ހިތަށް ކުޅަދާނަމިންވަރުން

Sat, 25 Mar 2023 08:04 AM

View on this article on Mihaaru

ހިތަށް ކުޅަދާނަމިންވަރުން

ތެޔޮތާހަށް އަޅާލާ ކުޅިރޮށިތައް މުރަނަވެގެން ނަގާއިރު އެ ދުވާ މީރުވަހުން ޖައްވު އޮތީ އެއްވަސް ކުރުވައިފަ އެވެ. ކުޑަކުދިން ފަހަރަކު ފޮއްޗެއް ނަގައި ހަފާލާއިރު އެ ކުދިންގެ މޫނުމަތީން ގަޔާވާ މަންޒަރު ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. ލޫނާ އިނީ ޖެހިގެން ހުރި ގޭ ނައީމާ ކުޅިރޮށި ހަދާތީ އެހީވެދޭން ގޮހެވެ. ކައިރި އަވައްޓެރިން ގުރޫޕް ގުރޫޕް ހަދައިގެން މި މަސައްކަތް ކުރަމުން ދާއިރު ދެކެވެމުންދާ ފޯރިގަދަ ވާހަކަ އަށް ރަހަ ހެޔޮވަރުކޮށްލަނީ އިރުއިރުކޮޅުން އަނގަފުރާ ދުފާލާ ދުފުންގަނޑާއި މާ ދުރު ނޫން ގެއެއްގައި އުޅޭ، ބުއްދި ހަމަނުޖެހޭ، ގާލިބް ޖަހާ ނައިފަރު ދޮހޮއްކޮގެ ލަވަތަކުންނެވެ. ލަވަ ބަދަލުވަމުން އައިސް ދެން ކިޔަންފެށި ލަވައަކީ،

"ހިތެއްގައި ލޯބި ވެސް ވާންވީ ހިތަށްކުޅަދާނަ މިންވަރަކުން އަދާވާތްތެރިވިޔަސް ވާންވީ ހިތަށްކުޅަދާން މިންވަރަކުން".

ލޫނާ އިނީ އެ ލަވައިގައި ބުނާއެއްޗަކަށް ވަރަށް ފުންކޮށް ވިސްނާށެވެ. އުމުރުން 15 އަހަރުގައި އަލަތު ކައިވެނިކުރި ރިޒާ އާއި އިނދެގެން އޭނާ އުޅޭތާ 15 އަހަރުވީ އެވެ. ކައިވެންޏަށް ހަތަރު ކުދިން ލިބި ގެދޮރު އެޅިއްޖެ އެވެ. ހުރިހާ ކުދިން ވެސް އުޅެނީ ސަރުކާރު ސްކޫލުގަ އެވެ. ރިޒާއަކީ ކަންނެލި މަސްވެރިކަމުގައި އުޅޭ މީހެއް ކަމުން ގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ދަތިނުވެ ލިބެންހުރެ އެވެ. މި އަންނަ އަހަރު ހަގުސޮރު ހިތާނުކުރުމުން ކުރަންޖެހޭ ހުރިހާ ބޮޑެތި ހަރަދުތައް ވެސް ނިމުނީ އެވެ. ކުރިއަށް އޮތީ އުފާ ފާގަތި ދުވަސްތަކެކެވެ. އަދިވެސް އެންމެ ކުރީގައި އޭނާ ރިޒާ އަށް ޓަކައި ވީ ލޯބި އޮތީ ހަމަ އެގޮތުގަ އެވެ. ތާޒާވެފައި ވަފާތެރިކަމާ އެކުގައި އޮތް ތޯހިރު ލޯތްބެއްގެ ގޮތުގަ އެވެ.

"ލޫނާ ރުޅިނާންނަންޏާ ވާހަކައެއް ބުނަންތަ؟ މި ރަށަށް އައިސްގެން އުޅޭ ކެލާ ދޮނާ ތި ގޭދޮށުން މާގިނައިން ފެންނަނީޔޯ. ޑަސްބިން އުކަން ވެސް ދަނީ ތިގޭ ކުރިމަތީން. ރިޒާ ރަށުގައި އުޅެންޏާ ހަވީރު ރީތިވެގެން އަތިރި އަށް ވެސް ދަނީ ތިގޭ ދޮރުމަތީން. ވަރަށް ރަނގަޅަށް ބަލައްޗޭ. ރީތި އަންހެނުންނަކީ ވަރަށް ނުރައްކާތެރި ބައެއް." ހަލީމާދައިތަ ވަރަށް ހެޔޮއެދޭ ގޮތަށް ނަސޭހަތްތެރިވި އެވެ.

