ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިއަހަރު ޑައިލަސިސްގެ ޚިދުމަތް ފަށަނީ

Tue, 30 Apr 2024 11:50 AM

View on this article on Khabaru Online

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިއަހަރު ޑައިލަސިސްގެ ޚިދުމަތް ފަށަނީ

ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި މިއަހަރު ޑައިލަސިސްގެ ޚިދުމަތް ފެށުމަށް ހަމަޖައްސައިފިއެވެ.



މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު މިއަދު ދެއްވަމުން ހެލްތު މިނިސްޓްރ ޑރ. ޚަލީލްއެވެ.

ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު  އަހުމަދު ސަލީމްގެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ޚަލީލު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ މައި ހޮސްޕިޓަލަށް އޮތް ޑިމާންޑް ކުޑަކުރުމަށް ކަމަށެވެ. އެގޮތުން އަތޮޅު އަދި ރީޖަނަލް ހިސްޕިޓަލް ފެންވަރު ރަގަޅުކޮށް އާ ޚިދުމަތްތައް ފެށުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި އޭނާ ވިދާޅުވިއެވެ.

ޚަލީލު ވިދާޅުވީ އޭގެ ތެރޭގައި ރީޖަނަލް ހޮސްޕިޓަލްތަކުގައި މީގެ ކުރިން ނުލިބޭ އެމްއާރުއައި، ސީޓީ ސްކޭން އަދި ޑައިލިސިސް ހިދުމަތް ހިމެނޭ ކަމަށެވެ.

އަޅުގަނޑުމެން މި ބަލަނީ މި އަހަރުގެ ތެރޭގައި ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށިގެން ދާނެ ކަމަށް. ހަމައެއާއެކު، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ތިނަދޫގައި ހުރި ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، މި ތަންތަނުގައި ހިދުމަތް ރަނގަޅުކުރުމަށްޓަކައި ހާއްސަ ޕްލޭނެއްގެ ދަށުން މަސައްކަތްތައް ކުރިއަށް އެބަ ގެންދަން.

އޭނާ ވިދާޅުވި އެވެ.

ޚަލީލު ވިދާޅުވީ މި ޚިދުމަތްތައް ފެށިގެން ދިއުމުން ބޭސްފަރުވާއަށް ރަށްރަށުން މާލެ އަންނަންޖެހޭ މީހުންގެ އަދަދު މަދު ކުރެވިގެންދާނެ ކަމުގައެވެ.

ރާއްޖޭގައި ޑައިލަސިސްގެ ޚިދުމަތް މިހާރު ލިބޭ ތަންތަނުގެ ތެރޭގައި އައިޖީއެމްއެޗާއި ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލްގެ އިތުރުން ރީޖަނަލް ގިނަ ހޮސްޕިޓަލްތަކާއި ފުވައްމުލަކު އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ބ. އޭދަފުށި އަދި ޅ. ނައިފަރުގެ އަތޮޅު ހޮސްޕިޓަލްތައް ހިމެނެއެވެ.

The post ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިއަހަރު ޑައިލަސިސްގެ ޚިދުމަތް ފަށަނީ first appeared on Khabaru Online.



More from Khabaru Online