މަހިބަދޫގެ ފަޚުރު ދަމަހައްޓަން އަރައިގެން އަންނަ ތަރިންތަކެއް

Sat, 25 Mar 2023 08:09 AM

View on this article on Mihaaru

މަހިބަދޫގެ ފަޚުރު ދަމަހައްޓަން އަރައިގެން އަންނަ ތަރިންތަކެއް

މި ރަށަކީ ފުޓްބޯޅައިގެ ފަޚުރެވެ؛ ކޮންމެ ދުވަހަކު ހަވީރު މި ރަށުގެ ދަނޑުން ފެންނާނީ ފުޓްބޯޅައަށް އޮތް އާދަޔާޚިލާފު ލޯތްބެވެ. އެކި އުމުރުފުރާތަކުން ޓީމުތައް ނަގައި ފަރިތަކުރުންތަކެވެ. ރާއްޖޭގެ ފުޓްބޯޅައަށް ޒަމާނުއްސުރެ ހުނަރުވެރި އެތައް ތަރިންނެއް ނެރެދިން މި ރަށުން އަދިވެސް ނަންތަކެއް ވިދާލާނެ އެވެ.

ގައުމީ ޓީމުގެ ކުރީގެ އެއް ނަމްބަރު ފޯވާޑް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި މަހިބަދޫ ދާއިރާ ތަމްސީލް ކުރާ އަހުމަދު ތޯރިގް (ޓޮމް) އާއި ގޯލްކީޕަރު އިމްރާންގެ އިތުރުން އަސަދުﷲ އަބްދުﷲ އާއި އަބްދުﷲ މިދުހަތު ފަހުމީ ފަދަ ކުޅުންތެރިންނަކީ އެ ބައެއްގެ ނަން ކިޔާލުމުން މި ރަށް ރަމްޒު ކޮށްދޭ ހުނަރުވެރިންނެވެ. އަދި މިހާރު ގައުމީ ޓީމުގެ ކެޕްޓަން، މި ރަށަށް އުފަން ޑިފެންޑަރު ސަމޫހު އަލީ އަކީ ރާއްޖޭގެ ޑިފެންސުގައި މި ވަގުތު އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ.

މީގެ އިތުރުން ވެސް މަހިބަދޫން ވަނީ ގިނަ ކުޅުންތެރިންތަކެއް ރާއްޖޭގެ އެއްވަނަ ޑިވިޝަން ފުޓުބޯޅަ އަށް ނެރެދީފަ އެވެ.

ފުޓްބޯޅައިގައި ނަން ވިދާ މި ތަރިންގެ ފަހަތުން އަރައިގެން އަންނަ އެތައް ޒުވާން ހުނަރުވެރި ކުދިންނެއް މަހިބަދޫގައި އެބަތިއްބެވެ. އެ މީހުން އަންނަނީ މޮޅު ކުޅުންތެރިންނަށް ވެ ރަށުގެ ފަޚުރު ދަމަހައްޓަން ހުވަފެންތަކެއް ދެކެމުންނެވެ.

އިޝްފާގު "މިހާރު" އާ ވާހަކަ ދައްކަނީ

އޭގެތެރެއިން އެކަކީ އަލީ އިޝްފާގް ހަސަން މަޖީދެވެ.

ސަމޫހް ފަދަ މި ރަށުގެ ކުޅުންތެރިންނަކީ ފަޚުރެއްގެ ގޮތުގައި ދެކޭ އިޝްފާހު ބޭނުންވަނީ މަހިބަދޫގެ ނަން ފުޓްބޯޅައިގައި ފަނޑުނުވުމެވެ.

އޭނާއަކީ މި ފަހުން ގަލޮޅު ދަނޑަށް ނުކުތް މި ރަށުގެ އެންމެ ހަގު ކުޅުންތެރިއަކަށް ވާނެ އެވެ. އުމުރުން 18 އަހަރުގެ މި ކުޅުންތެރިޔާ ވަނީ މިދިޔަ އަހަރު އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި ކުޅެފަ އެވެ. ހަމައެކަނި ކުޅެލީއެއް ނޫނެވެ. މުބާރާތުގައި އޭނާގެ ފަރާތުން ފެނުނު ހުނަރުވެރި ކުޅުމުގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރު ނެގި 18 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް އިޝްފާގް ވަނީ ހިމެނިފަ އެވެ.

"ކުޑައިރު ވެސް ވަރަށް ކުޅޭ ހިތްވޭ. ތިއްތި، އަސަދުﷲ ވަރަށް މޮޅަށް ކުޅޭތާ. ކުޑައިރު ވެސް ވަރަށް އަޑުއިވޭނެތާ ގޭތެރެއިން ވެސް އޭނާގެ ވާހަކަ،" އިޝްފާގް ބުންޏެވެ.

