މަރުވެގެން ލައްގާ މަހާއި ކައިރި ނުވުމަށާއި، އެ މަސް ކެއުމަށް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފި

Mon, 18 Sep 2023 08:06 PM

View on this article on Masverin

މަރުވެގެން ލައްގާ މަހާއި ކައިރި ނުވުމަށާއި، އެ މަސް ކެއުމަށް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފި

މިހާރު ރާއްޖޭގެ އެކި ރަށްރަށަށް މަރުވެގެން ލައްގާ މަހާއި ކައިރިނުވުމަށާއި، މަރުވެފައިވާ މަސް ކެއުމަށް ބޭނުން ނުކުރުމަށް މެރިން ރިސަރޗް އިންސްޓިޓިއުޓުން އިލްތިމާސްކޮށްފިއެވެ.

އެ އިންސްޓިޓިއުޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރު ރާއްޖޭގެ އުތުރުގެ ބައެއް ހިސާބުތަކުގައި ގިނަ އަދަދެއްގެ މަސް މަރުވަމުންދާކަމުގެ މައުލޫމާތުދަނީ އެ އިންސްޓިޓިއުޓަށް ލިބެމުން ކަމަށެވެ.

މިހާރު ރިޕޯޓުކުރަމުންދާ މަސް މަރުވުމުގެ ހާދިސާތައް ކުރިމަތިވާ ސަބަބެއް އޮޅުންފިލުވުމަށް އެ އިންސްޓިޓިއުޓުން ދަނީ މަސައްކަތްކުރަމުންނެވެ.

މަސް މަރުވުމުގެ މިފަދަ ހާދިސާތައް 2007، 2008 އަދި 2012ވަނަ އަހަރުވެސް ހިނގާފައިވެއެވެ. މަސް މަރުވުމުގެ ހާދިސާ ކުރިމަތިވާ ސީދާ ސަބަބު އަދި ދެނެގަނެވިފައި ނެތް ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގެ ހާދިސާތަކަށްބަލައި، އެގޮތަށް އެއްފަހަރާ ގިނަ އަދަދެއްގެ މަސް މަރުވުމަށް މެދުވެރިވެދާނެކަމަށް ބެލެވޭ މައިގަނޑު ސަބަބުތަކަކީ ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި، އޮއިވަރު މަޑުވުމުގެ ސަބަބުން ލޮނުގަނޑުގައި ހުންނަ އޮކްސިޖަންގެ މިންވަރު އާދަޔާހިލާފަށް ދަށްވުންކަމަށެވެ.

މި ދުވަސްވަރަކީ އޮއި މަޑު ދުވަސްވަރެއް ކަމުން، ހާއްސަކޮށް ދިޔަވަރު ހިކި ވަގުތުތަކުގައި ބެދިފައިވާ ފަރުތަކުގައި އުޅޭ ދިރޭތަކެއްޗަށް އޮކްސިޖަން ނުލިބި މަސް މަރުވުމަށް މެދުވެރިވާ ސަބަބަކަށްވެއެވެ.

އޭގެއިތުރުން، ބެކްޓީރިއާ އަދި ވައިރަސްގެ އިންފެކްޝަން ތަކަކީވެސް މަސްތަކަށް ބަލިޖެހި އެ މަރުވުމަށް މެދުވެރިވާ ސަބަބުތަކުގެގޮތުގައި އެ އިންސްޓިޓިއުޓުން ފާހަގަކުރެއެވެ.

މީގެކުރިން ހިނގާފައިވާ ހާދިސާތަކަށް ބަލާއިރު، އަދި މި އަހަރުގެ މިހާދިސާއަށްވެސް ބަލާއިރު، އެންމެ ގިނައިން މަރުވެފައިވަނީ ވާލަން ރޮނޑެވެ. ވާލަން ރޮނޑަކީ އެން ނުވަތަ ޕްލެންކްޓަން ކެއުމަށް ފަރުތަކުގެ ބޭރަށްވާގޮތަށް އޮންނަ ގުންޑޮޅިގަނޑުގައި، އޮއިވަރު ބާރު ހިސާބުގައި ގިނަ އަދަދަކަށް އުޅޭ މަހެކެވެ. ކުރިން ބަޔާންކޮށްފައިވާ ސަބަބުތަކާހުރެ، އެމަސްތަކަށް ބޭނުންވާ ވަރަށް ކާއެއްޗެހި ނުލިބުމަކީވެސް އެމަސްތައް މަރުވުމަަށް ދިމާވެދާނެ ސަބަބުކަމަށް ބެލެވޭ ކަމަށެވެ.

މިފަދަ ހާދިސާތައް ދިމާވުމުން މަރުވެ ލައްގާ މަހާއި ކައިރިނުވުމަށާއި، މަރުވެފައިވާ މަސް ކެއުމަށް ބޭނުން ނުކުރުމަށް މެރިން ރިސަރޗް އިންސްޓިޓިއުޓުން އިލްތިމާސްކުރެއެވެ. މަރުވެފައިވާ މަސްތައް ނައްތާލަން އެންމެ ރަނގަޅުގޮތަކީ އިންސިނެރޭޓަރ ބޭނުންކޮށްގެން ނުވަތަ މީހުން ނޫޅޭ ދުރު ހިސާބެއްގައި އެމަސްތައް ވަޅުލުމެވެ. އަދި މިފަދަ މަސްތައް ނަގާ އެއްތަނުން އެނެއްތަނަށް ގެންދިއުމައި، އަންގި އާއި މަސްކް ބޭނުންކުރުމަށާއި، މަސައްކަތް ނިންމުމަށްފަހު ރަނގަޅަށް އަތްދޮވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެ އިންސްޓިޓިއުޓުން އިލްތިމާސްކުރެއެވެ.

މިފަދަ ހާދިސާތައް މޮނިޓަރ ކުރުމަށާއި މެދުވެރިވާން ދިމާވާ ސަބަބުތައް ދެނެގަތުމަށްޓަކައި އެ އިންސްޓިޓިއުޓުން މިހާރު ދަނީ މައުލޫމާތު އެއްކުރަމުންނެވެ. އެހެންކަމުން މިފަދަ ހާދިސާތައް އެ އިންސްޓިޓިއުޓާއި ހިއްސާކުރުމަށްވަނީ އެދިފައެވެ.


More from Masverin