ފަރަށް އެރި "ރޯޝަނީ" ބޯޓު އެމްއެންޑީއެފް ޑައިވަރުންގެ އެހީއާއެކު ފުންކޮށްފި

Sun, 05 May 2024 04:49 PM

View on this article on Khabaru Online

ފަރަށް އެރި "ރޯޝަނީ" ބޯޓު އެމްއެންޑީއެފް ޑައިވަރުންގެ އެހީއާއެކު ފުންކޮށްފި
މުދާ ބަރުކޮށްގެން، 16 މީހުންނާއެކު މާލެއިން ގދ.ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި "ރޯޝަނީ" ބޯޓު އެމްއެންޑީއެފް ޑައިވަރުންގެ އެހީއާއެކު ފުންކޮށްފިއެވެ.
އެމްއެންޑިއެފްއިން ބުނެފައިވަނީ މި ބޯޓު ފުންކުރުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމުގައެވެ.
8 ފަޅުވެރިންނާއި 8 ފަސެންޖަރުންނާއެކު ދަތުރުކުރަމުންދިޔަ "ރޯޝަނީ" ބޯޓު، ވ.އަލިމަތާ ރިސޯޓުގެ ހުޅަނގުން 2.3 ނޯޓިކަލް މޭލު އެތެރެއިން ފަރަށް އެރިކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް، ޑައިވަރުންގެ ޓީމަކާއެކު ވަނީ އެ ބޯޓު އޮތް ސަރަހައްދަށް ދަތުރުކޮށްފައެވެ.
ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް އެ ސަރަހައްދަށް ދިޔައިރު، ދިޔަވަރު ހިކިފައި އޮތުމުން، ބޯޓު ފުންކުރުމުގެ މަސައްކަތްކޮށްފައިވަނީ މިއަދު ހެނދުނެވެ. މިގޮތުން، ބޯޓު ފުންކުރެވިފައިވަނީ، ކޯސްޓްގާޑުގެ ޑައިވަރުންގެ އެހީގައި، ބޯޓުގެ ނަގިލި ފުން ހިސާބަކަށް ގެންގޮސްދިނުމުން، އެ ބޯޓުގެ ފަޅުވެރިން ނަގަލި އައްސާފައިވާ ވާގަނޑަށް ދަމައި، ބޯޓު ބޭރުކޮށްގެންނެވެ. މި ބޯޓު ފުންކުރެވިފައިވަނީ މިއަދު 11:11 ހާއިރުއެވެ.
މި ހާދިސާގައި ބޯޓުގެ ހަލްއާ ދިމާލުން ފައިބަރުގަނޑެއް ނައްޓައިގެން ގޮސްފައިވާކަން ކޯސްޓްގާޑުގެ ޑައިވަރުންނަށް ވަނީ ފާހަގަވެފައެވެ. އިތުރު ގެއްލުމެއް ބޯޓަށް ލިބިފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައި ނުވެއެވެ.




More from Khabaru Online