އެހިތުގައި ރަހުމެއް ނެތީބާ؟

Sun, 26 Mar 2023 06:20 AM

View on this article on Mihaaru

އެހިތުގައި ރަހުމެއް ނެތީބާ؟

މެންދުރުގެ އެންމެ ހޫނުގަދަ ވަގުތުގައި ހއ. ދިއްދޫގެ މަގުތަކުގައި ނާޝް ހިނގަމުން ދިޔައީ ފިހާރައަށެވެ. ގެއާ ތަންކޮޅެއް ދުރުގައި ހުރި ފިހާރަ އަށް ވަދެ ދެ ކިލޯ ފުށާއި މަސްދަޅެއް ނަގައި، އަވަސް އަވަހަށް އޭނާ ކައުންޓަރަށް ދިޔަ އެވެ. ކޮތަޅު ބަހައްޓާފައި އަތްދަބަހުގައި އޮތް ޕާސްނަގާ ކޭޝް ކާޑު ސޭޓަށް ދިނެވެ. ދެތިން ފަހަރަކު މަސައްކަތްކޮށްލުމުން ވެސް ފައިސާ ކެނޑޭ ގޮތެއް ނުވި އެވެ.

"އަދިވެސް ލާރި ނުފޮނުވަނީތަ؟ ފިހާރައިން އެއްޗެއް ގަންނަން ބެލިއިރު ގަނެވޭގޮތެއް ނުވި،" ނާޝް ފޯނުން ގުޅީ އޭނާގެ ފިރިމީހާ ޒިޔާނަށެވެ.

"ފޯނު ދީބަލަ ސޭޓު އަތަށް،" ޒިޔާނު ބުންޏެވެ.

މީ ނާޝްއަށް އާކަމެއް ނޫނެވެ. ކޮންމެފަހަރަކު ލޭންދޭނަށް އެއްޗިހި ނަގާނަގާ އޭނާ ފިހާރަޔަށް ދާން ލަދުގަނެއެވެ. ކުރީ ދެ މަހުގެ ފައިސާ ވެސް ނުދައްކާ އޮތުމުން މަގުމަތިންނާއި ސްކޫލުދޮށުން ފެންނައިރު ވެސް އޭނާއާ ދިމާއަށް ފައިސާ ދައްކަން ބުނާތީ އެވެ.

ނާޝްއަކީ ދިއްދޫގައި އުޅުނަސް މާލެއަށް އުފަން، އެ ރަށަށް ބީރައްޓެއްސެކެވެ. އުމުރުން 17 އަހަރުގައި ޒިޔާނާއި އޭނާ ކައިވެނިކުރީ އޭރު ގޭތެރޭގެ މާހައުލު އޮތްގޮތުން އެ ގެއިން ނިކުމެ މިނިވަންވާށެވެ. އަމީނިއްޔާ ސްކޫލް ގުރޭޑް ނުވައެއް ވެސް ނުނިމެނީސް އޭނާ ދިރިއުޅެމުން ދިޔަ ގެއިން ނިކުތީ ޒިޔާނާއެކު އޭނާއަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނޭ ކަމަށެވެ.

ނާޝްގެ މައިންބަފައިންނަކީ ހަމަނުޖެހުންބޮޑު ދިރިއުޅުމެއްގައި ހަޔާތް ވޭތުކުރަމުން ދިޔަ ދެމަފިރިންނެވެ. އަހަރު ދެކޮޅު ނުވަ ކުދިން ނާޝްގެ މަންމަ އަށް ލިބިފައިވާއިރު އޭނާ ދިރިއުޅެން މާލެއިން ގެދޮރު ހުރިކަމުކައި ވިޔަސް ރަނގަޅަށް ނިދާލާނޭ ތަންކޮޅެއް ނުލިބި އެވެ. އެގާރަ މީހުން ދެ ކޮޓަރީގައި އުޅެމުން ދިޔައީ މައްސަލަތަކުގެ ހާއްޔެއްގަ އެވެ. ބޭބެމެން ރޭގަނޑު ގެއަށް ނުވަންނާތީ އާއި ކޮއްކޮމެންގެ ސިޔާސަ މިޒާޖުން މަންމަގެ ރުޅިގަނޑު މައިތިރި ވާއިރެއް އޭނާ ނުދެކެއެވެ. ގޭތެރޭގެ މާހައުލުން ލިބެންޖެހޭ ރައްކާތެރިކަމާއި އުފާވެރިކަމާއި ހަމަޖެހުން ނުލިބުމުން އޭނާ މަޑުމަޑުން ބޭރަށް ނިކުންނަން ފެށީ އެވެ. ޒިޔާނާ ދިމާވީ މިހެން އުޅެނިކޮށް ދިމާވި ރައްޓެހިންތަކާ އެކު ކުޅެން އުޅެނިކޮންނެވެ.

