މިނިވަންކަމާއި، އިޤުތިޞާދީ އަދި ދިފާޢީ ސިޔާދަތު ކަށަވަރު ކުރުމަށް މިހާތަނަށް މިސަރުކާރުގެ 449 ނިންމުމެއް!

Sat, 27 Jul 2024 11:08 AM

View on this article on Khabaru Online

މިނިވަންކަމާއި، އިޤުތިޞާދީ އަދި ދިފާޢީ ސިޔާދަތު ކަށަވަރު ކުރުމަށް މިހާތަނަށް މިސަރުކާރުގެ 449 ނިންމުމެއް!

އަމިއްލަވަންތަކަމާއި، އިޤުތިޞާދީ އަދި ދިފާޢީ ސިޔާދަތު ކަށަވަރު ކުރުމަށް ސަރުކާރުން ވަނީ ފާއިތުވި 8 މަސްތެރޭ މުހިންމު 449 ނިންމުމެއް ނިންމާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.



ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކޮށްފައިވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޤައުމުގެ މިނިވަންކަން ޔަޤީންވެގެންދާނީ އިޤުތިޞާދީ ސިޔާދަތާއި އަމިއްލަވަންތަކަމުގެ ސިޔާދަތާއި ދިފާއީ ސިޔާދަތު ޔަޤީން ވެގެންކަމުގައެވެ.

އެގޮތުން މި ސަރުކާރުން މި ވީ 8 މަސްދުވަހުގެ ތެރޭގައި މި ހުރިހާ ދާއިރާއަކުން ގިނަ މަސައްކަތްތަކެއްކޮށް އަދި މިހާރުވެސް ކުރަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުން 17 ބައްދަލުވުމެއް ބާއްވައި 225 ނިންމުމެއް މިހާތަނަށް ނިންމަވާފައިވާކަމަށާއި އިކޮނޮމިކް ކައުންސިލުން 56 ބައްދަލުވުމެއް ބާއްވަވައި 176 ނިންމެވުމެއް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ސޯޝަލް ކައުންސިލުން 16 ބައްދަލުވުމެއް ބާއްވަވައި 48 ނިންމެވުމެއް ނިންމަވައި ތަންފީޒުކުރަން ފަށާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހުރިހާ ކަމެއް ކުރައްވަނީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ރައްޔިތުންނާ މުޚާތަބުކޮށް ވިދާޅުވި ފަދައިން ޤައުމުގެ މިނިވަކަން ކަށަވަރު ކުރުމަކީ އެމަނިކުފާނުގެ އެންމެ މަތީ ޒިންމާކަމުގައި ދެކެވަޑައިގެންކަމުގައެވެ.

ރޭގެ ޖަލްސަގައި ރައީސް މުއިއްޒު ވިދާޅުވީ ފަރުދީގޮތުން މިނިވަންކަން އިހުސާސްނުވާނަމަ ޤައުމުގެ މިނިވަންކަން އެ ފަރުދަކަށް އިހުސާސްނުވާނެ ކަމުގައެވެ. އެގޮތުން، ދިވެހިރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމުގެ ގޮތުން ވަރަށް މުހިންމު އިޞްލާޙީ އެޖެންޑާއެއް ފަށްޓަވާފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ މި އިޞްލާޙީ އެޖެންޑާގެ ދަށުން ސަރުކާރުގެ އެތެރޭގެ ކަންކަން އެކަށީގެންވާގޮތެއްގައި ބައްޓަންކުރެވި، އަމިއްލަ ފަރުދުންނަށް އެފަރާތްތަކުގެ މަސައްކަތުން ފަރުދީ މިނިވަންކަން އިހުސާސްކޮށްދިނުމަށްޓަކައި ސަރުކާރުން މަސައްކަތްތައްދާ ކަމުގައެވެ.

The post މިނިވަންކަމާއި، އިޤުތިޞާދީ އަދި ދިފާޢީ ސިޔާދަތު ކަށަވަރު ކުރުމަށް މިހާތަނަށް މިސަރުކާރުގެ 449 ނިންމުމެއް! first appeared on Khabaru Online.



More from Khabaru Online