ރައީސް އާއި އެމްއާރުއެމްގެ ބައްދަލުވުން: ގޮތެއް ނުނިމޭ، އިތުރަށް މަޝްވަރާކުރަނީ

Sun, 19 Mar 2023 02:04 PM

View on this article on Mihaaru

ރައީސް އާއި އެމްއާރުއެމްގެ ބައްދަލުވުން: ގޮތެއް ނުނިމޭ، އިތުރަށް މަޝްވަރާކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް އެމްއާރުއެމްއަށް ދީފައިވާ ދައުވަތާ ގުޅިގެން އިތުރަށް މަޝްވަރާ ކުރިއަށް ގެންދަން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި މިއަދު ނިންމައިފި އެވެ.

ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެމްއާރުއެމްއާ އެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ބައިވެރިވެވަޑައިގަތެވެ. އެމްއާރުއެމް އިން ބައިވެރިވެވަޑައިގަތީ ރައީސް މައުމޫންގެ އިތުރުން ޕާޓީގެ ރައީސް ފާރިސް މައުމޫން އާއި ސެކްރެޓެރީ ޖެނެރަލް އަބްދުލްއަލީމެވެ.

ތަފްސީލީ ގޮތަކަށް އެ ބޭފުޅުންގެ ޓީމަކާއި އަޅުގަނޑުމެންގެ ޓީމަކާ މަޝްވަރާކުރާ ގޮތަށް އެއްބަސްވެވުނީ. އަޅުގަނޑުމެން ދެންނެވިން ސިޔާސީ އެހެން ފަރާތްތަކާ އެކު ވެސް އަޅުގަނޑުމެން ވާހަކަތައް ކުރިއަށް ގެންދާނެ ކަމަށް. ހަމައެކަނި އެމްޑީޕީއާ އެކު އެކަންޏެއް ނޫން. ރައްޔިތުންނަށް އެންމެ އެކަށީގެންވާ ސޮލިއުޝަނެއް ހޯދައިދިނުމުގެ މަސައްކަތުގައި އެމްއާރުއެމް އިން މި އުޅެނީ. -- ފާރިސް

ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ އެމްއާރުއެމުން ރައީސްގެ އިތުރު ދައުރަަަކަށް ތާއީދުކުރަން އަދި ނުނިންމަ އެވެ. ބައްދަލުވުމުގައި އެމްއާރުއެމް އިން މައިގަނޑު ގޮތެއްގައި ހިއްސާކުރީ، ކޯލިޝަންގެ މި ދައުރުގެ ތަޖުރިބާ އެވެ.

މި ވެރިކަން ގެނައުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ފާރިސް އެ ބައްދަލުވުމާ ގުޅޭ ގޮތުން "މިހާރު"އަަށް ވިދާޅުވީ މިއަދު އެއްބަސްވެވުނީ އެމްޑީޕީއާ އެކު އިތުރަށް މަޝްވަރާ ކުރިއަށް ގެންދަން ކަމަށެވެ.

ފާރިސް: ގޮތެއް ނިންމުމުގެ ކުރިން ކަށަވަރު ކުރަން ބޭނުންވި ކަންކަން ހުރި ކަމަށް ވިދާޅުވި. --ފޮޓޯ/މިހާރު

ކޯލިޝަނަކަށް ދާން ނުވަތަ ނުދާން ނިންމުމުގެ ކުރިން އެމްއާރުއެމް އިން ކަށަވަރުކުރަން ބޭނުންވި ކަންކަން ހުރި ކަމަށް ފާރިސް ވިދާޅުވި އެވެ.

"އޭގެތެރޭގައި އަޅުގަނޑުމެން ދަންނަވާލިން ޖުމްލަކޮށް ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު، ދީނަށް ހުރުމަތްތެރިކޮށް ހިތުމާއި ދީނުގެ އުސޫލްތައް ހިފެހެއްޓުން. އެއާއެކު ކުރިން އެއްބަސްވެފައި ހުރި މަސައްކަތްތައް، ޖިނާއީ އަދުލުގެ ނިޒާމު އިސްލާހުކުރުމާއި އެއާއެކު އެކީގައި ކޮރަޕްޝަނާއި އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމުގެ ކަންކަމާ ގުޅިގެން އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުންވި ކަންތައްތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

"އެކަންކަން ކަށަވަރުކޮށްދެވިއްޖިއްޔާ އަޅުގަނޑުމެންނަށް އެއްބަސްވުމަކަށް އާދެވޭނީ ދެއްތޯ. އެއީ މައިގަނޑުކޮށް އަޅުގަނޑުމެން ދެންނެވި ކަމަކީ."

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް ވިދާޅުވި ގޮތުގައި ބައްދަލުވުމުގައި ގިނަ ވަގުތު ހޭދަވީ 2018 އަށް ހެދި ކޯލިޝަން އެއްބަސްވުމުގެ ތަޖުރިބާއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށެވެ. އެއްބަސްވެވުނު ކަންތައްތަކުގެ ތެރެއިން ކުރެވުނު ކަންތައްތަކާއި ނުކުރެވި ހުރި ކަންކަމާއި ސަބަބުތަކާ ގުޅޭ ގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.

"އެއްބަސްވުމާ ޚިލާފުވެފައި ހުރި ބައެއް ކަންތައްތައް ހުރުމާ އެކު ދެން އެއްބަސްވުމަކަށް ދާ ނަމަ ކޮބައިތޯއޭ ދެވޭނެ ކަށަވަރުކަމަކީ އެއްބަސްވުމާ އެއްގޮތަށް ދެން އަމަލުކުރެވޭނެ ކަމަށް،" ފާރިސް ވިދާޅުވި އެވެ.

"އިތުރަށް ތަފްސީލީ ގޮތަކަށް އެ ބޭފުޅުންގެ ޓީމަކާއި އަޅުގަނޑުމެންގެ ޓީމަކާ މަޝްވަރާކުރާ ގޮތަށް އެއްބަސްވެވުނީ. އަޅުގަނޑުމެން ދެންނެވިން ސިޔާސީ އެހެން ފަރާތްތަކާ އެކު ވެސް އަޅުގަނޑުމެން ވާހަކަތައް ކުރިއަށް ގެންދާނެ ކަމަށް. ހަމައެކަނި އެމްޑީޕީއާ އެކު އެކަންޏެއް ނޫން. ރައްޔިތުންނަށް އެންމެ އެކަށީގެންވާ ސޮލިއުޝަނެއް ހޯދައިދިނުމުގެ މަސައްކަތުގައި އެމްއާރުއެމް އިން މި އުޅެނީ."


More from Mihaaru

...