ގުރޭޑް ނުވައެއް ނުނިމޭނީސް ސްކޫލަށް ދިއުން ހުއްޓާލި އެވެ. ޒިޔާންއާ އެކު އަތިރިމަތީގަޔާ ރައްޓެހިކުދިންގެ ގެތަކުގައި ވަގުތު ހޭދަކުރަން ފެށި އެވެ. ގެއަށް ނުވަންނާތީ މަންމަ އަބަދު އެއްޗިހި ކިޔައެވެ.

"މަގޭ ލަދުގަންނަ ކަހަލަ ބޮނޑިއެއް ނުބޮނީސް ދެން އަވަހަށް ކައިވެނިކުރޭ،" މައިންބަފައިން އާދޭސްކުރަނީ ނާޝް މީހަކާ ނީންދެގެންނެވެ.

"މީހަކާ އިނަސް ގޮސް އުޅެން ހުރީ ކޮންތަނެއް. އެއީ ރަށެއްގެ ކުއްޖެއް." ނާޝް އަށް ދިމާވާ އެންމެބޮޑު އުނދަގޫ ފާޅުކަން ބޮޑުގޮތެއްގައި ފާހަގަ ކުރިއެވެ.

"މީހުންނާ ރައްޓެހިވެގެން އެ މީހަކާ އެކު އަބަދު އުޅޭނީ ހުންނާނެ ތަން ވެސް ހޯދައިފަ." މަންމަ މޫނު ހަދާލި އެވެ.

މަންމަ ފާޅުގައި އެހެން އެ ބުނީ ނާޝް މިގެން ނިކުންނާށޭކަން އޭނާ އަށް އެނގެއެވެ. ޒިޔާނާ ރައްޓެހި ވީއްސުރެ މަންމަ އުޅެނީ އޭނާ ފޮނުވާނުލެވިގެންނެވެ. މަންމަ އުފަންދަރިއަކަށް އެހާ ހަރުކަށި ވެދާނެ ހެއްޔެވެ؟ މަންމައަކަށް ދަރިއަކާ ހެދި އެހާ އުނދަގޫވޭ ހެއްޔެވެ؟

ނާޝް އެ ދުވަހު ގެއިން ނިކުތީ އަތުގައި ހުރި މަދު އަންނައުނުކޮޅު ހިފައިގެންނެވެ. އޭނާ ގެއިން ނިކުތީ ދެން ދުވަހަކު ވެސް މަންމަގެ ގެއަށް ދިރިއުޅެން ނާންނާން ނިންމައިގެންނެވެ. އެ ގެއިން ލޯތްބާއި ހަމްދަރުދީ ނެތްތަނެއްގައި ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ ދިރިއުޅޭތީ އުނދަގޫވެގެން އެއްޗިހިގޮވާ މާހައުލެއްގައި އެންމެ ނޭވާއެއް ވެސް ލެވޭނީ ކިހިނެއް ހެއްޔެވެ؟ ނާޝް އަށް އެ ވަރުއެވީ އޯގާތެރިވާން ޖެހޭ މީހުންގެ ހިތްތަކުގައި ރަހުމުގެ އެންމެ ކަންފުޅެއް ވެސް ލައްވާފައި ނުވާތީ ބާވައެވެ؟

ފޮށި ހިފައިގެން ޒިޔާންމެން ގެއަށް ދިއުމުން މަރުހަބާކީ އޭނާގެ ދައްތަ އެވެ. އެއީ ޒިޔާނާ އެކު ކުއްޔަށް ކޮޓަރިއެއް ހިފައިގެން އުޅޭ ޒިޔާންގެ އެއްބަނޑު އެއްބަފާ ދައްތަ އެވެ. ދައްތައަކީ އޭނާގެ ނުވަަ އަހަރުގެ ދަރިއަކަށް ކިޔަވައިދޭން އައިސްހުރި މީހެކެވެ.

