ސައިޕްރަސްއަށް މަރުވެގެން ލެއްގި ވެލައެއްގެ ބަނޑުތެރެއިން 500 އަށްވުރެ ގިނަ ޕްލާސްޓިކްކޮޅު ފެނިއްޖެއެވެ.
ސައިޕްރަސްގެ ވެލާ އަރާ މަޝްހޫރު ބީޗެއްކަމަށްވާ އަލަގާޑީ ބީޗަށް މި ވެލާ މަރުވެގެން ލެއްގިއިރުވެސް އޮތީ މަސް ހިފަން ގެންގުޅޭ ދަލެއްގައި ޖެހި ތާށިވެފައެވެ. އަދި އޭތި މަރުވާން މެދުވެރިވި ސަބަބަކީ އެއީ ކަމަށްވެސް ބެލެވެއެވެ.
ވެލާ ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޮރ ދަ ޕްރޮޓެކްޝަން އޮފް ޓާޓަލްސްއިން ވަނީ މި ވެލާގެ ޕޯސްޓް މޯޓަމް ހަދާފައެވެ. މިއާއެކު ވަނީ އޭގެ ބަނޑުތެރެއިން ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮޅުތައް ފެނިފައެވެ.
އެ ޖަމިއްޔާއިން ބުނީ ވެލާގެ ބަންޑުތެރެއިން 552 ޕްލާސްޓިކް ކޮޅު ފެނިފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.