މިރޭ އާދައިގެވަރަކަށް ކަނޑު ގަދަވާނެ ކަމަށާއި ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މިރެއިން ފެށިގެން މާދަމާ ހެނދުނަށް ލަފާކުރެވޭ މޫސުން އާއްމުކުރަމުން މެޓުން ބުނީ، މިރޭ ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑީގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުންޏެވެ.
އޭގެ އިތުރުން މެޓުން ބުނީ، މިރޭ ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާކަމަށް މެޓުން ބުނެއެވެ.
މިރޭ ވައި ޖެހޭނެ ކަމަށް މެޓުން ލަފާކުރަނީ، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު އަށް މޭލާއި18 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ނަމަވެސް ވިލާގަނޑުގައި ގާތްގަނޑަކަށް35 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
މިރޭ ގަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ2-5 ފޫޓުގައި ކަމަށް މެޓުން ބުންޏެވެ.