ދައްތަގެ ރުހުމާ އެކު ޒިޔާންއާއި ނާޝްގެ ކައިވެނި ވަރަށް ފަސޭހައިން ކުރެވުނެވެ. ނަމަވެސް އެއްކޮޓަރިއެއްގައި ހަތަރު މީހުން ދިރިއުޅުމަކީ އަމިއްލަ ގެއަށްވުރެ ވެސް އުނދަގޫ ކަމެކެވެ. ނަމަވެސް ނާޝް ހިތްވަރާ އެކު ދިރިއުޅެވޭތޯ ބެލި އެވެ. ރޭގަނޑުވުމުން އެ މީހުން އެކުގައި ބޭރަށް ނިކުމެލާ ރައްޓެހިންނާއި ބައްދަލުކޮށްލާ ހެދުމުން ގޭތެރެއިން ދިމާވާ އުނދަގޫތައް ހަނދާންނެތޭ ކަހަލަ އެވެ. ކައިވެނީގެ މި ހުރިހާ ދުވަހު ޒިޔާން އުޅުނީ ނާޝް ގާތުގަ އެވެ. އެހެންކަމުން ނާޝްގެ ބައެއް ގާތްރައްޓެހިން ވެސް މަޑުމަޑުން އޭނާއާ ދުރުވަމުންދެއެވެ.

"ހިނގާބަލަ މަންމަމެން ގެއަށް ދާން،" އެއްދުވަހަކު ނާޝް ބުންޏެވެ.

"ކީއްކުރަން. މަންމަގެ ގެ ހުރެމެ އުޅޭނެ ތަންކޮޅެއް އޭނާގެ ދަރިއަށް ނުދިން މީހެއްގެ ގާތަށް ދާންޖެހޭތަ؟ ޒިޔާން ދެކޮޅުހެދީ ރުޅިވެރިކަމާ އެކު އެވެ. އެހެންކަމުން އިތުރަށް އެވާހަކަ ދައްކާކަށް ވެސް ނާޝްއަކަށް ނުކެރުނެވެ.

ކައިވެންޏަށް އަހަރެއް ނުވަނީސް ނާޝް ބަނޑުބޮޑުވެއްޖެ އެވެ. ޒިޔާން ވެސް އިތުރަށް ފައިސާ ހޯދަން ޖެހޭނެކަން ގަބޫލުކުރާތީ އޮފީހުގެ އިތުރުން އަމިއްލަ މަސައްކަތް ކުރެއެވެ. އެހެންކަމުން ގިނަވަގުތު ޒިޔާން އުޅެނީ ބޭރުގަ އެވެ. ކުރިން ތިބި ރައްޓެހިންމަތީން އޭނާ ހަނދާންވި އެވެ. ހަވީރުގަޑީގައި ރީތިވެލައިގެން އޭނާ ނިކުތީ އާޓިފިޝަލް ބީޗާދިމާއަށެވެ.

''ނާޝް، މީހަކާ އިންފަހުން އެއްގޮތަކަށް ވެސް ނުފެނޭ." ކުރީގެ ކުލާސްކުއްޖެއް ދިމާވެގެން އައެވެ. އެއީ ނާޝްމެންގެ ގޭދޮށުގައި އުޅުނު ކުޑައިރުގެ ވެސް ރަހުމަތްތެރިއެކެވެ. އެހެންކަމުން ދެ މީހުން ވާހަކަ ދައްކާލުމަށްޓަކައި މޫދާ ކައިރި ހިސާބެއްގައި ހުރި ގޮޑިއެއްގައި ދެ ގަޑިއިރެއްހާއިރު ތިއްބެވެ.

ދެތިން މަސްކޮށްލާފައި މި ހިސާބަށް އާދެވުމާއި ރަހްމަތްތެރިއަކާ ދިމާވުމުން ނާޝް ހުރީ ވަރަށް އުފަލުންނެވެ. ގެއަށް އާދެވުނުއިރު ޒިޔާން ހުރީ ގޭގައެވެ.

"ކޮންތާކުން ތިއައީ، މިހާރު ދަމުން ދައްތަ ގާތު ވެސް ބުނެނުލާތަ؟'' ޒިޔާން ހުރީ ރުޅިއައިސްފަ އެވެ.

"ފޫހިވާތީ އާޓިފިޝަލް ބީޗަށް ނިކުމެލީ. ރީޝާއާ ދިމާވެގެން އެތާ މަޑުކޮށްލީ." ނާޝް އޮޅުންފިލުވައިދިނެވެ.

"ތިޔަ ރީޝާ މަށަށް އެނގޭ. އެއީ ބޮޑު --އެއް. އޭނަޔާ އެއްކޮށް ވެސް އުޅޭނީ ވިޔާނުދާ އަންހެނުން." ޒިޔާން ހަޅޭއްލަވައިގަތެވެ.

