ރައްޔިތުންނާއި މަޝްވަރާނުކޮށް ކައުންސިލުން ނިންމި ނިންމުމެއްގެ ސަބަބުން މާމެންދޫގައި އަޅަން އޮތް އައިސްޕްލާންޓު އެހެން ރަށަކަށް!

Sun, 04 Jun 2023 08:10 AM

View on this article on Masverin

ރައްޔިތުންނާއި މަޝްވަރާނުކޮށް ކައުންސިލުން ނިންމި ނިންމުމެއްގެ ސަބަބުން މާމެންދޫގައި އަޅަން އޮތް އައިސްޕްލާންޓު އެހެން ރަށަކަށް!

ލ. މާމެންދޫގައި ޤާއިމްކުރުމަށް ނިންމާފައިވާ އައިސްޕްލާންޓްގެ މަސައްކަތް އެހެން ރަށަކަށް ބަދަލުކުރުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.



ފިޝަރީޒް މިނިސްޓްރީން މިގޮތަށް ނިންމާ ކައުންސިލަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ލ. މާމެންދޫގައި ޤާއިމްކުރުމަށް ނިންމާފައިވާ 25 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ފާހަގަކޮށްފައިވާ، ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހުރިގޮތުން ދައުލަތުގެ ބަޖެޓުގައި މިހާރު ހިމަނާފައިވާ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ނިމުމުގެ ކުރިން އައިސްޕްލާންޓް ޤާއިމްކޮށް ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ކަމަށެވެ.

އަދި ބަނދަރުގެ މަސައްކަތް ނިމުމުގެ ކުރިން އައިސްޕްލާންޓް ޤާއިމްކޮށްފިނަމަ ބަނދަރުގެ ޖާގައިގެ މައްސަލަތަކެއް ކުރިމަތިވެ ރަށުގެ މަސްލަހަތު ހިފެހެއްޓުމަށް އުނދަގޫވެދާނެކަމަށް އެ ބައްދަލުވުމުގައި ކައުންސިލްގެ ފާހަގަކޮށްފައިވެއެވެ.

ކައުންސިލުން އައިސްޕްލާންޓް ގާއިމްކުރުމުގެ މަސައްކަތް ފެށުމަށް ހުށަހަޅާގޮތަކީ މިހާރު ޕްލޭންކޮށްފައިވާ ގޮތަށް ރަށުގެ ބަނދަރު ޤާއިމްކުރުމުގެ މަސައްކަތް ނިމުމުން އައިސްޕްލާންޓްގެ މަސައްކަތް ފެށުންކަމަށް ކައުންސިލުން ފާހަގަކޮށްފައިވާކަމަށްވެސް ފިޝަރީޒް މިނިސްޓްރީގެ ސިޓީގައި ބުނެފައިވެއެވެ.

ލ.މާމެންދޫގައި ޤާއިމްކުރުމަށް ހަަމަޖެހިފައިވާ އައިސްޕްލާންޓަކީ ސައުދީ ފަންޑުގެ އެހީގައި ޤާއިމްކުރުމަށް ނިންމައި 30 އޭޕްރީލް 2022ގައި ކޮންޓްރެކްޓްކޮށްފައިވާ މަސައްކަތެކެވެ. މިމަސައްކަތް ފުރިހަމަކޮށް ނިންމައި ކޮމިޝަންކުރުމަށް ފެނަކަ ކޯޕަރޭޝަނަށް ދީފައިވަނީ 240 ދުވަހެވެ. މިމަޝްރޫޢުގެ ދަށުން މާމެންދޫގެ އިތުރުން، އިތުުރު4 ރަށެއްގައި އައިސްޕްލާންޓު ޤާއިމްކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

ކައުންސިލުން ހުށަހަޅާފައިވާ ގޮތަށް އައިސްޕްލާންޓް މަޝްރޫޢުގެ މަސައްކަތް ފަސްކޮށްފިނަމަ، ރާއްޖޭގެ 5 ރަށެއްގައި އައިސްޕްލާންޓް ޤާއިމްކުރުމަށް ސަރުކާރުން ފަށައި، މިހާރު ކޮންޓްރެކްޓްކޮށްފައިވާ މަޝްރޫޢު ބޮޑުތަނުން ލަސްވެގެން ދިޔުމުގެ ފުރުސަތު އޮތުމާއެކު، މާމެންދޫގައި ޤާއިމްކުރުމަށް ނިންމާފައިވާ އައިސްޕްލާންޓްގެ މަސައްކަތް އެހެން ރަށަކަށް ބަދަލުކުރުމަށް ފިޝަރީޒް މިނިސްޓްރީން ނިންމާފައިވާ ކަމަށް ކައުންސިލަށްވަނީ އަންގާފައެވެ.

މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓު އެހެން ރަށަކަށް ބަދަލުކުރަން ނިންމުމާއި އެކު އެރަށުގެ މަސްވެރިންނާއި އާއްމުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިފަދަ ކަމަކާއި ގުޅޭގޮތުން ކައުންސިލުން ފިޝަރީޒް މިނިސްޓްރީއަށް ވަކި ގޮތެއް އަންގާފައިވާއިރު އެކަމާއި ގުޅޭގޮތުން ރަށުގެ ރައްޔިތުންގެ ހިޔާލު ހޯދާފައިނުވާކަމަށްވެސް އާއްމުންދަނީ ބުނަމުންނެވެ.



More from Masverin