"ވަރަށް ގިނައިން ވަކިން ވެސް ކިޔައިދޭނެ ތިއްތި. ގިނައިން މަސައްކަތް ކުރަން ބުނާނެ. ރަށުގެ އެންމެންގެ ފަރާތުން ވެސް ވަރަށް އެއްޗެހި އެނގޭ. އެންމެން ވެސް އެ މީހަކަށް އެނގޭ އެއްޗެއް ކިޔައިދޭނެ. ތަފާތު އެއްޗެއް އެނގިގެން ކޮންމެ ދުވަހެއް ވެސް ނިމެނީ."

ޔޫތު މުބާރާތަކީ ރާއްޖޭގެ ފުޓުބޯޅައިގައި އިޝްފާގުގެ ފުރަތަމަ ފެނިލުމެވެ. އޭނާ ބުނީ ޓީސީ ސްޕޯޓްސް ކްލަބުގެ ޔޫތު ޓީމުގައި ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ ފަރާތުން ވެސް ގިނަ ކަންތައްތަކެއް ދަސްވި ކަމަށެވެ.

ގަލޮޅު ދަނޑަށް ނުނިކުތެއް ކަމަކު އަދިވެސް މި ރަށުގެ ޒުވާން ކުޅުންތެރިން ތިބީ ރަށުގެ ލެގަސީ ދަމަހައްޓަން ގައުމީ ޖޯޒީ ގަޔަށް ހެޔޮވަރު ކޮށްލުމުގެ އަޒުމުގަ އެވެ. އެފްއޭއެމް މުބާރާތެއްގައި ކުޅުނު އިޝްފާގު އުމުރުން ކިތަންމެ ހަގަސް އޭނާގެ ފަރާތުން ވެސް މި ދާއިރާއިން ކުރިއަށް ދާން ހިތްވަރު ލިބޭ ކަމަށް މި ރަށުގެ ޒުވާން ކުޅުންތެރިން ބުނެ އެވެ.

"މަހިބަދޫ އަކީ ވަރަށް ގިނަ ގައުމީ ޓީމުގެ ކުޅުންތެރިން ތިބޭ ރަށެއް. އަސަދުﷲ އާއި ސަމޫހު އާއި ސަމާމު، އެހެން ވަރަށް ގިނަ ކުޅުންތެރިން ތިބޭނެ. އެމީހުންނާ އެކު އެހާވަރަކަށް ނުކުޅެން. އެކަމަކު މިރަށުގެ އިޝްފާގް ވަރަށް ބޮޑަށް ހެލްޕް ވާނެ،" އުމުރުން 15 އަހަރުގެ ހުސެއިން ޝަދުވާން ސައީދު ބުންޏެވެ.

ޝަދުވާން "މިހާރު" އާ ވާހަކަ ދައްކަނީ

"ބޭނުންވަނީ ހަމަ ގައުމީ ޓީމަށް ކުޅެން. އެކަޑަމީގައި ވެސް ކޯޗުގެ ވަރަށް ބޮޑު ހެލްޕެއް ލިބޭ. އަޅުގަނޑުމެން ވަރުގެ ގިނަ ކުދިން މޮޅަށް ކުޅޭނެ. އަދިޔާން އާއި ނައްސާހު އާއި އަޔާން އަދިވެސް އުޅޭނެ ވަރަށް ގިނަ ކުދިން."

ކުޑައިރުން ފެށިގެން ހުސްވަގުތުތަކުގައި ގޭދޮށުގައި އުޅޭ ފަސްވަރަކަށް ކުދިންނާ އެކު ފުޓުބޯޅަ ކުޅެމުން އައި ޝަދުވާން ކުޅެން ދަނޑަށް ދާން ފެށީ އޭނާ ގްރޭޑް 6 ގައި އުޅެމުންނެވެ.

އޭނާ ބުނި ގޮތުގައި ފުޓުބޯޅަ ކުޅުމަކީ އޭނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނުވައިދޭ ކަމެކެވެ.

"ފުޓުބޯޅަ ކުޅެން ނައިސް އަޅުގަނޑަށް ވަރަށް އުނދަގޫ ނިދަން ވެސް. ކުޅެލީމަ ފަސޭހައީ،" ފުޓުބޯޅައަށް އޮންނަ ލޯބި ހާމަކޮށްދެމުން ޝަދުވާން ބުންޏެވެ.

ފުޓުބޯޅަ އާއިލާއެއްގެ ތެރެއަށް އުފަންވި ޒުވާން ކުޅުންތެރިއެއް ކަމަށްވާ އަޒުހަދު މުހައްމަދު ބުނީ އެ ރަށުގެ ފުޓުބޯޅަ "ދަނޑު ހުޅުވި ދުވަހު ޓޮމް ބުނި ގޮތަށް މަހިބަދޫ އަކީ ރާއްޖޭގެ ބްރެޒިލް ކަމަށް" ގަބޫލު ކުރާ ކަމަށެވެ. އުމުރުން 15 އަހަރުގެ އަޒުހަދު ބޯޅަ ކުޅެން ފެށީ އޭނާގެ ދޮންބެ ދިން ހިތްވަރުންނެވެ.