ނާޝްއަކަށް އެއްޗެއް ނުބުނެވުނެވެ. މާބަނޑުވުމުގެ ސަބަބުން ނާޝް ވަރަށް ބަލިވާން ފެށި އެވެ. ކޮންމެކޮންމެ އެއްޗެއް ނުކެވޭތީ އޭނާގެ ވަރުދެރަވަމުން ދެއެވެ. ނަމަވެސް ޒިޔާނަށް ލިބޭ މަދު ފައިސާއިން ކޮޓަރި ކުލިދައްކާފައި ކާނެ ރަނގަޅުއެއްޗެއް ނުލިބެ އެވެ. ރީތި އަންނައުނުގަންނާކަށް އަމްދުން ފައިސާއެއް ނުލިބެއެވެ. މަންމަގޭގައި އުޅުނުއިރު އޭނާ ހުރީ ކައިގެންނެވެ. ދައްތަމެންނާއި ކޮއްކޮމެންގެ ހެދުން ބައެއްފަހަރު ލެވެއެވެ.

ކޮއްކޮމެން މަތީން ހަނދާންވާލެއް ބޮޑުކަމުން ޒިޔާން ރުޅިއަޔަސް ފުރަތަމަ ފަހަރަށް އޭނާ މަންމަމެން ގެއަށް ދިޔަ އެވެ. ކޮއްކޮމެން އޭނާއަށްކީ ވަރަށް ހޫނު މަރުހަބާއެކެވެ. އެ މީހުންނަށް އަލަށް ލިބިފައި އޮތް ހެދުމެއް ނުވަތަ ރީތިވާއެއްޗެއް ވިއްޔާ ދައްކަމުން ދިޔަ އެވެ. އެއީ އެ މީހުންގެ އާދަ އެވެ.

"މީހަކާ އިނދެވުނީމާ އަމިއްލަ ގެއަށް ވެސް ވަދެނުލާ،" ކޮއްކޮ ބުންޏެވެ.

"މި އައީނު. ދެން އަންނާނަން،" ނާޝް އަށް މިހެން ބުނެވުނީ މަޑުމަޑުންނެވެ.

ކޮއްކޮމެންނާ އެކު ވަރަށް ގިނައިރު ހޭދަވީ ވަގުތު ދިޔަގޮތް ވެސް ނޭނގި އެވެ. އޭނާ ގެއަށް ދިޔައިރު ހުރީ ޒިޔާން އެއްޗެއް ބުނެފާނެތީ ބިރުންނެވެ. ކޮއްކޮމެން ދިން ހެދުންކޮތަޅެއް ހިފައިގެން ގެއަށް ވަންތަން ބަލަން ޒިޔާން ހުރީ ރުޅިއައިސް ރަތްވެފަ އެވެ.

"ކޮންތާކުން ތިއައީ!" ޒިޔާން ހަޅޭއްލަވައިގަތެވެ.

"މަންމަގާތަށް ދިޔައީ،" ނާޝް މަޑުމަޑުން ބުންޏެވެ.

ނާޝް އަތުގައި އޮތް ހެދުންކޮތަޅު އަތުލައި، އޭގައިހުރި އެއްޗިހިތައް އުކާލި އެވެ. ނާޝް ބިރުން ފިތްކަނޑައިގެން ނުދިޔައީ ކިރިޔާ އެވެ. މިއީ ޒިޔާން އެހާ ރުޅި އަންނަންޖެހޭ ކަމެއް ހެއްޔެވެ؟ އޭނާ މައިންބަފައިންގެ ގެއަށް ދިއުމަކީ ޒިޔާން ރުޅިއަންނަންޖެހޭ ކަމެއް ކަމަށް އޭނާއަކަށް ގަބޫލެއް ނުކުރެވެ އެވެ.

އެ ދުވަހުން ފެށިގެން ނާޝް ވިހާ ގަދަވީއިރު ވެސް މަންމަގާތަކަށް ނުދެއެވެ. އަދި އޭނާއަށް ގޮވާލަން ތިމާގެ މީހެއްގެ އިތުރުން ރައްޓެއްސަކު ވެސް ނާދެ އެވެ. ވިހެއުމާއި ތުއްތުކުއްޖެއް ގޮވައިގެން އެހާ ޅައުމުރުގައި އެކަނިވެރި ހަޔާތެއް ވޭތުކުރުމަކީ އޭނާއަށް ވަރަށް އުނދަގޫ ކަމެކެވެ. އަދި އޭނާއަށް ލިބޭ އެކަނިވެރިކަމުން ހިތަށް ލިބޭ މޮޅިވެރިކަން މާބޮޑެވެ. ނަމަވެސް ކުރާނެ ކަމެއް އޭނާގެ ނެތެވެ. މިއީ އޭނާގެ މިންވަރުފުޅުގައި ހުރިގޮތް ކަމަށް ބަލައި، ޝުކުރުވެރި ވަނީ އެވެ.

