ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް ފުދުންތެރި ދިރިއުޅުމެއް މި ފަސް އަހަރުތެރޭ ހޯދައިދޭން: ރައީސް

Wed, 01 May 2024 03:15 PM

View on this article on Masverin

ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް ފުދުންތެރި ދިރިއުޅުމެއް މި ފަސް އަހަރުތެރޭ ހޯދައިދޭން: ރައީސް

ރައީސުލްޖުމްހޫރިއްޔާގެ އުންމީދު އަދި ޢަޒުމްފުޅަކީ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅާއެކު، ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި 5 އަހަރުގެ ތެރޭ ހޯދައިދެއްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.



އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މަސައްކަތްތެރިންނަށްޓަކައި ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ ކަންކަމުގެ މައްޗަށް ތަފުޞީލީ ގޮތެއްގައި އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން ސަރުކާރުގެ އެކި ޚިދުމަތްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ، އިނާޔަތްތައް އިތުރުކޮށްދެއްވަން މިހާރު ފަށްޓަވާފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި އާމުދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުޞަތު ދިވެހީންނަށް އިތުރަށް ފަހިކޮށްދެއްވުމަށްޓަކައި، ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ކަނޑައަޅާފައިވާކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ހަމަ އެއާއެކު، ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރު ތެރޭގައި ޑީޕޯޓްކުރަން މިހާރު ފަށްޓަވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މަސައްކަތްތެރިންނަށްޓަކައި މިސަރުކާރުން ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ކަންކަން ކުރުމަށް އިސްކަން ދެއްވާކަން ބަޔާންކުރައްވަމުން، މަސައްކަތްތެރިކަން އުނގަންނައިދިނުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދެއްވާނެކަމަށާއި، ޑޭކެއާ ސެންޓަރުތައް ފަދަ ޚިދުމަތްތައް ޤާއިމުކޮށް، ޢާއިލާތަކަށް ފުދުންތެރިކަން އިތުރުކުރުމަށް ފަސޭހަކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިއަދުގެ ޚިޠާބު ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އުންމީދީ މަސައްކަތްތަކާއެކު ދިވެހި މަސައްކަތްތެރީންނަށް އުޖާލާ ކުރިމަގެއް އޮތްކަމުގައި ވިދާޅުވެފައެވެ. އަދި މަސައްކަތްތެރިންނަށް ތިޔާގިކަމުގެ އެތައް ފުރުޞަތުތަކެއް ފަހިވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ދިވެހި ޤައުމަށް މަންފާލިބޭ އެކި ދާއިރާތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަސައްކަތްކޮށްދެއްވަމުން ގެންދަވާ ހުރިހާ ދޭސީންނާއި ބިދޭސީންނަށް ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ.



More from Masverin