ކުރިޔަށް އޮތް 8 މަސްތެރޭ ރަސްމާލެ ހިއްކާ ނިންމާނަން: ރައީސް

Sat, 27 Jul 2024 12:43 PM

View on this article on Khabaru Online

ކުރިޔަށް އޮތް 8 މަސްތެރޭ ރަސްމާލެ ހިއްކާ ނިންމާނަން: ރައީސް

ކުރިޔަށް އޮތް 8 މަސްތެރޭ ރަސްމާލެ ހިއްކާ ނިންމާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.



އެމަނިކުފާނު މިކަން ހާމަކޮށްފައިވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ފާއިތުވެގެން މިދާ 8 މަސްތެރޭ ހިއްކާ ނިނުމަށް ރައީސް މުއިއްޒު ފުރަތަމަ ވައުދުވެވަޑައިގެންނެވި ރަސްމާލެ މަޝްރޫގެ ކުރީގެ އެއްބަސްވުންތައް މިހަރު އުވާލާފައިވާކަން ހާމަކުރައްވަމުން، ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ރަސްމާލެ ހިއްކުމަށްފަހު އެ ބިމުން ދެން އެއްވެސް ފަރާތަކަށް އެންމެ އިންޗިއެއްވެސް މިސަރުކާރުން ދޫކޮށް ނުލައްވާނެ ކަމުގައެވެ.

އަދި އެމަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ދެން ކުރިޔަށް ގެންދާނީ ސަރުކާރުގެ ކުންފުނިތަކުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއުގެ ބިންހިއްކުމުގެ މަޝްރޫޢު 8 މަސްތެރޭ ނިންމަވާނެކަމަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ ވިދާޅުވީ މީގެ 7 މަސްކުރިން, ފާއިތުވި ޑިސެމްބަރުމަހުގެ 8 ވަނަ ދުވަހުއެވެ. އަދި އޭރު ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ ސިޓީގެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުދާނެ ކަމަށެވެ.

އެއަށްފަހު އެޗްޑީސީން ބުނީ ރަސްމާލެއިން 1،150 ހެކްޓަރުގެ ބިން ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ޖުމްލަ 70 ހެކްޓަރުގެ ބިން ދިގު މުއްދަތަށް ދީގެން ކަމުގައެވެ. ސީއެމްސީސީއަށް ބިން ދޭން ހަމަޖެއްސީ ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ރަސްމާލެ އިންނެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހިން 10 ހެކްޓަރުގެ ބިން ދީފައިވާއިރު ރަސްމާލެ ހިއްކާ ނިމުމުން އެތަނުން 60 ހެކްޓަރުގެ ބިން ދޭން އޭރު ނިންމާފައިވެއެވެ.

އެހެންނަމަވެސް ސީއެމްސީސީ އާއެކު ވީ މި އެއްވަސްވުންތަކުގެ ތަފްސީލެއް ރޭ ރައީސް ހާމަކުރައްވާފައެއް ނުވެއެވެ.

މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ޙައްލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދެވެ. މިކަމުގައި ރައީސުލްޖުމްހުރިއްޔާ ގެންގުޅުއްވާ އެންމެ ބޮޑު ތަޞައްވުރަކީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި އާބާދުކުރުމެވެ. މިގޮތުން، 1153 ހެކްޓަރުގެ ބިން (ހުޅުމާލޭގެ ގާތްގަޑަކަށް ތިން ގުނަ ބޮޑު ސަރަޙައްދެއް) ފުށިދިއްގަރު ފަޅުން ހިއްކާނެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ. އަދި މި މަޝްރޫޢު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.

The post ކުރިޔަށް އޮތް 8 މަސްތެރޭ ރަސްމާލެ ހިއްކާ ނިންމާނަން: ރައީސް first appeared on Khabaru Online.



More from Khabaru Online