ޒިޔާން އަބަދުވެސް އުޅެނީ ބޭރުގައެވެ. އޭނާ ބުނާ ގޮތުން ނަމަ ވަޒީފާގަ އެވެ. ނަމަވެސް ނާޝް އަށް އެއިން އެންމެ ފައިސާފޮއްޗެއް ނުލިބޭތާ ގެއަށް ބޭނުންވާ އެއްޗިހި ވެސް ލިބެނީ ދެތިންފަހަރު ބުނެގެންނެވެ.

ބުނެކިއުމަކީ ނާޝް އަށް މިހާރު އުނދަގޫ ކަމެކެވެ. ގިނަފަހަރު ޒިޔާން ގެއަށް އަންނައިރު ހުންނަނީ މާބޮޑަށް ވަރުބަލިވެފަ އެވެ. ނޫނީ މޫނުގެ ކުލަވަރު ހުންނާނީ ނުބައި ވެފަ އެވެ. އެފަދަ ދަނޑިވަޅެއްގައި ޒިޔާން ހިތްހަމަ ނުޖެހޭ އެއްޗެއް ބުނެވިއްޖެ ނަމަ ވަރަށްބާރަށް ހަޅޭއް ލަވައިގަނެ އެވެ. ނާޝް ހުންނަނީ މިކަމާ ވަރަށް ބިރުންނެވެ. އޭނާ މިހާރު ޒިޔާން ދެކެ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ.

ކުޑަކުއްޖާ އަށް ހަތަރުމަސްވެގެން ދިޔައީ މިފަދަ އުނދަގޫ ހާލަތެއްގަ އެވެ. އެއް ދުވަހަކު ނާޝް ކުޑަމީހާ ގޮވައިގެން ޕާކަށް ނިކުމެލި އެވެ. އެއީ އޭނާ އަށް ވަރަށް މިނިވަންކަމުގެ އިހުސާސެއް ކުރެވުނު ދުވަހެކެވެ. އެހެންކަމުން އޭނާ ކޮންމެދުވަހަކު ވެސް ކުޑަމީހާ ގޮވައިގެން ޕާކަށް ދެއެވެ.

"ދައްތާ. ހާދަ ލޯތްބޭ ކޮއްކޮ،" ނާޝްގެ ދަރިފުޅު އުރާލަމުން އޭނާގެ ކޮއްކޮ ބުންޏެވެ. ކޮއްކޮ ހުރީ އޭނާގެ ރައްޓެހި ފިރިހެންކުއްޖަކާ އެކުގަ އެވެ.

"ކުޑަމީހާ އުރާލަން ވެސް ނާންނަމެއްނު. މަންމަ ވެސް މަށާ ރުޅީތަ؟" ނާޝް އަށް މިހެން ބުނެވުނުއިރު އޭނާ އަށް ހުރެވުނީ ފެން ކަޅިވެފަ އެވެ.

"ނޫން. މަންމަ އަންނާނީ ކިހިނެއް؟ ދައްތަ އެ ދުވަހު ގެއަށް އައިކަން އެނގުނީމަ ޒިޔާން ގެއަށް އައިސް މަންމައަށާއި އެންމެންނަށް ވަރަށް އެއްޗިހިކީ. ކީއްވެތަ އޭނަ އެހާ ރުޅިއެއް އަންނަނީ. ދައްތަ ކީކޭ ކީތަ؟" ކޮއްކޮ ވެސް ހުރީ ނާޝް ދެކެ ހިތްހަމަނުޖެހިފައިކަން ނާޝް އަށް އިހުސާސްވި އެވެ.

"މާލޭގައި ކުއްޔަށް އުޅެންޖެހޭތީ. ގެއިން ކޮޓަރިއެއް ނުދިނީމަ އަބަދު އެ ވާހަކަ ދައްކަނީ. އެކަމަކު އޭނާ ގެއަށްގޮސް މަންމަ އަށް އެއްޗިހި ކީ ވާހަކައެއް ނުވެސް ބުނޭ." ނާޝް ދެރަވެލާފައި ބުންޏެވެ.

"ދައްތަ އިނދެގެން ތިއުޅެނީ ރަނގަޅު މީހަކާ ނޫން." ކޮއްކޮ ބުނީ އެހާވަރަށެވެ. އޭނާ އަވަހަށް ހިނގައްޖެއެވެ. ނާޝް ގެއަށް ދިއުމާއެކު ކޮއްކޮއާ ދިމާވި ވާހަކަ އާއި ޒިޔާން އޭނާގެ ގެއަށް ގޮސް މަންމަ އަށް އެއްޗިހިކީ ވާހަކަ ބުންޏެވެ. މިކަމާ ޒިޔާން ހީވީ ރުޅިގަދަވެފައިވާ ކުޅނދުރެއް ހެންނެވެ.

