ޑިސްކައުންޓް ދިނުމުގެ ކުރިން ބިލު ދެއްކި މީހުންނަށް އަންނަ މަހުގެ ބިލުން ޑިސްކައުންޓް ދޭނެ

Sun, 05 May 2024 09:02 AM

View on this article on Khabaru Online

ޑިސްކައުންޓް ދިނުމުގެ ކުރިން ބިލު ދެއްކި މީހުންނަށް އަންނަ މަހުގެ ބިލުން ޑިސްކައުންޓް ދޭނެ

ރަމަޟާން މަހު ގޭބީސީތަކުން ބޭނުންކުރި ކަރަންޓުން ޑިސްކައުންޓު ހިމަނާ ރޭގެ ނިޔަލަށް ބިލްތައް ފޮނުވާނެ ކަމަށް ސްޓެލްކޯގެ ހާމަކޮށް، ރޭވަނީ ގިނަ ގޭބިސީތަކަށް ޑިސްކައުންޓް ކޮށްފައިވާ ބިލް ފޮނުވާފައެވެ.



އަދި ރޭގެ ނިޔަލަށް ގޭބިސީތަކަށް ޑިސްކައުންޓް ކޮށްފައިވާ ބިލް ފޮނުވާނެކަން ހާމަކުރައްވަމުން ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެފައިވަނީ، މިދިޔަ ރޯދަ މަހުގެ ބާކީގެ ބައިގެ ކަރަންޓް ބިލުން ޑިސްކައުންޓް ދޭން ސަރުކާރުން ނިންމުމުގެ ކުރިން ބިލުތައް ދެއްކި ފަރާތްތަކަށް އަންނަ މަހުގެ ބިލުން ޑިސްކައުންޓް ދޭނެ ކަމަށެވެ.

ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި އެކަން ސްޓެލްކޯއިން ތަންފީޒުކޮށްފައިވާނެކަމަށެވެ.

އެގޮތުން ރަމަޟާން މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފައިވާ ބިލްތަކުގައި ޑިސްކައުންޓް ހިމަނާފައިވާކަމަށާއި ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައިވެސް ޑިސްކައުންޓު ހިމެނުމަށްފަހު، މި ރޭގެ ނިޔަލަށް އެ ބިލްތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން ޑިސްކައުންޓު ހިމެނުމުން ފަރަޤުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭނެ ކަމަށެވެ.

މީގެއިތުރުން ފަހުމީ ވިދާޅުވީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގަޔާއި، ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ ކޮންމެ ކަމެއް ކުރުމުގައި ސްޓެލްކޯ އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.

The post ޑިސްކައުންޓް ދިނުމުގެ ކުރިން ބިލު ދެއްކި މީހުންނަށް އަންނަ މަހުގެ ބިލުން ޑިސްކައުންޓް ދޭނެ first appeared on Khabaru Online.



More from Khabaru Online