އެއް ސިނާއަތަކަށް ބަރޯސާވުން ކުޑަކޮށް، ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރަން ޖެހޭ : ވޯލްޑް ބޭންކް

Thu, 09 May 2024 07:11 PM

View on this article on Masverin

އެއް ސިނާއަތަކަށް ބަރޯސާވުން ކުޑަކޮށް، ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރަން ޖެހޭ : ވޯލްޑް ބޭންކް

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް އިތުރު މާކެޓުތަކަށް މަސް އެކްސްޕޯޓުކުރަން މުޙިއްމު ކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.



ވޯލްޑް ބޭންކުން މިކަން ހާމަކޮށްފައިވަނީ އެންމެފަހުން ނެރުނު މޯލްޑިވްސް ޑިވްލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) ރިޕޯޓުގައެވެ.

އެ ރިޕޯޓުގައިވަނީ ރާއްޖޭގެ އިޤްތިސާދު އެންމެ ސިނާއަތަކަށް ބަރޯސާވެފައި އޮތުމުން ލިބޭ ގެއްލުންތައް ފާހަގަކޮށްފައެވެ. އެގޮތުން ދުނިޔޭގެ އިޤްތިސާދަށް އަންނަ ކުޑަ އަސަރުތަކުންވެސް ރާއްޖޭގެ އިޤްތިސާދަށް ބޮޑެތި ގެއްލުންތައް ކުރާނެ ކަމަށް ބުނެފައިވެއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގެތެރެއިންވެސް ތަފާތު އެކި ކަހަލަ ކޮންސެޕްޓުތައް ތަރައްޤީކުރަން ޖެހޭކަމަށް ރިޕޯޓުގައިވެއެވެ.

އަދި މީގެއިތުރުން އިޤްތިސާދު ސިންދަފާތުކުރުމުގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އިސްކަންދޭން ޖެހޭ ކަމަށް ބުނެފައިވެއެވެ. އެގޮތުން މަސްވެރިކަމުގެ މަސް ޕްރޮސެސްކުރުން އިތުރުކޮށް، ކޯލްޑް ސްޓޯރޭޖްތައް ތަރައްޤީކޮށް، އިތުރު މާރކެޓުތަކަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރަން ފެށުމުން މުޙިއްމުކަމަށް ވޯލްޑު ބޭންކުން ހާމަކުރެއެވެ.

އެއް ސިނާއަތަކަށް ބަރޯސާވުން ކުޑަކުރުމަށް ވޯލްޑު ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ސަރުކާރުންވެސް ދަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ މަސް ޕްރޮސެސިން ޕްލާންޓުތަކެއް އެޅުމަށް ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފައެވެ..

މަސް ޕްރޮސެސިންގް ޕްލާންޓް ގާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ދ. މާދެލި، ގދ. ފިޔޯރީ އަދި ޅ. ފެލިވަރުގައެވެ..

ޕްރޮސެސިންގް ޕްލާންޓްގެ ތެރެއިން، މާދެލީގައި މަސައްކަތް ރޭވިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި މަސްވެރި އުޅަނދުފަހަރާއި މަސްކިރާ އުޅަނދުފަހަރާއި މަސް ޓްރާންސްފަރ ކުރުމަށް ބޭނުންކުރާ ކެރިއަރ ބޯޓު ގާތްކުރެވޭ ގޮތަށް ބަނދަރު ހެދުމާއި މަސްގަނެ ފިނިކުރެވޭނެ ފެސިލިޓީތަކާއި އަދި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދެވަނަ ފިޔަވަހީގައި ދުވާލަކު 50 ޓަނު ދަޅުގައި މަސް ބަންދުކުރާ ކޭނަރީއެއް ގާއިމު ކުރަން ހަމަޖެހިފައި ވެއެވެ. ފިޝަރީޒް މިނިސްޓަރީން ލަފާކުރާ ގޮތުގައި މިޕްރޮޖެކްޓަށް 100 މިލިއަން ޑޮލަރު ހަރަދުވާނެއެވެ.

ގދ. ފިޔޯރީގައި މަސްގަނެ ފިނިކުރެވޭނެ ފެސިލިޓީތަކާއި 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއެކު ދުވާލަކު 100 ޓަނުގެ ދަޅުގައި މަސް ބަންދުކުރާ ކޭނަރީއަކާއި، ފިޝްމީލް ޕްލާންޓަކާއި އަދި ރިހާކުރު ފެކްޓަރީއެއް ގާއިމު ކުރެވިގެން ދާނެއެވެ.

މި މަޝްރޫއުއއަށް 60 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ.

އޭގެ އިތުރުން ފެލިވަރުގައި ދުވާލަކު 100 ޓަނުގެ ދަޅުގައި މަސް ބަންދުކުރާ ކޭނަރީއެއް ގާއިމު ކުރަން ނިންމާފައި ވާއިރު، ލަފާކުރެވޭ ގޮތުގައި މިޕްރޮޖެކްޓަށް 25 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މިޕްރޮޖެކްޓްތައް ނިމުމުން ދިވެހިރާއްޖޭގައި 81 ހާސް ޓަނުގެ މަސް ދަޅުގައާއި ޕައުޗްގައި ބަންދުކުރެވޭނެ ކަމަށެވެ. އަދި މިއީ ދިވެހިރާއްޖެއަށް މަހާއި މަހުގެ އުފެއްދުންތަކުން ކުރެވޭ ވިޔަފާރިތަކުން، އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ފުރަތަމަ ފިޔަވަޅަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

 

 



More from Masverin