"ކަލެއަކަށް ނޭނގޭނެ މަ ކުރަންވީ ކަންކަމެއް. މާލޭގައި ގެ ހުރި މީހަކު އެކަމަކު ކުއްޔަށް އުޅޭ މީހަކު ނުހުންނާނެ ކަލޭ ނޫނީ. ބުނަންތަ ރަނގަޅު ވާހަކައެއް. އެ މީހުންނާ ދުރުގައި އުޅޭ،" ޒިޔާން އައިސް ނާޝްގެ މޫނުމަތީގައި ޖެހި އެވެ. އޭނާ އަށް ވީތަދުން ރޮއިގަނެވުނެވެ. ޒިޔާން ނިކުމެގެން ދިޔައީ އެވެ.

"ދެން ނުރޮއި ނާޝް. ޒިޔާންއަކީ އަބަދުވެސް ރުޅިގަދަ މީހެއް. އޭނާ ރުޅިއަރުވާ ނުލާ ވޭތޯ ބަލާ. ދައްތަ ވެސް ވަރަށް ދެރަވޭ ނާޝް ތި ހާލުގަ އުޅޭތީ. ކޮންމެދުވަހަކު ތި ހަމަނުޖެހުންގަނޑު ދައްތަގެ ދަރިންނަށް ފެންނާކަށް ނޭދެން،" ޒިޔާންގެ ދައްތަ ރޮމުންރޮމުން ނާޝްގެ ދުޅަވެފައިވާ މޫނުގައި ބޭސް އުނގުޅައިދިނެވެ. ނާޝް އަށް މިހާރު ރޮވެނީ ދައްތަ އަށް ވެސް ހަމްދަރުދީވުން ނޫން ކަމެއް ކޮށްދެވެން ނެތީމަ އެވެ.

ޒިޔާން އެރޭ އައީ އެހެން ރޭރެއަށް ވުރެ ދަންވީ ފަހުންނެވެ. އޭރު ނާޝް އަށް އޮތީ ނިދިފަ އެވެ. އެ ފަކީރުގެ މޫނުގައި އަދިވެސް ނޫފާވެފައިވާ ލައްގަނޑާއި ދުޅަކަން އެބަހުއްޓެވެ. ޒިޔާން މަޑުމަޑުން ނާޝް ގައިގައި ފިރުމާލި އެވެ. ނާޝް އަށް ހޭލެވުނީ ސިއްސައިގެން ގޮހެވެ.

"ސޮރީ ނާޝް. ދެން ދުވަހަކު ވެސް ނުޖަހާނަން." އޭރު ޒިޔާންގެ ލޮލުން ކަރުނަ އާދެ އެވެ.

"އޯކޭވާނެ. ދެން އަޅާނުލާ،" ނާޝް ޒިޔާނަށް މާފުކުރި އެވެ.

ފިރިމީހާ ފުރަތަމަ ފަހަރަށް ދެރަވެ މާފަށް އެދުމުން އޭނާ އުފާ ވެސް ވިއެވެ. ކުރިން ޒިޔާނާ މެދު ދެކޭ ހުރިހާގޮތެއް ހިނދުކޮޅެއްގެ ތެރޭގައި މުޅިން ބަދަލުވި އެވެ. އޭނާ ހިތުގެ އަޑީން ޒިޔާން އަށް މާފުކުރި އެވެ.

ދުވަސްކޮޅެއްވާންދެން ނާޝް ޒިޔާނާ އެކު ކުރިން އުޅުނުހެން އެކީގައި ވަގުތުކޮޅެއް ހޭދަކުރެވުނެވެ. ބައެއްދުވަސްދުވަހު ޒިޔާން އޮފީހުން އަވަހަށް ގެއަށްއައިސް އެ ދެމައިން ގާތުގައި އުޅެއެވެ. އެއް ދުވަހަކު އައީ ރީތިވާ ސާމާނާއި ދެ ހެދުން ގަނެގެންނެވެ. ޒިޔާންގެ ބަދަލުވެފައިވާ ދިރިއުޅުން ފެނުމުން ނާޝް ހުރީ އުފަލުންނެވެ.

