އެމްޕީއެލްއިން މުވައްޒަފުންގެ ދަރިންނަށް ހިލޭ ޑޭކެއާ

Sun, 19 Mar 2023 01:45 PM

View on this article on Mihaaru

އެމްޕީއެލްއިން މުވައްޒަފުންގެ ދަރިންނަށް ހިލޭ ޑޭކެއާ

"ކިޑްސް ކެއާ"ގެ ނަމުގައި އެމްޕީއެލްއިން ޑޭކެއާ ސެންޓަރެއް ހުޅުވައިފި އެވެ.

މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

މ. އޮމަދޫފަންނުގައި މި ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ޑޭކެއާ ސެންޓަރެއް ހެދުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރުން އިޖްތިމާއީ ހަމަޖެހުމާއި، އަންހެނުން ބާރުވެރިކުރުމަށާއި ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް ބާރުއަޅާ ސިޔާސަތުގެ ދަށުން އެ ކުންފުނީގެ މުވައްޒަފުންނަށް ލުއިފަސޭހަކޮށްދިނުމަށް ކަމަށެވެ. އަދި އެފަދަ ސެންޓަރެއް އެމްޕީއެލްގެ އޮފީސް ކައިރީގައި ހުޅުވީ މުވައްޒަފުންނަށް ހުސް ވަގުތުގައި ވެސް ދަރިންނާ އެކު ވަގުތު ހޭދަކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޭކެއާ ސެންޓަރުން ހިދުމަތް ހޯދާ ކުއްޖަކަށް ފަސްޓް ލޭޑީ ފަޒްނާ އަހުމަދު (ކ) ފޮތަކުން އެއްޗެއް ދައްކަވަނީ. -- ފޮޓޯ: އެމްޕީއެލް

އެމްޕީއެލްއިން ބުނި ގޮތުގައި މި ސެންޓަރުގައި ކުދިން ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ އެ ދާއިރާގެ ފަންނީ ގާބިލްކަމާއި ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނެވެ. އަދި އެ ސެންޓަރުގައި ކުދިންނަށް ކުރިއަށް ގެންދާ ޕްރޮގްރާމްތައް ބައްޓަންކޮށްފައިވަނީ އުނގެނުމާއި މުނިފޫހިފިލުވުމުގެ ބައިތައް ހިމެނޭގޮތަށް ކަމަށް ބުންޏެވެ.

މި ޑޭކެއާ ސެންޓަރުގެ ހިދުމަތަކީ ހިލޭ އެ ކުންފުނީގެ މުވައްޒަފުންނަށް ފޯރުކޮށްދޭ ހިދުމަތެކެވެ. މި ސެންޓަރުގައި މިވަގުތު 12 ކުދިން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. ސެންޓަރުގައި ރަޖިސްޓްރީކުރުމަށް ވަކި އުމުރެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

މި ސެންޓަރުގެ ހިދުމަތް ދެނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 7 އިން ރޭގަނޑު 7 އަށެވެ.


More from Mihaaru

...