ފަރި އައިލެންޑުގެ ދެ ރިސޯޓު ހަދަން ނެގި ލޯނު ގްރީން ލޯނަކަށް

Sat, 25 Mar 2023 10:37 AM

View on this article on Mihaaru

ފަރި އައިލެންޑުގެ ދެ ރިސޯޓު ހަދަން ނެގި ލޯނު ގްރީން ލޯނަކަށް

ސިންގަޕޫރުގެ ޕޮންޓިއެކް އިން ރާއްޖޭގައި ހެދި ރިޒް ކާލްޓަން އާއި ޕަނީޓާ މޯލްޑިވްސް ރިސޯޓު ހަދަން ނެގި ލޯނު، ގްރީން ލޯނަކަށް ބަދަލުކޮށްފި އެވެ.

ލަގްޒަރީ ހޮޓާތައް ހަދާ ޕޮންޓިއެކް އިން ނެގި 180 މިލިއަން ޑޮލަރުގެ ލޯނު ގްރީން ލޯނަކަށް ބަދަލުކުރީ، ތިމަވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް އެ ދެ ރިސޯޓް ތަރައްގީކޮށްފައިވާތީ އެވެ. މިދެ ރިސޯޓަކީ ކ. ރަށްފަޅު ހުރާ ފަޅުގައި ހަދާފައިވާ ފަރި އައިލެންޑްގެ ދަށުން ހިންގާ ދެ ރިސޯޓުގައި ބޭނުން ކޮށްފައިވާ ކާބަން މަދުކޮށްދޭ މެޓީރިއަލެވެ.

ރިޒް ކާލްޓަންގެ ވިލާއެއް. އެ ރިސޯޓު ހަދާފައިވަނީ ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް-- ފޮޓޯ: ފަރި އައިލެންޑް

ރިސޯޓުގެ ވިލާތަކުގެ ވެންޓިލޭޝަން ހަދާފައިވަނީ ގުދުރަތީ ވައި ފަސޭހައިން ވަންނަ ގޮތަށެވެ. އެ ރަށުން ވަނީ ރާއްޖޭގެ އެހެން ސަރަހައްދުތަކުން ހެއްދި 20،000 ގަސް އިންދައިފަ އެވެ. އެ ދެ ރިސޯޓުގައި އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ނުކުރާ އިރު އެ ރިސޯޓުގެ ވިލާތަކުގެ ފުރާޅު ހަދާފައިވަނީ ސޯލާ ޕެނަލް ހަރުކޮށްގެންނެވެެ. މިވަގުތު ފަރި އައިލެންޑަކީ ރާއްޖޭގައި އެންމެ ބޮޑު ސޯލާ ޕެނަލް ސިސްޓަމް ހިންގާ ތަނެވެ.

ފަރި އައިލެންޑުން އަންނަނީ މުރަކަ އާލާ ކުރުމާއި، މެރިން ރީސާޗު ހެދުމަށާއި އަންނަ ޓޫރިސްޓުންނަށް މޫދުގެ ދިރުންތައް ހިމާޔަތް ކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގަމުންނެވެ.

ޕަޓީނާ މޯލްޑިވްސް. އެ ރިސޯޓުގައި 90 ވިލާ ހުރޭ-- ފޮޓޯ: ފަރި އައިލެންޑް

އެ ރިސޯޓު ތަރައްގީ ކުރި ޕެންޓިއެކް އިން ގްރީން ލޯނު ނަގާފައިވަނީ ތިން ބޭންކެެއް މެދުވެރިކޮށެވެ. އެއީ ސިންގަޕޫރުގެ ޑީބީއެސް، އެޗްއެސްބީސީ އާއި ޔޫއޯބީ އެވެ. މިއީ ރާއްޖޭގައި ވެސް ރިސޯޓަކުން ގްރީން ލޯނެއް މެދުވެރިކޮށް ހެދި ފުރަތަމަ ރިސޯޓެވެ.

ޕޮންޓިއެކްގެ ސީއީއޯ ޑޭވިޑް ސަންގް ވިދާޅުވީ، އެކުންފުނިން ރިއަލް އެސްޓޭޓް މަސައްކަތްތަކުގައި ދުރު ރާސްތާއަށް ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ޕްރޮޖެކްޓްތަކުގައި ދެމެހެއްޓެނެވި ގޮތަކަށް އިމާރާތްތައް ހެދުމަށް އިސްކަން ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަރި އައިލެންޑު ހެދުމަށް ނެގި ލޯނު ގްރީން ލޯނަކަށް ބަދަލުވި އިރު އެ ރިސޯޓުތަކަށް ވަނީ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން އިންޓަނޭޝަނަލް ގްރީން ބިލްޑިން ސްޓޭޑާޑް ސެކްފިކޭޝަން ވެސް ދީފަ އެވެ.



More from Mihaaru