ކަނދުފަތި ކައިރިން މަސްވެރިކަން ކުރުން

Tue, 19 Sep 2023 08:00 AM

View on this article on Masverin

ކަނދުފަތި ކައިރިން މަސްވެރިކަން ކުރުން

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދަށް ގެނެސްފައިވާ އެއް ވަނަ އިސްލާހުގައި، ކަނދުފަތި ކައިރިން މަސްވެރިކަން ކުރުމުގެ އުސޫލުތައް ވެސް ހިމަނާފައި ވެއެވެ.

އެގޮތުން މި މާއްދާގައި ފުރަތަމަވެސް ވަނީ، ދޮށީގެ މަސްވެރިކަން ކުރުމަށް ގާއިމު ކޮށްފައިވާ އޮއިވާލި ކަނދިފަތީގެ ވިއުގައިގައި ހިމެނޭ އެއްވެސް ކަނދުފައްޗެއްގެ ވަށައިގެން ތިން މޭލު ސަރަހައްދުގައި ދިވެހިން ކުރާ ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ފިޔަވާ އެހެން ބާވަތެއްގެ މަސްވެރިކަމެއް ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އަދި، މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަން ކުރުމަށް ގާއިމު ކޮށްފައިވާ އޮއިވާލި ކަނދުފަތީގެ ވިއުގާގައި ހިމެނޭ އެއްވެސް ކަނދުފައްޗެއްގެ ވަށައިގެންވާ އެއް މޭލު ސަރަހައްދުގައި ކަނޑުމަހުގެ ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ.

އޭގެ އިތުރުން، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން، ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށްގެން އަޅާފައިވާ ކަނދުފައްޗެއްގެ ވަށައިގެންވާ ތިން މޭލު ސަރަހައްދެއްގައި އަންނަނިވި ހަރަކާތްތައް ހިންގުމަކީ މަނާކަމެކެވެ.

  • ދިރޭ އެން ޖަހައިގެން އަޑިއަށް ފެއްތުން
  • ވަދު ދެމުމާއި ވަދު ފެއްތުން
  • ނަނު ނުވަތަ ރޯލު ދޫކުރުން
  • އެމުގެ ގޮތުގައި ތާވަޅަ ބޭނުން ކުރުން
  • ކަނދުފަތީގެ އެއްވެސް ބައެއްގައި ވާ އަޅުވައި، ނުވަތަ ވާ އައްސައި، އޭގައި އުޅަނދު އަޅައިގެން ތިބުން
  • އޮއިވާލި ކަނދުފައްޗަށް ނުވަތަ ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާނެ އެއްވެސް އަމަލެއް ހިންގުން
  • ވައިފުޅި އަޅައިގެން ފީނުން

އަދި މިނިސްޓްރީގެ ފަރާތުން، މުނިފޫހި ފިލުވުމަށް ކުރާ މަސްވެރިކަން ކުރުމަށް ހާއްސަކޮށްގެން އަޅާފައިވާ ކަނދުފައްޗެއްގެ ވަށައިގެންވާ އެއް މޭލު ސަރަހައްދުގައި އަންނަނިވި ހަރަކާތްތައް ހިންގުމަކީ މަނާކަމެކެވެ.

  • ކަނދުފަތީގެ އެއްވެސް ބައެއްގައި ވާ އަޅުވައި، ނުވަ ވާ އައްސައި، އޭގައި އުޅަނދުފަހަރު އަޅައިގެން ތިބުން
  • ވައިފުޅި އަޅައިގެން ފީނުން
  • އޮއިވާލި ކަނދުފައްޗަށް ގެއްލުންވާނެ އެއްވެސް އަމަލެއް ހިންގުން، މިއެވެ.

 


More from Masverin