އެ ދުވަހުގެ ފަހުން ލޫނާ އަށް އަބަދު ވެސް ބެލެނީ ދޮނާ އުޅޭގޮތެވެ. އެ ގޭ ކުރިމަތިން ހިނގާތޯ އެވެ. އޭނާ ބުރުގާއަޅާ ގޮތަށް ބުރުގާ އެޅޭތޯ އެވެ. އޭނާގެ ގައިންދުވާ "ސީކްރެޓް" ސެންޓް ހޯދާށެވެ. އަވައްޓެރިންނަށް ވެސް ލޫނާގެ މިޒާޖު އެނގޭހާ ބޮޑަށް އޭނާ ދޮނާއަށް ފާރަވެރިވެއެވެ. އިރުއޮއްސި ރަތްވިލާތައް އުދަރެހަށް ވެރިވާން ފަށައިފި އެވެ. މި ރޭ މިއީ އޭނާގެ ލޯބިވާ ފިރިމީހާ ރިޒާ ރަށަށް އަންނަ ރެއެވެ. އޭނާ ފިހާރަކަށް ގޮސް ދިރާގު ސިމެއް ގަތެވެ. އެތައް އިރަކު ވާހަކަދެއްކިޔަސް ލާރި ހުސްނުވާނެ ވަރަށް ފޯނުކާޑު ގަނެފައި ފޯނަށް އަޅައިފި އެވެ.

އިޝާނަމާދު ކޮށްގެން ރިޒާ އަންނާނެ ކަމުގެ އިންތިޒާރުގައި ލޫނާ އޮތެވެ. މޭޒުމަތީގައި ހުރީ އެހެންޏާ ނުހުންނަ މީރު ކަނޑުކުކުޅާއި ބަތެވެ. ފަރާޓާ އާއި ކުކުޅު ކުރަނޑި އެވެ. ޕިރިނީ އާއި ކަސްޓަޑެވެ. އެ ހުރިހާ ބާވަތެއް ހުރިއިރު ރިޒާ ސުވާލު ނުކުރުމުން އޭނާ ދެރަވިއެވެ. ރިޒާ އަށް ޓަކައި އެތައް ކަމެއް ކުރާއިރު އެކަން އޭނާ އަށް ނޭނގޭތީ ފޫހި ވެސް ވިއެވެ. ރިޒާ މާގިނަ ވާހަކައެއް ނުދައްކާ ބޭރަށް ނިކުތެވެ. އޭނާ ގެއަށް އައީ 11 ޖަހަނިކޮންނެވެ.

"ހާދަލަހުން ތިއައީ،" ދުވަހަކުވެސް ޝަކުވާނުކުރާ ލޫނާ އަށް އަހާލެވުނެވެ.

"ނުނިދަންތަ؟ އަހަރެން ހީކުރީ އެހެންޏާ ވެސް އެހާ އަވަހަށް ނިދާތީ ނިދާފައި ކަމަށް އޮންނާނީ. މިއައީ ދޯންޏަށް ބޭނުންވާ ބައެއް ސާމާނު އަރުވާފައި. ފަތިހަށް ފުރަންޖެހޭ،" ރިޒާ ހެދުން ބަދަލުކުރަމުން ބުންޏެވެ.

ރިޒާ އެނދުގައި އޮށޯތެވެ. ކޮޓަރީގައި ވަނީ މަޑުނޫކުލައިގެ މަޑުމަޑު އައްޔެކެވެ. އެ ދެ މީހުންގެ މެދުގައި ވަނީ ފަޅުކަމެވެ. ވާހަކަތައް މަދުވެއްޖެ އެވެ.

"އަހަރެންނަށް އެނގޭ ކައިވެންޏަށް ގިނަދުވަސް ވާވަރުން ފިރިހެނުން އަނބިން ދެކެ ފޫހިވާކަން،" ލޫނާ ރޮމުން ރޮމުން ބުންޏެވެ. ނަމަވެސް ރިޒާގެ ފަރާތުން އެއްވެސް ބަހެއް ނައެވެ. އޭނާ އޮތީ ގަދަނިދީގަ އެވެ.

ފަތިސްވުމުން ރިޒާ ފުރައިފި އެވެ. އެހެންޏާ ވެސް ކުރާ ބޮޑުކަންނެލީގެ މަސްވެރިކަމަށް ފުރީއެވެ.

