ފުވައްމުލައް ސިޓީގައި މަސްމާރުކޭޓް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންގޮސްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ވިދާޅުވީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާކަމަށެވެ.
ފުވައްމުލައް ސިޓީގެ މިހާރުގެ މަސްމާރުކޭޓަށްވަނީ ޖާގައިގެ ދަތިކަން ކުރިމަތިވެފައެވެ. އަދި އާބާދީ އާއި އެއްވަރަށް އެތަނުން ހިދުމަތް ފޯރުކޮށްނުދެވޭ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
އައު މަސްމާރުކޭޓު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މިހާރުގެވެސް މަސްމާރުކޭޓު ހުރި ސަރަހައްދުގައެވެ. މިތަން ވެގެންދާނީ މިހާރު ހުރި ސައިޒަށްވުރެ 2 ގުނަ ބޮޑު ތަނަކަށެވެ.
އައު މަސްމާރުކޭޓު ވާން ޖެހެނީ ފުރޮޅުލީ ގޮނޑީގައި އުޅޭ ފަރާތްތަކަށްވެސް ފަސޭހައިން ވަދެ ނިކުމެވޭނެ ފަދަ ތަނަކަށް ވާން ޖެހެއެވެ. އަދި އެއް ފަހަރާއި 20 ސައިކަލް ޕާކް ކުރެވޭ ވަރުގެ ޕާކިން ޒޯނެއްވެސް އެތަނުގައި ހުންނަން ޖެހެއެވެ.
ކައުންސިލުން ބުނީ އައު މަސް މާރުކޭޓުގައި މަސް ކެނޑުމަށް ހާއްސަ ތަނެއް ހުންނަން ވާނެކަމަށެވެ. އަދި އެތަނުގައި މަދުވެގެން އެއް ފަހަރާ 5 މީހުންނަށް މަސް ކަނޑަން ތިބޭވަރުގެ ޖާގައެއް ހުންނަން ވާނެކަމަށެވެ.
މަސްމާރުކޭޓުގެ ފުރަތަމަ ފަންގިފިލާގައި އޮފީސްތަކަށް ހާއްސަ ސަރަހައްދެއް ހުންނަން ޖެހެއެވެ. އަދި މާރުކޭޓުގެ ފަރުމާކުރުންތައް ހުންނަން ޖެހޭނެ ގޮތުގެ ތަފްސީލްތައްވެސް އެ ސިޓީގެ ކައުންސިލުން ވަނީ ގެޒެޓުގައި ހިއްސާކުރި އިއުލާނާއި އެކު އާއްމުކޮށްފައެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 08 މެއި 2024 ގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކުރަން ޖެހެއެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 13 މެއި 2024 ވާ ހޯމަ ދުވަހުގެ 11:30 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް އަދި ލޯކަލްގަވަރމެންޓް އޮތޯރިޓީ ގައެވެ.