މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި މަސާޖު ޕާލާތައް ހިންގުމުގެ ހުއްދަ އެއްވެސް އިރަކު ދޫކޮށްފައެއް ނުވާނެ: އިހުސާން

Fri, 23 Aug 2024 11:45 AM

View on this article on Khabaru Online

މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި މަސާޖު ޕާލާތައް ހިންގުމުގެ ހުއްދަ އެއްވެސް އިރަކު ދޫކޮށްފައެއް ނުވާނެ: އިހުސާން

ރާއްޖޭގެ އާބާދީ އޮންނަ ރަށްރަށުގައި މަސާޖު ޕާލާތައް ހިންގުމުގެ ހުއްދަ އެއްވެސް އިރެއްގައި ދޫކޮށްފައި ނުވާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، މިފަދަ ތަންތަން ހިންގާ ދިވެހިންގެ މައްސަލަތައް ހިއުމަން ޓްރެފިކިންގގެ މައްސަލަތަކެއްގެ ގޮތުގައި ބެލޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.



މި ވާހަކަތައް އިހުސާން ދެއްކެވީ ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އުފައްދާފައިވާ ސަރުކާރުގެ ޓާސްކު ފޯސްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އޭނާ ފާހަގަކުރެއްވި ގޮތުގައި މާލެ އާއި އެހެނިހެން ރަށްރަށުގައި ސެލޫންގެ ނަމުގައި މަސާޖު ޚިދުމަތްދޭ ތަންތަން ހިންގަމުންދެއެވެ. އަދި މިފަދަ ބައެއް ތަންތަނުގައި ބިދޭސީން ލައްވާ ހަށިވިއްކުމުގެ ވިޔަފާރިވެސް ކުރެވެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ މިފަދަ ތަންތަނަކީ ހުއްދަ ދީފައިވާ ވިޔަފާރިތަކެއް ނޫންކަމަށާއި، އެހެންކަމުން މިއީ ޤާނޫނާ ޚިލާފު ޢަމަލުތަކެއް ކަމަށެވެ. މިހާ ހިސާބުން ފެށިގެން، ޓާސްކު ފޯސްގެ ރެއިޑްތަކުގައި މިފަދަ ތަންތަން ފާހަގަކުރެވިއްޖެނަމަ ބަންދުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފަދަ ތަންތަނުގެ ވެރިން ނުވަތަ ހިންގުމާ ހަވާލުވެފައިވާ ދިވެހިންގެ މައްސަލަތައް ދެ ގޮތަކަށް ބެލޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިއުމަން ޓްރެފިކިންގގެ މައްސަލަތަކުގެ ގޮތުގައި ތަޙުޤީޤުކުރުން ހިމެނެއެވެ.

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް ޓާސްކު ފޯސްއިން ދެނެގަނެފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އޭގެ ތެރޭގައި ބިދޭސީން ލައްވާ ގަވާއިދާ ޚިލާފަށް މަސައްކަތްކުރުވުމާއި، ބިދޭސީން އެކްސްޕްލޮއިޓްކުރުމާއި، އިހުމާލުވުން ހިމެނެއެވެ. ފަހަކަށްއައިސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ދަށުން އިހުމާލުވާ ފަރާތްތައް 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ދަށުން، ބިދޭސީއަކު ރާއްޖެ ގެނައުމަށްފަހު ވަޒީފާދޭ ފަރާތުން އިހުމާލުވެއްޖެނަމަ ތިން ފިޔަވަޅެއް އެޅޭނެއެވެ. މީގެ ތެރޭގައި އިހުމާލުވާ ފަރާތްތަކުގެ މަޢުލޫމާތު ޢާންމުކުރުމާއި، ކޮންމެ މުވައްޒަފަކަށް 200,000 ރުފިޔާއިން ޖޫރިމަނާކުރުން ހިމެނެއެވެ. އިހުމާލުވުން ކަމުގައި ބެލެވޭނީ މުސާރަ ނުދިނުމާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދިނުމެވެ.

މި ޖޫރިމަނާގެ އަދަދު ބޮޑުކަމަށް ބުނެ އިދިކޮޅު ޕާޓީ އެމްޑީޕީގެ އިތުރުން ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

The post މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި މަސާޖު ޕާލާތައް ހިންގުމުގެ ހުއްދަ އެއްވެސް އިރަކު ދޫކޮށްފައެއް ނުވާނެ: އިހުސާން first appeared on Khabaru Online.



More from Khabaru Online