އެހެންފަހަރުތަކާއި ޚިލާފަށް މިފަހަރު އުޅެނީ ރަށް ކައިރީގަ އެވެ. އެކަން ލޫނާ އަށް އެނގުނީ ރިޒާ އަށް އައި ފޯނެއްގައި އެ ވާހަކަ، މީހަކާ ވާހަކަ ދައްކަމުން ބުނެފައި ވާތީ އެވެ.

ގޭގެ ހުރިހާ މަސައްކަތެއް ނިންމާލާފައި ފެންވަރައިގެން އަސުރުނަމާދު ކޮށްލައިގެން ލޫނާ އަތިރިއަށް ނިކުތެވެ. ތަންކޮޅެއް ދުރުގައި ހުރި އުނދޯޔެއްގައި އެ ބުނާ ދޮނާ އޮތެވެ. އެއީ ނުހަނު ރީތި ކުއްޖެއްކަން ލޫނާ އަށް ވެސް ގަބޫލު ކުރެވުނެވެ. ލޫނާ އާ ވާހަކަ ދައްކާލަން ދާން އުޅުނު ފިޔަވަޅު ހުއްޓުނީ އޭނާ ފޯނެއްގައި ވަރަށް އޮލަވާހަކައެއްގައި އޮތުމުންނެވެ.

ލޫނާ ދެފައި ގަނޑުވި ކަހަލަ އެވެ. ކުރިއަށް އެޅިފިޔަވަޅު ފަހަތަށް އެޅުނީ ބުނަންނޭނގޭ ޚިޔާލުތަކެއް ސިކުނޑީގައި ގިނަވުމުންނެވެ.

"އެ ވާނީ ރިޒާޔާ ވާހަކަދައްކަނީ ކަމަށް،" ލޫނާއަށް ހީވިގޮތް ބުނެވުނެވެ.

"މަ ނުބުނަންތަ އެއީ ވަރަށް ވިޔާނުދާ އަންހެނެކޭ،" އެ އަޑުއަހަން ޖެހިގެން އޮތް ހަލީމާދައިތަ އަށް ލިބުނީ މާ ނުބައި ވިސްނުމެކެވެ.

މީހަކާއިނދެ މުސްކުޅިވީއިރު ދުވަހަކު ވެސް އާދަނާ ދިމާއަށް ރަށު އަންހެނަކު ބަލާލަން ވެސް ނުކެރޭނެ ކަމަށް ހަލީމާ ބުންޏެވެ. ފިރިހެނުންނަކީ ފާޑެއްގެ ބައެއް ކަމަށާއި ކިތަންމެ އޯގާތެރިވީ ނަމަވެސް ރީތި އަންހެނަކު ފެނުމުން ދޮށީ އަނބި ވަރިކޮށްލާކަށް ފަހަކަށް ނުޖެހޭނެ ކަމަށް ވެސް އޭނާ ލޫނާ އަށް ވިސްނައިދިނެވެ.

"އަހަރެން މީ ލޫނާ ނަމަ މިހާރު އެ ދޮނާ މި ރަށުން ބޭރުކުރީމުސް،" ހަލީމަދައިތަ ބުންޏެވެ.

"ކަމެއް ޔަގީން ނުވަނީސް މީހެއްގެ ބޮލުގައި ތުހުމަތު އަޅުވާކަށް އަހަންނަކަށް ނުކެރޭނެ،" ލޫނާ ހުރީ ގޮތް ހުސްވެފަ އެވެ.

"ބުނަންތަ ވާހަކައެއް؟ އެކަހަލަ ކަންކަން ޔަގީނެއް ނުކުރެވޭނެ. ޝައްކުވާއިރު އެ އަންހެންމީހާ އަށް ތި ކުޅެވެނީ ކިހާވަރެއްގެ އަންހެނެއްގެ ފިރިއަކާކަން އަންގާލަންވާނެ،" ހަލީމާ ނަސޭހަތް ދެމުންދިޔަ އެވެ.

އޭނާ ދޭ ކޮންމެ ނަސޭހަތަކުން ލޫނާގެ ލޭ ކެކިގެން ދެއެވެ. ދޮނާގެ ވަސް މި ރަށުން ފޮހެލާނެ މޮޅު ގޮތްގޮތް ސިނކުޑީގައި ރާވަމުން ވެސް ދިޔައެވެ. ނަމަވެސް އޭނާ އެންމެ ފުރަތަމަ ބޭނުންވަނީ ރިޒާ އާއި ލޫނާގެ ގުޅުމެއް އޮތްކަން ޔަގީން ކުރާށެވެ.

