ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި އެވެ.
ރައީސްގެ މޮޓޯކޭޑް ހުއްޓުވީ މިދިޔަ ހޯމަ ދުވަހުގެ ރޭ، ހުޅުމާލޭގައި އޮތް ރަސްމިއްޔާތަކަށް ފަހު އެ މަނިކުފާނު ބޮޑުތަކުރުފާނު މަގުން ވަޑައިގަންނަވަނިކޮށް، އިދިކޮޅު ޕީޕީއެމްގެ އޮފީހާ ދިމާލުގައި ތިބި އެ ޕާޓީގެ ސަޕޯޓަރުންތަކެކެވެ. އެ ރޭ ވަނީ މި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.
އެ މައްސަލާގައި މިއަދު ހަވީރު ހައްޔަރުކުރި ޕީޕީއެމްގެ އެކްޓިވިސްޓު މުހައްމަދު އައްބާސް ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައި ސިފައިންނާއި ފުލުހުންގެ އެންގުމަށް ތަބާނުވެ ރައީސްގެ ކާރުކޮޅާ ދިމާލަށް ދާން އުޅޭތަން، ކުރިން އާންމުވެފައިވާ ވީޑިއޯތަކުން ފެނެ އެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރަކަށް މިއަދު ހަވީރު އެވެ.
މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި އިތުރު މީހަކު ހައްޔަރުކުރި ނަަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އިދިކޮޅު ސަޕޯޓަރުން ވަނީ ރައީސްގެ މޮޓޯކޭޑް ފެނުމާ އެކު މަގު ބަންދުކޮށް މަގު މެދުގައި އިށީނދެފަ އެވެ.
އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިން އެ ތަނުން ދުރަށް ނުދިއުމުން ސިފައިންގެ ސްޕެޝަލް ފޯސް އިން ހަތިޔާރާ އެކު ވެހިކަލްތަކުން ފައިބައި ދުރަށް ދިއުމަށް ވެސް އެންގި އެވެ. އެކަމަކު އެމީހުންގެ އެންގުމަށް ވެސް ދުރަށް ނުދިއުމުން ރައީސްގެ ބޮޑީގާޑުން ވަނީ އެ މަނިކުފާނުގެ ކާރުކޮޅު އަނބުރާލައި އެހެން މަގަކުން ގޮސްފަ އެވެ.
މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރެވެ. އެހެންވެ ސެކިއުރިޓީ ފެއިލްވި މައްސަލައާ ގުޅިގެން ވަނީ އެމްއެންޑީއެފަށް ފާޑުކިޔުން އަމާޒުވެފަ އެވެ.
އެ މައްސަލާގައި ވަނީ ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާއިރު އެ މައްސަލަ ބަލަން އެމްއެންޑީއެފުން ވަނީ ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ.