ޔުނީފޯމުގަވެސް، ކުލަ ހެދުމުގަވެސް ބޭރުގެ ސިފައިންގެ މީހަކު މިހާރު ރާއްޖޭގަ ނުހުންނާނެ: ރައީސް

Sat, 27 Jul 2024 11:53 AM

View on this article on Khabaru Online

ޔުނީފޯމުގަވެސް، ކުލަ ހެދުމުގަވެސް ބޭރުގެ ސިފައިންގެ މީހަކު މިހާރު ރާއްޖޭގަ ނުހުންނާނެ: ރައީސް

ރާއްޖޭގެ ދިފާއީ ސިޔާދަތު ކަށަވަރުކުރުމުގެ ގޮތުން ކުރެވުނު ފުރަތަމަ މަސައްކަތަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ގެންދިއުމުގެ މަސައްކަތްކަމަށާއި އިންޑިއާއާއެކު އޮތް ގާތްގުޅުމުގެ ތެރެއިން އެކަން މިހާރު ހާޞިލުކުރެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.



މިކަން މިހާރު ހާޞިލުކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު ރާއްޖޭގައި ޔުނިފޯމް އަޅައިގެން އަދި ޔުނިފޯމު ނާޅާވިޔަސް ބޭރުގެ ގައުމެއްގެ ސިފައިން ނުތިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރު ތަފްޞީލުތައް ދެއްވަމުން އެމަނިކުފާނު ވަނީ އިންޑިޔާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ ޕްލެޓްފޯމުތަކުގައި ތިބި މިލިޓަރީ މީހުން ގެންގޮސް، މަދަނީ މީހުން ބޭނުންކޮށްގެން މިހާރު އެ ޕްލެޓްފޯމުތައް ބޭނުންކުރަން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މަދަނީ މީހުން ބޭނުންކޮށްގެން އޮޕަރޭޓްކުރަން ފެށިފަހުން ބަލިމީހަކު ގޮވައިގެން ހަނިމާދޫން މާލެއަށް ފުރަތަމަ ފްލައިޓް މިރޭ ދަތުރުކޮށްފައިވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ބިޔަ ސަރަހައްދު ރާއްޖެއަށް ނުބެލެހެއްޓޭނަމަ ދިފާއީ ސިޔާދަތު ޔަޤީންނުވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޔޫ.އޭ.ވީގެ އެހީގައި މިހާރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް 24 ގަޑިއިރު ކުރަމުންދާކަމުގައި ވިދާޅުވެފައެވެ. ހަމަ އެހެންމެ ރާއްޖޭގެ ދިފާއީ ބާރު ވަރުގަދަކޮށް ބޭނުންވާ ވަޞީލަތްތައް ހޯދުމާއި ކޯސްޓްގާޑު ދެގުނައަށް ފުޅާކުރުމުގެ މަސައްކަތްވެސް ފެށުމުގެ މަރުހަލާގައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމުގެ ރަތްރޮނގު، ފަވާލެވިފައިވާ ރަތްރޮނގެއްގެ ގޮތުގައި ތާއަބަދަށް ދަމަހައްޓައި ޤައުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ފަޚުރެއްގެ ގޮތުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާކަމުގައެވެ.

The post ޔުނީފޯމުގަވެސް، ކުލަ ހެދުމުގަވެސް ބޭރުގެ ސިފައިންގެ މީހަކު މިހާރު ރާއްޖޭގަ ނުހުންނާނެ: ރައީސް first appeared on Khabaru Online.



More from Khabaru Online