އޭނާ ގެއަށް ގޮސް ފޮރުވައިގެން ގެންގުޅޭ ފޯނު ނެގި އެވެ. އެއްވެސް މީހަކު ހިލަމެއްނުވާ ޖަނބުރޯލު ގަސްދޮށުގައި، ޖޯލިފައްޗެއްގައި އިށީނެވެ. ދެކޮޅު ރަނގަޅަށް ބަލާލާފައި ފޯނު އޮންކޮށްލާފައި މީހަކަށް ގުޅާލި އެވެ. ފޯނު ބިޒީ އެވެ. ލޫނާ ޖޯލީގައި އޮށޯވެ ލޯމަރާލި އެވެ. މިކުރެވެނީ ކޮންކަމެއް ބާވައޭ އޭނާ ހިތަށް އެރުމާ އެކު މެޔަށް ފެންއެއްޗެއް އޮއްސާލިހެން ވެސް ހީވިއެވެ. އޭނާ ބިރުގަނެއްޖެ އެވެ.

އޭނާ އަނެއްކާ ވެސް ފޯނުގެ ފިތްތަކަށް ފިތަން ފެށި އެވެ. ވަކި ނަންބަރަކަށް އޭނާގެ އަތް ނުހަނު ފަރިތައެވެ. "ހަލޯ." އެކޮޅުން ވާހަކަދެއްކި މީހާ ބުންޏެވެ.

"ހަލޯ. ކިހިނެއް ހާލު،" ލޫނާ އަށް އެހެން ބުނެވުނީ ވަރަށް ހިތްވަރުކޮށްގެންނެވެ.

"ރަނގަޅު. ކާކުތީ،" އެ މީހާ ބުންޏެވެ.

"ނޭނގުނުތަ؟ އެހާގިނަ ވާހަކަދައްކާއިރު ވެސް ނޭނގޭތަ؟" ލޫނާ ބުންޏެވެ.

"ނޫން. ދޮނާދޯ،" އެމީހާ ހިނިގަނޑެއް ޖަހާލި އެވެ.

"ހޫން." ލޫނާ ބުންޏެވެ. އޭނާ އަށް ވީގޮތް ބަޔާންކުރަން ވެސް ދައްޗެވެ. އޭނާގެ ފިރިމީހާ ހަމަ ދޮނާއާ ވާހަކަ ދައްކަނީކަން ޔަގީންވުމުން ހިތް ކުދިކިދިވިއެވެ.

"އަސްލު ސޭވް ނުކޮށް އިން ނަންބަރެއްވީމަ ޔަގީން ނުވީ. ދޮނާ ކިހިނެއްތަ؟

"ބައެއްފަހަރު އެހެން ވެސް ވާނެ." ލޫނާ ބުންޏެވެ.

"މިއޮތީ ރަށާ ވަރަށް ގާތުގައި. މާދަން ރޭ މަޑުކުރާނީ ރަށުގައި. ތި ގެއަށް ދާންވީތަ؟" ފިރިމީހާގެ އަޑުގައި ހުރި މަސްތީގޮތާއި ވާހަކަދެއްކުމުގެ ރާގު ހުރިގޮތުން ދޮނާއަކީ އޭނާއަށް ކިހާވަރެއްގެ މީހެއްކަން ހާމަވެއެވެ.

"އާނ." ލޫނާ އަށް ވާހަކަދެއްކެނީ ކިރިޔާ އެވެ. އަޑު ނިކުންނަނީ ވެސް ކިރިޔާކިރިޔާކަން އޭނާ އަށް އެނގެއެވެ.

"އޯކޭ. ބޭއްވީ." ރިޒާ ފޯނުކަނޑާލިއެވެ.

ލޫނާއަށް ރޮވެނީއެވެ. ޒުވާންކަމުގެ އެންމެ ފުރިހަމަ އިރުގައި އޭނާގެ ހަޔާތަށް އައި ހަމައެކަނި މީހަކީ ރިޒާ އެވެ.