"ތި ދެ ކުދިން މިހާރު އުފަލުގައި އުޅޭތަން ފެންނާތީ ދައްތަ ވަރަށް އުފާވޭ. ދެން ދައްތަ ދިޔަޔަސް އެއްކުއްޖަކު އަނެއްކުއްޖަކަށް ރުޅިނައިސް ރީތިކޮށް އުޅޭތި!"

"ދައްތަ ދަނީތަ؟" ނާޝް ދެރަވި އެވެ.

"އާނ. މިހާރު ދެން މާލޭގައި ހުރެވިއްޖެ. ފިރިމީހާގެ ތިމާގެ ގެއަކަށް ދަރިފުޅު ލާފަ ދައްތަ މިދަނީ ރަށަށް. މާލެއަކު ދައްތައަކަށް ނުހުރެވޭނެ. މީ ވަރަށް ފޫހިތަނެއް. އެކަމަކު ނާޝް އަށް ކަމެއް ދިމާވެއްޖެ ނަމަ ދައްތަ އަށް ޚަބަރުވާތި!" ދައްތަ ހުރީ ރަށަށް ދެވޭތީ އުފަލުންނެވެ.

ދައްތަ ފުރައިގެން ދިޔަފަހުން ނާޝް މުޅިން އެކަނިވީ އެވެ. އޭނާއަށް ހީވަނީ ކޮންމެ ދުވަހަކީ ވެސް ހަފްތާއެއް ހެންނެވެ. ޒިޔާން ވެސް މިހާރު އަނެއްކާ މާބުރަވެގެން އުޅޭ ދުވަސްވަރެކެވެ. ގެއަށް އަންނަނީ ހަމައެކަނި ކެއުމަށާއި ނިދުމަށެވެ. ނިދާ ހޭލައިގެން ފެންވެރުމާއެކު އަނެއްކާ އޮންނަނީ ބޭރަށް ދާން ވެފަ އެވެ. އެހެންކަމުން ގެއަށް ބޭނުންވާ ތަކެތި ގަތުމަށް ނާޝް އަށް މަދު ފައިސާކޮޅެއް ޒިޔާން ދީފައި ހުރެއެވެ.

ކޮންމެ ރެއަކު ވެސް ކުޑަމީހާ ނިންދަވާފައި ނާޝް ފަސޭހަކޮށްލުމަށްޓަކައި ކަންމަތީ ފިހާރައިން އެއްޗިގަންނަން ދަނީ ރޭގަނޑެވެ. ކުޑަމީހާ ގޮވައިގެން ޕާކަށް ދިއުން ފިޔަވާ މިއީ އޭނާއަށް ހަމައެކަނި ބޭރަށް ނިކުމެލެވޭ ވަގުތެވެ.

އެއްރޭ ފިހާރަ އަށް ގޮސްފައި އޭނާއަށް އާދެވުނީ ގަތް ދެ މަސްދަޅާއި ތެޔޮފުޅި ބަހައްޓައިފަ އެވެ. އެކަން ހަނދާންވެގެން އަވަސް އަވަހަށް އެ ބަލާ ދާން ނާޝް ނިކުތެވެ. އޭރު ފިހާރަ ބަންދުކުރަނީ އެވެ.

"އެއްކޮތަޅު ބަހައްޓާފަ ގެއަށް ދެވުނީ،" ނާޝް ސޭޓްއަށް އަޑުއިވޭވަރަށް ގޮވާލި އެވެ.

ސޭޓަށް މި އަޑު އިވުމާއެކު އަވަހަށް ފިހާރަ ހުޅުވައި، ނާޝް އެބުނި ކޮތަޅު ދިއްކޮށްލި އެވެ.

"އާނ. މީހަކަށް ކޮތަޅެއް ބެހެއްޓިފައި ހުރިކަން އެނގޭ. އެކަމަކު ކާކު އެއްޗެއްކަން ނޭނގުނީމާ ބަހައްޓައިފަ ހުންނާނީ. އެނގޭ އެ މީހަކަށް އެނގުނީމަ އަންނާނެކަން،" ސޭޓު ހިނިތުން ވެލާފައި ބުންޏެވެ.

އޭނާ ޝުކުރިއްޔާއޭ ބުނެފައި ކޮތަޅު ހިފައިގެން އަވަހަށް ގެއަށް ދިޔަ އެވެ. އޭރު ޒިޔާން ހުރީ މި ހިނގައިދިޔަ މަންޒަރު ބަލާށެވެ. ގޭގެ ދޮރުގެ ކުރިމަތީގަ އެވެ. ނާޝް އައުމާއެކު އޭނާ ނާޝްގެ އަތުގައި ހިފައި، ގޭތެރެއަށް ކޮށްޕާލި އެވެ. ނުވިސްނާހުރި ނާޝް ކުއްލިއަކަށް ފާރުގައި ނިތްކުރި ޖެހި ފަޅައިގެން ދިޔަ އެވެ. ހޯސްލާފައި އޭނާގެ ނިތްކުރިން ލޭއަންނަން ފެށިއެވެ. މަޑުމަޑު ކަނާތުން ފަޅައިގެން ދިޔަތާ އަތް އަޅާލެވުނެވެ.