"ކުޑައިރުން ފެށިގެން ދޮންބެއާ އެކު ބޯޅަ ކުޅެން ފެށީ. ދޮންބެ ކުރިން ކުޅޭނެ، މިހާރު 35 އަހަރުން މަތީގެ ވެޓަރަންސް މުބާރާތްތަކުގައި ކުޅޭނީ. ދޮންބެ ބުނީ ފުޓުބޯޅަ ކުޅޭށޭ،" ގައުމީ ޓީމަށް ކުޅުމުގެ އުންމީދުގައި ހުރި އަޒުހަދު ބުންޏެވެ.

އަޒުހަދު މި ރަށު ދަނޑުގައި ޕްރެކްޓިސްކުރަނީ.

"ފެމިލީ އެންމެން ވެސް ފުޓުބޯޅަ ކުޅޭ."

އާއްމު ގޮތެއްގައި ވަކި ހާއްސަ ފަރިތަކުރުންތަކެއް ނުބޭއްވި ކަމުގައި ވިއަސް، އަޒުހަދު ބުނީ ރަށުގައި ބާއްވާ ޒުވާނުންގެ މުބާރާތް ގާތްވުމުން، ބައިވެރިވާ ޓީމުތަކުން މުބާރާތް ކުޅޭ އުމުރުގެ ޒުވާން ކުދިންނަށް ވަރަށް ރަނގަޅު ތަމްރީނުތަކެއް ފޯރުކޮށްދޭ ކަމަށެވެ.

މި ރަށުގެ އެއްބައިވަންތަކަން މި ކުޅިވަރުގައި

މަހިބަދޫ ކައުންސިލްގެ ރައީސް ރަޝާދު އަލީ ވިދާޅުވީ މި ރަށަކީ ކުރިން ފުއްޕާހަމުގައި ފޮތި އޮޅައިގެން ވެސް ފުޓުބޯޅަ ކުޅުނު ރަށެއް ކަމަށެވެ. ހަމަ އެއާއެކު އެ ރަށުގެ މައި ކްލަބް، މަހިބަދޫ ސްޕޯޓްސް ކްލަބުން ޒުވާން ކުޅުންތެރިންގެ ހުނަރު ތަރައްގީކޮށް، ފުޓުބޯޅައިގެ ޖީލް ދަމަހައްޓަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

މަހިބަދޫ ކައުންސިލްގެ ރައީސް ރަޝާދު "މިހާރު" އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު

"އަޅުގަނޑުމެންގެ ރަށަކީ ފުއްޕާހަމުގަ ފޮތި އޮޅައިގެން ވެސް ފުޓުބޯޅަ ކުޅުނު ރަށެއް. އަޅުގަނޑުމެން ހަނދާން ހުންނަން ފެށީ 80ގެ އަހަރުތަކުގެ ތެރޭގައި މާލެ ގޮސް ހުސްފަޔާ މުބާރާތްތައް ކުޅުނު ހަނދާން. ބޮޑު މޫސަބެ އެއީ މަހިބަދޫ ދަރިއެއް. ޖަހާލަ ބޯޅައަކީ މުޅި ރާއްޖެ އަށް މަޝްހޫރު ބޯޅައެއް. މަހިބަދޫއަކީ ވަރަށް ކުރީއްސުރެން ވެސް ފުޓުބޯޅައިގެ ރަށެއް، މިއަދާ ހަމައަށް ވެސް އިރާދަ ކުރެއްވީތީ އެކަން އެގޮތަށް ދެމި އެބަ އޮތް،" މި ރަށުގެ ފުޓުބޯޅައިގެ ތާރީހާ ގުޅޭގޮތުން ރަޝާދު ވިދާޅުވި އެވެ.

ފުޓްބޯޅަ ކުރިއަރުވަން މަހިބަދޫގައި އަންނަނީ އެކަޑަމީތައް ހިންގަމުންނެވެ.

"އެކަޑަމީތައް ހިންގަނީ މި ރަށު ސްޕޯޓްސް ކުލަބުން، ވަރަށް ފުރިހަމަކޮށް ހުނަރު ކުރިއަރުވަން ކްލަބުން އިސްނަގައިގެން ކުރިއަށް ގެންދޭ. ކައުންސިލްގައި އެދޭ އެހީތެރިންކަން ކައުންސިލުން ފޯރުކޮށްދެން. މައިގަނޑު މަސައްކަތް ހިންގަނީ ކްލަބުން އިސްނަގައިގެން."