ރިޒާއަށްޓަކައި އޭނާ ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ލޯބިވާ އާއިލާ އާއި މައިންބަފައިންގެ ނުރުހުމުގައި ރިޒާއާ ކައިވެނިކޮށްގެން އޭނާ އުޅުނީ އެކަނިމާ އެކަންޏެވެ. ތިންކުދިން ވިހާ އެ ކުދިން ބޮޑުކުރަން ކުރި ހުރިހާ މަސައްކަތެއްގައި އޭނާ އުޅުނީ ވަރުބަލިކަން ފޮރުވައިގެންނެވެ. ގެދޮރުއެޅިއިރު ރިޒާ ލީ ގަލަކަށް ލޫނާ އޮންނާނީ ދެ ގާ ލައިފަ އެވެ. މިއަދު ގެދޮރުއެޅި ދިރިއުޅުން ފުރިހަމަވުމުން ރިޒާ އޭނާއަށް ބޭވަފާތެރިވީ އެވެ. ތިންކުދިން ވިހާ ހަށިގަނޑުގެ ބައްޓަން ގެއްލުނީމާ އޭނާގެ މަތީން ފޫހިވީ އެވެ. އޭނާ އަށް ޖޯލިފަތީގައި އިނދެވުނީ ކިހާއިރެއް ކަމެއް ނޭނގެ އެވެ. ހިޔާލުގެ ދުނިޔޭން ހޭލެވުނީ އިޝާ ނަމާދަށް ބަންގި ގޮވިއަޑަށެވެ.

އޭނާ ތެދުވެގެން ގޮސް ނަމާދުކޮށްލައިގެން އޮށޯތެވެ. ނިދަން އުޅެ އުޅެ އޭނާއަކަށް ނިދޭގޮތެއް ނުވި އެވެ. ޝައްކާ ވަހުމުން އޭނާގެ ސިކުނޑި ވަނީ ބަރާވެފަ އެވެ. ލޫނާ ތެދުވެއްޖެ އެވެ. އަދި ގެއިން ނިކުމެގެން ބާރުބާރަށް ހިނގާފައި ހަލީމާދައިތަ ގެއަށް ދިޔައެވެ.

"އަހަންނަށް ޔަގީން ދޮނާ ރިޒާޔާ ވާހަކަ ދައްކާކަން،" ލޫނާ ބުންޏެވެ.

"ކޮބާ؟ މަ ބުނީމެއްނު. މަބުނާއެއްޗެއް އަދި މިވީހާތާކަށް ދިމާނުވެ ދިޔަތަ؟" ހަލީމާ ހުރީ ރުޅިއައިސް ރަތްވެފަ އެވެ.

"އާދޭ މަށާ އެކު ދޮނާމެން ގެއަށް ދާން. މިފަހަރު އޭނާ ރަށުން ބޭރުކޮށްލާ ވަރު ކުރަންވާނެ،" ލޫނާ ހުރީ އޭނާއަށް ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގޭހާ ރުޅިއައިސްފަ އެވެ. އެ މީހުންގެ އަތަށް ހެޔޮވަރުކޮށްލި ފަލަ ލަޓިބުރިއެއް ހިފައިގެން ދޮނާމެން ގެއަށް ދިޔަ އެވެ.

ގޯތިތެރެ ވަނީ އަޑެއްބަޑެއްނީވޭ ސަހަރާއަކަށް ވެފަ އެވެ. ބަދިގެއާ ދިމާގައި ހުރި ފަސްވޯޓު ބޮތްކެއްގެ އަލިން މުޅިތަނަށް ވެރިވެފައި ވަނީ ފަނޑު އައްޔެކެވެ. ދޭތެރެދޭތެރެއިން މީހަކު ވާހަކަދައްކާ އަޑު އިވެއެވެ. ލޫނާ އާއި ހަލީމާ ސިއްރުސިއްރުން އަޑުއަންނަ ދިމާއަށް ދިޔަ އެވެ. ބަދިގެ ކައިރީގައި ހުރި ޖޯލިފަތީގައި ތިބި ދެ މީހުންގެ ވާހަކަ އަށް އެ މީހުން ހުއްޓުން އެރިއެވެ.

"މި ރަށު އަންހެނުންނަކީ ފާޑެއްގެ ބައެއް. މަ ރީތިވީމަ އެންމެން ވެސް ތިބެނީ އެ މީހުންގެ ފިރިން ގެއްލިދާނެތީ ބިރުން،" ދޮނާ ހިނގަނޑެއް ޖަހާލި އެވެ. ޖެހިގެން ހުރިޖޯލީގައި އޮތް އަލީ ވެސް އެ ހިނިގަނޑުގައި ބައިވެރިވި އެވެ.

"އޭނާގެ ނުބައިކަން ދެކިބަލަ. އެންމެ ފިރިހެނެއް ވެސް ނޫނޭ ދޯ މި ގެންގުޅެނީ،" ހަލީމާ މި ބުނި ބަހުގެ ބާރުގަދަކަން އެނގުނީ ލޫނާ އެދިޔަ ބާރުމިނުގައި ގޮސް ހަޅޭއް ލަވައިގަތުމުންނެވެ.

