މިއަދު ބޭއްވި 6 ބައި އިލެކްޝަނުގައި 4 ގޮނޑި ކާމިޔާބު ކުރީ ޕީއެންސީން

Sat, 04 May 2024 10:45 PM

View on this article on Khabaru Online

މިއަދު ބޭއްވި 6 ބައި އިލެކްޝަނުގައި 4 ގޮނޑި ކާމިޔާބު ކުރީ ޕީއެންސީން

މިއަދު ބޭއްވި ހަ ކައުންސިލެއްގެ ބައި އިލެކްޝަނުގެ 4 ގޮނޑި ސަރުކާރުގެ މައި ޕާޓީ ޕީއެންސީއިން ކާމިޔާބު ކޮށްފިއެވެ.



އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސަކު ހޮވުމުގެ އިންތިހާބާއި، ހއ. އުތީމާއ، ނ. ވެލިދޫގެ އިތުރުން މ. ލަންދޫގެ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމުގެ އިތުރުން ހއ. ތަކަންދޫ އާއި ރ. އިންނަމާދޫގެ ކައުންސިލްގެ އަންހެން މެމްބަރަކު ހޮވުމުގެ ބައި އިލެކްޝަނެވެ.

މި ބައި އިލެކްޝަންތަކުގެ ނަތީޖާ ދައްކާގޮތުން ކުރީގެ ރައީސް ނަޝީދު އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީންވަނީ ފުރަތަމަ ފަހަރަށް އިންތިޚާބީ ގޮނޑިއެއް ކާމިޔާބު ކޮށްފައެވެ. އެޕާޓީން ކާމިޔާބު ކޮށްފައިވަނީ މިއަދު ބޭއްވި ހަ ކައުންސިލެއްގެ ބައި އިލެކްޝަންގެ ތެރެއިން މ. މަޑުއްވަރީ ކައުންސިލްގެ ރައީސްގެ ގޮނޑިއެވެ.

ކޮމިޝަނުން އާންމު ކުރި ނަތީޖާތައް ދައްކާ ގޮތުން އިންތިހާބުގައި ޕީއެންސީއަށް ހަތަރު ގޮނޑި ކާމިޔާބު ކުރެވުނެވެ. އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް އެއް ގޮނޑި އަދި، ޑިމޮކްރެޓްސްއިން ވަނީ އެއް ގޮނޑި ކާމިޔާބު ކޮށްފައެވެ.

އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ހއ. އުތީމު ކައުންސިލްގެ މެމްބަރުކަން ޕީއެންސީގެ އިބްރާހިމް ސުނާނަށް ލިބުނު އިރު، ލަންދޫގެ ގޮނޑި ލިބުނީ އެމްޑީޕީގެ މެމްބަރު އަބްދުﷲ އާރިފަށެވެ. އަދި ވެލިދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓު އަބްދުﷲ ރައްޒާގު އެވެ.

ކައުންސިލްގައި އަންހެނުނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ތެރެއިން، ތަކަންދޫގެ ކައުންސިލަށް އިންތިހާބުވެފައި ވަނީ ޕީއެންސީގެ ސަމީނާ މުހައްމަދެވެ. އަދި އިންނަމާދޫގެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީގެ މެމްބަރު އައިޝަތު ސަމާހާ އެވެ.

މިފަހުން ބޭއްވި ކައުންސިލްތަކުގެ ބައި އިލެކްޝަނުގެ ގިނަ ގޮނޑިތައް ލިބިފައި ވަނީ ޕީއެންސީއަށެވެ. އަދި މި މަހުގެ 28 ގައި އައު ދައުރަކަށް ހުވާ ކުރުމަށް ތައްޔާރުވެފައިވާ 20 ވަނަ މަޖިލީހުން ވެސް ސަރުކާރަށް ވަނީ 93 ގޮނޑީގެ ތެރެއިން 76 ގޮނޑިއާއި އެކު ސުޕަ މެޖޯރިޓީ ލިބިފަ އެވެ. މި އިންތިޚާބު ޑިމޮކްރެޓްސްއިން ނިންމާލީ %2ގެ ވޯޓާއި ސުން ގޮނޑިއާއެކުއެވެ.

The post މިއަދު ބޭއްވި 6 ބައި އިލެކްޝަނުގައި 4 ގޮނޑި ކާމިޔާބު ކުރީ ޕީއެންސީން first appeared on Khabaru Online.



More from Khabaru Online