ދަރުމަވަންތައިގެ އާ އިމާރާތް ބޭނުންކުރަން ފެށުން އަނެއްކާ ވެސް ފަސްކޮށްފި

Sun, 19 Mar 2023 01:38 PM

View on this article on Mihaaru

ދަރުމަވަންތައިގެ އާ އިމާރާތް ބޭނުންކުރަން ފެށުން އަނެއްކާ ވެސް ފަސްކޮށްފި

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ބޭނުންކުރަން ފެށުން އަނެއްކާ ވެސް ފަސްކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފުރަތަމަ މަސައްކަތްކުރީ އަންނަ ބުރާސްފަތި ދުވަހު ފަށާ ރޯދަމަހުގެ ކުރިން، ވިލާ ކޮލެޖު ކައިރީގައި ހަދާ އާ އިމާރާތް ކުދިން ބަދަލުކޮށް، ދަރުމަވަންތަ ސްކޫލު މިހާރު ހިންގާ ވަގުތީ އިމާރާތަށް އަރަބިއްޔާ ސްކޫލްގެ ކުދިން ބަދަލުކުރާށެވެ.

އެހެންވެ، މިދިޔަ ބުރާސްފަތި ދުވަހުގެ ކުރިން ވެލާނާގެ ކައިރީގައި ހުންނަ ދަރުމަވަންތައިގެ ވަގުތީ އިމާރާތް ހުސްކުރަން ވެސް މިނިސްޓްރީން އެ ސްކޫލަށް އެންގި އެވެ. އަދި ވަގުތީ އިމާރާތް ބަލަން އަރަބިއްޔާގެ އިސްވެރިން ވެސް ދިޔަ އެވެ.

އެކަމަކު، ވިލާ ކޮލެޖު ކައިރީގައި ހަދާ އާ އިމާރާތް އެއްކޮށް ނުނިމޭތީ އެ ތަނަށް ބަދަލުވާން ދަރުމަވަންތައިގެ ބެލެނިވެރިން އިންކާރު ކުރި އެވެ.

އެހެންވެ، އަންނަ އޮގަސްޓް މަހު ފަށާ ދިރާސީ އާ އަހަރަށް އެ ތަން ހުޅުވަން ވަނީ ހަމަޖައްސައިފަ އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް "މިހާރު" އަށް ވާހަކަދެއްކި ބެލެނިވެރިޔަކު ބުނީ ކޮމްޕައުންޑެއް އަދި ހޯލެއް ވެސް ނެތް ތަނަކަށް އަވަސް އަރުވާލައިގެން ބަދަލުވާން ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑުމެން [އެތަނަށް] ގޮސްފައި ބަލައިފިން. އެ ކަހަލަ ތަނަކަށް އަވަސް އަރުވާލައިގެން ބޭނުމެއް ނޫން ބަދަލުވާކަށް." ބެލެނިވެރިޔާ ބުންޏެވެ.

އެ ސްކޫލުގެ ދަރިވަރުން ވަގުތީ އިމާރާތުގައި ތިބެގެން ކިޔަވާތާ މިހާރު ހަތް އަހަރުވަނީ އެވެ.

ދަރުމަވަންތައިގެ އާ އިމާރާތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާއެކު އެންމެ ފުރަތަމަ ސޮއިކުރީ ފެބްރުއަރީ 4، 2020 ގަ އެވެ. އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމަން ހަވާލުކުރީ 74.9 މިލިއަން ރުފިޔާއަށެވެ. ނަމަވެސް، ސްކޫލު ކުރެހުމުގައި މައްސަލަތަކެއް ހުރުމުން، އިތުރު 20 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި މިދިޔަ އޮގަސްޓް މަހު ސޮއިކުރި އެވެ. އެއީ، އެ އެއްބަސްވުމުގައި ހިމެނޭ ފިނިޝިން މަސައްކަތްތައް 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ދެ ބްލޮކަކަށް ހަދާ އިމާރާތުގެ އެއްބައި މިދިޔަ މަހުގެ ފަހުކޮޅު މިނިސްޓްރީއާ ހަވާލުކޮށްފި އެވެ. މި މަހުގެ ފަހުކޮޅު ބްލޮކް ބީ ހަވާލުކުރާނެ ކަމަށްވެ އެވެ.

އަރަބިއްޔާގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ލިބިފައި ހުރުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ސްކޫލުގެ ކުދިން ވަގުތީ ގޮތުން ކިޔަވަނީ ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގަ އެވެ. އެކަމަކު، އެ ތަނުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބެލެނިވެރިން ބުނެ އެވެ.

އެ ސްކޫލުގެ ދާއިމީ އިމާރާތް އަޅަން ހަމަޖައްސާފައިވަނީ ބާ ޖަމާލުއްދީން ހުރި ބިމުގަ އެވެ. އެ މަސައްކަތަށް ބާ ޖަމާލުއްދީންގެ އިމާރާތް ތަޅާލަން ވެލްޓްރޭޑިން ކުންފުންޏަށް 2.4 މިލިއަން ރުފިޔާއަށް މެއި 10، 2022 ގައި ހަވާލުކުރި އެވެ. ދެ މަހާއި ބައިގެ ތެރޭގައި އެ ތަން ތަޅައި ނިންމަން ޖެހުނަސް، އަދި ވެސް އިމާރާތް އެއްކޮށް ތަޅާ ނުނިމެ އެވެ.


More from Mihaaru

...