"ކަލޭގެ ހުރި ނުބައިކަން ދައްކަން ކެލައަށް ދޭ. މި ރަށުގައި އުޅޭނެ ކަމެއް ނެތް،" ލޫނާ އަތުގައި އޮތް ލަޓިބުރި ނެގި ވަގުތު ހަލީމާ އައިސް ލޫނާއާ އަރާ ހަމަކޮށްފި އެވެ.

"އަލީ... ދަރިފުޅުތަ؟" ހަލީމާ ހުއްޓުން އެރި އެވެ. ހަލީމާ ފެނުމާ އެކު އަލީ ދުވެ ފިލައިފި އެވެ. އަލީއަކީ ހަލީމާގެ އެންމެ ހަގުދަރިއެވެ. އުމުރުން 25 އަހަރުވީއިރު ވެސް މީހަކާ ނީނދެ އެވެ.

"މި ގުޅަނީ ޕޮލިހަށް. މީހުންގެ ގެދޮރަށް ހުއްދައާ ނުލައި ހަތިޔާރު ހިފައިގެން ވަނުމަކީ ޓެރަރިޒަމްގެ ކުށުގައި 20 އަހަރަށް ޖަލަށް ލެވޭނެ ކަމެއް،" ދޮނާ ފޯނު ނަގަމުން ބުންޏެވެ.

ލޫނާ އާއި ހަލީމާ ގަތްބިރުން އަވަސް އަވަހަށް ދުވަމުން ކަހަލަ ގޮތަކަށް އެ ގެއިން ނިކުތެވެ. އެ މުސްކުޅި ހަލީމާ އަނެއްކާ އެނބުރި އައިސް އޭނާގެ އަތުން ދޫވެފައި އޮތް ލަޓިބުރި ނެގި އެވެ.

"އަދި ވެސް ވަނީތަ؟ ލޫނާ ގާތު ބުނޭ ރިޒާއާ ނީންނަނީސް މަ މި ރަށަކުން ނުފައިބާނަމޭ. އާ އެހެންޏަ. މީ ކިހާވަރުގަދަ ކަމެއް." ދޮނާ އަނެއްކާ ވެސް ހަޅޭއްލަވައިގަތެވެ.

"މި ވާހަކަ ކޮންމެސް ކޮންމެސް މީހެއްގާތު ނުދައްކާތި!" ހަލީމާ ހުރީ ލަދުންނެވެ.

ލޫނާގެ ފިރިމީހާގެ ސިއްރުބައިވެރިޔާ އަށް ހަމަލާދޭން ދިޔައިރު އޭނާގެ ދަރިފުޅު ހުރުމުން އޭނާވަރަށް ލަދުގަނެއްޖެ އެވެ.

"ހޫން. ކަލޭގެ ދަރިފުޅު. މަގޭގެ ފިރިމީހާ. ކަލޭ ވެސް މީހެއް ގާތު މި ވާހަކަ ނުދައްކާތި!" ލޫނާ އަވަހަށް ގެޔަށް ދިޔަ އެވެ.

މި ދިމާވި ހާދިސާއިން އޭނާ މާ ބޮޑަށް ކަންބޮޑުވެއްޖެ އެވެ. ރިޒާ އަތުވެއްޖެ ނަމަ އޭނާއާ ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ނެތެވެ. ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވާލާފައި ވަނީ އޭނާގެ ލޯބިވާ އެހެނަސް ބޭވަފާތެރި ފިރިމީހާ އެވެ.

އެންމެފުރަތަމަ އޭނާ އަށް ފެނުނު ރީތިކަމުގެ ރަސްގެފާނުގެ ސިފަ މިހާރު ވެސް މާބޮޑު ތަފާތެއް ނެތެވެ. ކުޑަކޮށް ފަލަވެފައިވިޔަސް އަދިވެސް ފެންނަނީ ބައިމަތި ފުޅާ މުލައްދަނޑި ބާރުގަދަ އަދި އެހާމެ ހުށިޔާރު ފިރިހެނެއްގެ ގޮތުގަ އެވެ. ދޮނާ ލޫނާގެ ފިރިމީހާ ޖަހައި ނުގަންނަމައޭ ލޫނާގެ ހިތަށް އެރުމުން މެއަށް ތަދެއް ވެސް އަރައިފިއެވެ. ނަމަވެސް ހިތްވަރުކޮށްފައި އެއްޗެއް ނުބުނެ އޮތީ އެވެ.

"އަހަރެންގެ ހުދު ޓީޝާޓު ކޮބައިތަ؟" ފެންވަރައިގެން ނިކުމެގެން ހުރި ރިޒާ އެހި އެވެ.

