އިންތިހާބެއްގައި 56.7 ޕަސެންޓް މީހުން ވޯޓު ދިނީ ތާއީދު ނެތް ކަމަށެވެ. އެހެންވެ ޖެހުނީ މުޅިން އާ ކެންޑިޑޭޓުންނާ އެކު އަލުން އިންތިހާބު ބާއްވާށެވެ.

ސްޕެއިންގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނެތް ކަމަށް ދިން ވޯޓެއްގެ ގޮތުގައި ބަލަނީ އެއްވެސް ކެންޑިޑޭޓެއްގެ ނަމުގައި ފާހަގަ ނުޖަހައި ހުރަސް ކަރުދާހެއް ފޮއްޓަށް ލުމުންނެވެ. އެކަމަކު މިހެން އޮންނަ ކަރުދާހުން ނަތީޖާއަށް ކުރާ ހަމައެކަނި އަސަރަކީ ވޯޓު ދިން މީހުންގެ ޕަސެންޓޭޖް މަތިވުމެވެ.

އިންޑޮނީޝިއާގައި "ނޯޓާ" ބޭނުންކުރަނީ ފެންނަނުފެންނަ ވޯޓަކަށް ދާންޖެހޭ ހާލަތުގަ އެވެ. އެއީ އެންމެ ކެންޑިޑޭޓަކު ވާދަކުރާ ނަމަ އޮޓޮމެޓިކުން އެ މީހަކު ހޮވުނީ ކަމަށް ނުބަލައި، އެ ކެންޑިޑޭޓަށް އަޣުލަބިއްޔަތު އޮތްތޯ ބެލުމަށެވެ.

އެކި ގައުމުތަކުގައި މި ވޯޓު ނަގަނީ ތަފާތުކޮށެވެ. އާޖެންޓީނާގައި ވޯޓު ކަރުދާސްކޮޅު ސިޓީއުރާގައި ލާން ޖެހޭއިރު، ކަރުދާސްކޮޅު ނުލައި ހުސް ސިޓީއުރަ ފޮއްޓަށް ލައިފި ނަމަ އެއީ ހުރިހާ ކެންޑިޑޭޓުންނާ ދެކޮޅު ވޯޓެކެވެ. ޕޮލެންޑުގައި ނަމަ، އެންމެ ކެންޑިޑޭޓަކު ވާދަކުރާ ހާލަތުގައި އޭނާގެ ނަމުގައި ނުފެންނަ ކަމަށް ފާހަގަ ޖެހުމުން ދެކޮޅަށް ވޯޓު ދެވުނީ އެވެ. މިގޮތަށް ވޯޓު ދީގެން 1989 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު އިންތިހާބެއްގައި ބަދަލުކުރި އެވެ.

ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނުމުގެ އިހްތިޔާރު ދީފައި އޮންނަ ގައުމުތަކުގައި، މި އިހްތިޔާރުގެ ބޭނުންކުރާ މީހުންގެ ނިސްބަތް އިތުރުވަމުން އަންނަ ކަމަށް ފެނެ އެވެ.

ކަމުގެ ދެކޮޅު

ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނުމުގެ ހައްގު ދިނުމަކާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ބުނަނީ އެ އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކުރާނެ ކަމަށެވެ. ރަނގަޅު ކެންޑިޑޭޓުން ތިއްބަސް ސިޔާސީ ވިސްނުމުގައި ނުވަތަ އެހެން ބޭނުމެއްގައި ނުކުމެ އެންމެންނަށް ނޫނެކޭ ބުނެފި ނަމަ ރަނގަޅު ކެންޑިޑޭޓުންގެ އަގު ވެސް ވެއްޓޭނެ ކަމަށް ބުނެ އެވެ. އަދި ނޫނެކޭ ބުނުމުގެ ވޯޓަކީ "ހަޅުތާލު ވޯޓ" ގެ ގޮތުގައި ވެސް ބޭނުންކުރާނެ ކަމަށާއި އެހެން ވެއްޖެ ނަމަ އިންތިހާބުތައް ތަކުރާރުކޮށް ބާއްވަން ޖެހި އެތައް ފައިސާއަކާއި ވަގުތެއް އިސްރާފުވެދާނެ ކަމަށް ވެސް ބުނެ އެވެ.

އެކަމަކު މިއީ ކަމުދާ މީހަކު ނެތިގެން ނުވަތަ އެއްވެސް ސަބަބަކާ ހުރެ އިންތިހާބު ބޮއިކޮޓް ކުރުމަށް ވުރެ ކޮންމެވެސް ގޮތަކުން ރައްޔިތުންގެ ބަސް އިއްވޭނެ ގޮތެއް ބޭއްވުމަކީ އެންމެ ޑިމޮކްރަޓިކް ގޮތް ކަމަށް އަނެއް ބަޔަކު ބުނެ އެވެ. އަދި މިއީ ކަމުނުދާ ކެންޑިޑޭޓުންނަށް ނޫނުކޭ ބުނުމަށް ރައްޔިތުންނަށް އިހްތިޔާރު ދެވޭނެ ހަމައެކަނި ގޮތް ކަމަށް ވެސް މިކަމަށް ތާއީދުކުރާ މީހުން ގަބޫލުކުރެ އެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ޗެކްކުރަނީ: ވޯޓުގައި ގިނަ ބަޔަކު ބައިވެރިކުރުވަން، ކެންޑިޑޭޓުންނަށް ނޫނެކޭ ބުނުމުގެ އިހްތިޔާރު މުހިންމު ކަމަށް ގައުމުތަކުގެ ތަޖުރިބާއިން އެނގޭ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އެންމެ ބޮޑު ފައިދާއެއް ކަމަށް ވާނީ، ޕާޓީތަކުގެ ފަރާތުން ރަނގަޅު ކެންޑިޑޭޓުން ނެރުމަށް ކުރިމަތިކުރެވޭ ޕްރެޝަރަކަށް ވުމެވެ. ރައްޔިތުން ނޫނެކޭ ބުނާ ކެންޑިޑޭޓުން ނުހިމަނައި އާ އިންތިހާބަކަށް ދާންޖެހޭ ގޮތަށް އޮންނަ ނަމަ މި ޕްރެޝަރު ބޮޑު ވެސް ވާނެ އެވެ.

ކުރުކޮށް ބުނާ ނަމަ، ތިޔައީ ރައްޔިތުން ބަލައިގަންނަ ބައެއް ނޫނޭ ބުނެ ސިޔާސީ މީހުންނަށް މެސެޖު ދެވެން ޖެހޭނެ އެވެ. ރައްޔިތުންގެ އިތުބާރެއް ނެތް ސިޔާސީ މީހުން އިންތިހާބުތަކުން އެކަހެރި ވެސް ކުރެވެން ޖެހޭނެ އެވެ. އެ ބާރު ނެތް ނަމަ "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ." ގާނޫނުއަސާސީގައި އޮތުމުގެ މާނައެއް ކޮބައިހެއްޔެވެ؟



More from Mihaaru