"މަންމާ.." ނާޝްއަށް ބުނެވުނީ އެވަރަށެވެ. އޭނާގެ ޚަބަރު ހުސްވި އެވެ.

ނާޝް އަށް ލޯހުޅުވާލެވުނީ އައިޖީއެމްއެޗްގެ އެނދެއްގައި އޮއްވަ އެވެ. އޭނާއަށް ވީގޮތް ކިޔައިދިނީ ޒިޔާނެވެ. ނާޝް ކުޑަމީހާ ހޭލައިގެން ދުއްވައިގެންތަނާ ވެއްޓުނީ ކަމަށް ބުންޏެވެ. އަދި އެ ވަގުތު ބޯ ފަޅައިގެން ދިޔައީ ކަމަށާއި އެހެންވެ އަވަހަށް ހޮސްޕިޓަލަށް ގެނައީ ކަމަށް ބުންޏެވެ. ނާޝް އަށް ޒިޔާން ދެއްކި ހުރިހާ ވާހަކައެއް ގަބޫލު ކުރެވުނެވެ.

"އެކަމަކު ކޮން ކުޑަމީހެއް،" ނާޝް ފަހުން އެއްޗެއް ހަނދާންވާ ކަހަލަ ގޮތަކަށް ބުންޏެވެ.

"ނާޝްގެ ދަރިފުޅު،" ޒިޔާން ހައިރާންކަމާ އެކު ބުންޏެވެ.

ނާޝް އަށް ދިމާވި ހިތާމަވެރިގޮތް ޑޮކްޓަރު ކިޔައިދިނީ ހަމައެކަނި ޒިޔާނަށެވެ. ނާޝް ވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ވަރަށް ގިނަ ކަންތައްތައް ހަނދާން ނެތިފައި ކަމަށާއި އެ ހަނދާންތައް އަނބުރާ އައުމަށް ވަގުތު ނަގާނެ ކަމަށް ބުނެފަ އެވެ. އަދި ފަހަރެއްގައި ދުވަހަކު ވެސް ހަނދާންތައް ނާންނާނެ ކަމަށް އެކަށީގެންވާ ކަމަށް ވެސް ޑޮކްޓަރު ބުންޏެވެ.

ޒިޔާންގެ މި އަނިވާރިކަމުގެ ޚަބަރު އޭނާގެ ދައްތަ އަށް ލިބުމުން ނާޝް ދައްތަ ގާތަށް ރަށަށް ގެންނަން އެދުނެވެ. އަދި އެ ދެމައިން ބަލައިދޭނެ ކަމަށް އާދޭސް ކުރުމުން ޒިޔާން އެ ދެ މީހުން ރަށަށް ފޮނުވީ އެވެ. ނަމަވެސް އެ ދެމައިންނަށް ޚަރަދުކުރުމުގައި ޒިޔާން ގެންގުޅެނީ ހަރުކަށި ގޮތެކެވެ.

އަދިވެސް ނާޝް އަށް ވީގޮތެއް، ލިބުނު އަނިޔާއެއް ވެސް ޚުދު އޭނާއަކަށް ވެސް ނޭނގެ އެވެ. އަދި ނާޝް އަށް ޖެހުނު ހާލެއް އޭނާގެ މައިންބަފައިންނަކަށް ވެސް ނޭނގެ އެވެ. އޭނާ ވީ މާލޭގައި ނޫން ކަމެއް ވެސް ނޭނގެ އެވެ.

ބަނޑުއަޅާވިހޭ ދަރީން މީހުންނާ އިނދެގެން ދިޔަކަމުގައި ވިޔަސް އެ ދަރިން އުޅެނީ ކޮން ހާލެއްގައިތޯ ބަލަނީ ކިތައް މައިންބަފައިން ބާވައެވެ؟ މީހަކާ އިނުމުން ތިމާގެ ޒިންމާ ނިމުނީ ކަމަށް ބަލާ އެ މީހުންގެ ޚަބަރެއް ބަލައިނުލާ އުޅުމުގެ ސަބަބުން އަނިޔާ ލިބިގެން ދަނީ ކިތައް އަންހެން ކުދިންނަށް ބާވައެވެ؟



More from Mihaaru