"އޭތިގައި ލޯވަޅެއް އިނުމުން އެއްލާލައިފިން. މި ކަޅު ޓީޝާޓު ލާ،" ޓީޝާޓް ނަގާފައި ފިރިމީހާ އެހެން އަންހެނެއް ގާތަށް ދާން ޓީޝާޓު ދިނީ ލޫނާ އެވެ. އޭނާގެ ހިތް ކުދިކުދިވަމުން މޭ ތޮރުފަމުން ދިޔައެވެ. ފޮރުވަމުން ދިޔަ ކަރުނަތައް އޮބިނޯވެގެން އޮހިގެންފި އެވެ.

"ލޫނާ... ލޫނާ" ރިޒާ ނިކުންނަމުން ވަރަށް ބާރަށް ގޮވާލި އެވެ.

ލޫނާ ނުނިކުތެވެ. ދެން ކޮންމެ ގޮތެއްވިޔަސް ކޮންމެ މީހަކު އަޔަސް އޭނާ ނުނިކުންނާނެ އެވެ. ދިރިއުޅުމުގެ ދަތުރުގައި އޭނާ މަޑުކުރާނެ ގޮނޑުދޮށެއް މި ނޫނީ ނެތެވެ. ނަމަވެސް އޭނާއާ އެކު ދަތުރުފެށި ފިރިމީހާ އަށް މާރީތި އައްސޭރިތަކާއި ގޮނޑުދޮށްތަކުން ހިތްފުރަމުން ދަނީ އެވެ. އޭނާއަކަށް އެ މަންޒަރު ބަލާކަށް ކެތެއް ނުވާނެއެވެ.

"ލޫނާ." ކޮޓަރި އަށް ވަދެފައި ރިޒާ ހަޅޭއްލަވައިގަތެވެ.

އޭނާ ގޮސް ލޫނާގެ އަތުގައި ޖަހައިފި އެވެ. އޭނާގެ އަތުގައި ހުރި ނިދާބޭސްތައް މުޅިކޮޓަރި އަށް ބުރައިގެން ހިނގައްޖެ އެވެ. ރިޒާ ބާރުގަދަ އަތުން ލޫނާގެ އަތުގައި ހިފާ ދަމާފައި ގެންގޮސް ސައިކަލުގައި ބައިންދައިފި އެވެ. ރިޒާ ސައިކަލު ވަރަށް ބާރަށް ދުއްވާލި އެވެ. އޭނާގެ މިސްރާބު ހުރީ ރަށު ތުނޑިޔާ ދިމާއަށެވެ.

އެހިސާބަށް ދެވުމުން ސައިކަލު މަޑުކޮށްފައި ލޫނާގެ އަތުގައި ހިފާ ވަރަށް ބާރަށް ހިނގަން ފެށި އެވެ. ލޫނާ ރޮނީ އެވެ. އޭނާއަކަށް ޝަކުވާކުރާނެ ގޮތެއް ވެސް އަދި އެއްޗިހި ކިޔާނެ ގޮތެއް ވެސް ނޭނގެ އެވެ.

ހަނދުވަރުގެ އަލީގައި ދޮންވެލި ތުނޑީގައި ރިޒާ މަޑުމަޑުން ލޫނާގެ ލޮލަށް ބަލާލި އެވެ. އެ ލޮލުން އޭނާ އަށް ފެނުނީ ފުރިގެން ފައިބަމުން އަންނަ ކަރުނަތަކެވެ. އެލޮލުން ކުރިމަގަށް ކުރި އުންމީދާއި ވިދުން ވަނީ ގެއްލިފަ އެވެ. ރިޒާއަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. އޭނާ ލޫނާ ގަޔާލާ ފިއްތާލި އެވެ.

"ލޫނާ އެހާ ނުބައިކޮށް ވިސްނާނެ ކަމަކަށް އަހަރެން ހިޔެއްނުކުރަން. ލޫނާ އަށް ތިއަންނަ ބަދަލުތައް އަހަރެންނަށް ނޭނގޭނެ ކަމަށް ހީކުރަނީތަ. ތީ އަހަރެންގެ އަލަތު ލޯބި. އަހަރެންގެ ކުދިންގެ މަންމަ. އަހަރެމެންގެ ގަނޑުވަރުގެ ރާނީ. އަހަރެންނަށް ލޫނާ އަށް ބޭވަފާތެރި ވެވޭނީ ކިހިނެއް؟"

"އެކަމަކު ދޮނާ..." ލޫނާގެ ބަޑިފަޅައިގެން ހިނގައްޖެ އެވެ.