ރަޝާދު ވިދާޅުވި ގޮތުގައި ރަށުގެ އެއްބައިވަންތަކަން އެންމެ ބޮޑަށް ދަމަހައްޓާ އެއް ކަމަކީ ފުޓުބޯޅަ އެވެ. އަދި މި އެއްބައިވަންތަކަމާ އެކު ރަށުން ފުޓުބޯޅައިގެ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ކުރިއަށް އޮތް ތަނުގައި ވެސް ފެންނާނެ ކަމަށް ރަޝާދު ޔަގީން ކުރައްވަ އެވެ.

"އަޅުގަނޑުމެން ރަށުގެ ރައްޔިތުންނަކީ ވަރަށް ބޮޑަށް ފުޓުބޯޅައަށް ލޯބިކުރާ ބައެއް. ފެށުނީއްސުރެން މިއަދާ ހަމައަށް އެންމެ އިސް ކުޅިވަރަކީ އެއީ. ހުނަރުވެރި ގިނަ ދަރިންތަކެއް އުފެދޭނެ ކަމަށް އަޅުގަނޑު ޝައްކެއް ނުކުރަން،" ކައުންސިލްގެ ރައީސް ރަޝާދު ވިދާޅުވި އެވެ.

"ފުޓުބޯޅައޭ ބުނެފިއްޔާ ހުރިހާ އެންމެން އެއްވާނެ. ހާއްސަކޮށް އަތޮޅު ފެންވަރުގައި އޮންނާނެ ފުޓުބޯޅަ މުބާރާތެއް އަތޮޅުގެ 10 ރަށަށް ހުޅުވާލައިގެން. އޭގައި ވެސް އަޅުގަނޑުމެން ރަށަކީ ހުރިހާ ފަހަރަކުހެން ތަށި ހޯދަމުންދާ ރަށް. އެ މުބާރާތަށް ވެސް މަހިބަދޫގެ ރައްޔިތުންނޭ ބުނާހާ ވަރަށް މި ރަށަކަށް ކޮންމެ މެޗަކަށް އަމިއްލަ ހަރަދުގައި ޓިކެޓް ނަގައިގެން ލޯންޗުތަކާ ބޮޑެތި ފެރީތައް ކުއްޔަށް ނަގައިގެން އާއްމު ރައްޔިތުން ދާނެ."

މި ރަށަށް ނިސްބަތްވާ މަހިބަދޫ ސްޕޯޓްސް ކްލަބަކީ ރާއްޖޭގެ އެންމެ މަތީފަންތީގެ ފުޓުބޯޅަ ވެސް ކުޅެފައިވާ ކުލަބެކެވެ. އެންމެ ކުރިން ފެށިގެން މިއަދާ ހަމައަށް ވެސް ރާއްޖޭގެ ފުޓުބޯޅައިގައި މެދުނުކެނޑި ގިނަ ދުވަސްތަކެއްވަންދެން އެ ކްލަބް އޮތް އޮތުން ވެސް، ރަށުގައި ފުޓުބޯޅައަށް ދޭ އަހަންމިއްޔަތުކަން ހާމަ ކޮށްދެ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ދެ ސީޒަނަކު ވާދަކުރި މަހިބަދޫ ސްޕޯޓްސް ކްލަބް މިވަގުތު ދެވަނަ ޑިވިޝަނުގައި އޮތް ނަމަވެސް، އެ ކްލަބުން ވަނީ ދެ ފަހަރު ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ.

"ޒޯން މުބާރާތް ކުޅޭއިރު ވެސް އަޅުގަނޑުމެންގެ ރަށަކީ މެދު ރާއްޖެތެރޭގެ ޗެމްޕިއަން. ގިނަ ފަހަރުތަކަކު ވާނެ ޗެމްޕިއަންކަން ހޯދާފައި. މާލޭގައި ކުޅޭ މުބާރާތްތަކުގައި ވެސް ނަތީޖާ ހާސިލް ކުރާ ރަށެއް މިއީ. އެއްވަނަ ޑިވިޝަނުގައި ވެސް ކުރިއެރުންތަކެއް ހޯދި ތަށްޓާ ހަމައަށް ނުދެވުނަސް،" ރަޝާދު ވިދާޅުވި އެވެ.

އަރަމުން އަންނަ ޒުވާނުންނާ ދޭތޭރޭގައި އޭނާގެ އުއްމީދު އެބައޮތެވެ. ހުނަރުވެރި އެ ކުދިންނަކީ ރަށުގެ ފަޚުރު ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"ފުޓްބޯޅައިގައި އިރާދަކުރެއްވިއްޔާ މި ރަށުގެ ވިދުން ފަނޑެއް ނުވާނެ،"



More from Mihaaru