"ލޫނާ. ލޫނާ ސިމް ގަނެގެން ގެންދިޔަ ވާހަކަ އެ ފިހާރައިގެ އިބްރާހިމްބެ ބުނި. ލޫނާ ސިމް ފޮރުވާފައި އޮއްވާ އަހަރެން ދުށިން. ލޫނާ އަށް އަންނަ ބަދަލުތައް އަހަރެންނަށް ކިޔައިދޭ މީހުންވޭ. ލޫނާ ގާތު ވަރަށް ރަނގަޅު ވާހަކައެއް ބުނަންތަ؟ އިންސާނުންގެ ތެރޭގައި ވަރަށް ރީތި މީހުން އުޅޭ. އެކަމަކު އެ މީހާއަކީ އެންމެން ލޯބިވާ މީހާކަށް ނުވާނެ. ލޫނާ ނޫނީ މި ދުނިޔޭގައި އަހަރެން ލޯބިވާ އެކަކު ވެސް ނެތް. އަހަރެންނަށް އަދިވެސް އެންމެ ރީތީ މި ލޯބިލޯބި ލޫނާ. އަހަރެން އަބަދު ވެސް ލޫނާ ދެކެ ވަރަށް ލޯބިވޭ. އަހަރެން ލޫނާ ދޫކޮށްލައިފަ ދާނެ ކަމަށް ދުވަހަކު ވެސް ހީކޮށްގެން ނުވާނެ،" ރިޒާ ލޫނާގައިގައި އަނެއްކާ ވެސް ބައްދާލި އެވެ.

"ހިތެއްގައި ލޯބި ވެސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކުންކަން ލޫނާއަކަށް ނޭނގޭތަ؟ ނުބައި ކަންކަމަށް ޝައްކުކޮށްގެން އަދާވާތްތެރި ތިވެވެނީ ތިމާގެ އަމިއްލަ ނަފުސަށް. މީގެފަހުން އެކަހަލަ ކަމެއް ނުކުރާތި. ހިތަށް ކުޅަދާނަ ނުވާ މިންވަރުން ވިސްނަން ފަށައިފި ނަމަ ތިމާ ހަލަކުވެގެން ހިނގައިދާނެ. ޝައްކުބަލީގެ އަޅަކަށްވެގެން މޮޔައަކަށް ވާންޖެހިދާނެ،" ރިޒާ ނުހަނު ލޯބިން ލޫނާ އަށް ވިސްނައިދިނެވެ.

"ދެން ވެސް ނުބައި ވިސްނުންތައް ވިސްނައިގެން މީހުންނަށް ބިރުދައްކަން ނުދާތި!" އަލީ އައިސް ލޫނާ އާއި ހަމަކުރިއެވެ. ލޫނާ ގަތްލަދުން ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ.

"ރިޒާ އަށް އެނގޭތަ؟ ލޫނާ އަދި ދިޔައީ އަހަރެންގެ މުސްކުޅި މަންމަ ގޮވައިގެން. ގަތްލަދުން ކިރިޔާ މަ މަރުނުވީ،" އަލީ ހޭން ފެށި އެވެ. މި ހިނިގަނޑުގައި ރިޒާ ވެސް ބައިވެރިވި އެވެ.

"މީ އަސްލު އަލީގެ މަންމަގެ ކަންތައް. އެވަރަކަށް ނޫންވިއްޔަ މަ ބޯ ކާލީ،" ލޫނާ ބޭނުންވީ އެ މީހުން ކުރިމަތީ ދެރަ ނުވާށެވެ.

"ނޫން. ލޫނާ ރިޒާ ދެކެ މާބޮޑަށް ލޯބި ވަނީ. އެހާވަރަށް ލޯބިވާކަށް ނުވާނެ." އަލީ ހިނިތުން ވެލި އެވެ. އެ ތިންމީހުން އެކުގައި ވާހަކަ ދައްކަމުން ގެއާ ދިމާއަށް ދިޔައިރު ހަލީމާ ގޭގެ ދޮރާށިން ބޯދިއްކޮށްގެން ބަލަން ހުއްޓެވެ. އޭނާ ވެސް ހުރީ ހިނިއައިސްފަ އެވެ. މީހަކާ ނީންނަން އުޅޭ ސޮރު ދޮނާ އާއި އިންނަން އުޅޭކަން އެނގުމުން އެ ވިޔާނުދާ ދޮނާ އޭނާ އަށް ރަންގަނޑަކަށް ވެއްޖެ އެވެ. ނިމުނީ



More from Mihaaru